ރިޔާޒު (މާޗް 3): ސައުދީ އަރަބިއާގައި ހުރި އެގައުމުގެ މީހަކަށް ކޮރޯނާވައިރަސް ޑިޒީސް (ކޮވިޑް-19) ޖެހިއްޖެ ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.
ސައުދީ ހެލްތު މިނިސްޓްރީން އިއްޔެ ޓުވިޓާ މެދުވެރިކޮށް ބުނި ގޮތުގައި ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި މީހާއަކީ އީރާނަށް ދިޔުމަށް ފަހު ބަހުރެއިން މަގުން އެނބުރި ގައުމަށް ދިޔަ މީހެކެވެ. އަދި އެމީހާ ސައުދީއަށް އެތެރެވެފައި ވަނީ އީރާނަށް ދަތުރު ކުރިކަން ހާމަނުކޮށެވެ.
ސައުދީ ޕްރެސް އޭޖެންސީން ވަނީ ބަލި ޖެހުނު މީހާއަށް މިހާރު ފަރުވާ ދެމުންދާ ކަމަށާއި އޭނާ އެނބުރި އައި ފަހުން ބައްދަލުވި މީހުންވެސް މިހާރު އެކަހެރިކޮށް، ޓެސްޓު ކުރަމުންދާ ކަމަށް ބުނެފަ އެވެ.
ސައުދީ އަރަބިއާއިން ކޮރޯނާވައިރަސް ފެނިފައި ވަނީ އެ ވައިރަސް ފެތުރުން ހުއްޓުވުމަށް މިދިޔަ ހަފްތާގައި އެގައުމުން ހާއްސަ ފިޔަވަޅުތަކެއް އެޅި ފަހުންނެވެ. އެގޮތުން ބޭރު ގައުމުތަކުގެ މީހުން އުމްރާއަށް ދިޔުން ހުއްޓުވުމާއި ވައިރަސް ފެނިފައިވާ 25 ގައުމެއްގެ ފަތުރުވެރިން އެގައުމަށް ދިޔުން ވަނީ މަނާކޮށްފަ އެވެ.
މީގެ އިތުރުން އެގައުމުގެ ހެލްތު މިނިސްޓްރީން ވަނީ ކޮވިޑް-19އަށް ފަރުވާ ދިނުމަށް 25 ހޮސްޕިޓަލެއް ތައްޔާރުކޮށްފައިވާ ކަމަށާއި ކަރަންޓީނު ކުރާ މީހުންނަށް 2،200 އެނދު ހާއްސަކޮށްފައިވާ ކަމަށް ބުނެފަ އެވެ.
މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ޗައިނާއިން ފުރަތަމަ ފެނުނު އާ ބާވަތުގެ ކޮރޯނާވައިރަހުގެ ސަބަބުން އެގައުމުން ބޭރުގައި އެންމެ ގިނަ އަދަދަކަށް މީހުން މަރުވެފައި ވަނީ އީރާނުގަ އެވެ. އެއީ 66 މީހުންނެވެ. އަދި އެގައުމުގައި 1،501 މީހުން ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ.
މުޅި ދުނިޔޭގައި މިހާތަނަށް 90,931 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ އިރު އޭގެ ސަބަބުން މަރުވި މީހުންގެ އަދަދު ވަނީ 3,125އަށް އަރާފަ އެވެ. އަދި ކޮވިޑް-19 ޖެހުނު 48,146 މީހަކު ވަނީ މިހާތަނަށް ރަނގަޅުވެފަ އެވެ.