އުރީދޫ މޯލްޑިވްސްގެ އާންމު ހިއްސާދާރުން ތަމްސީލް ކުރާ ޑިރެކްޓަރަކަށް ފަރީހާ ޝަރީފް އައްޔަނު ކޮށްފި އެވެ.
މިރޭ ކުރުނބާ މޯލްޑިވްސް ގައި ބޭއްވި އުުރީދޫގެ އަހަރީ އާންމު ޖަލްސާގައި އެ މަގާމަށް ފަރީހާ އައްޔަނު ކުރުމަށް 526 ހިއްސާދާރުން ވޯޓު ދިނެވެ.
ފަރީހާގެ އިތުރުން އުރީދޫގެ ބޯޑަށް ވާދަކުރެއްވީ އިބްރާހިމް ފިރުޝާން އާއި އާއިޝަތު ހުސެން މަނިކުގެ އިތުރުން އިބްރާހިމް ޝަރީފް މުހައްމަދެވެ.
ފަރީޙާ ޝަރީފް އަކީ މީގެ ކުރިން ބޭންކް އޮފް މޯލްޑިވްސްގެ ޗެއާޕާސަންކަން ކުރައްވާފައިވާ ބޭފުޅެކެވެ. ފައިނޭންސް އާއި އެކައުންޓިންގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ފަރީހާއަކީ އެފްޖޭއެސް އެސޯސިއޭޓްސްގެ ސީނިއާ ޕާޓްނަރެއްގެ އިތުރުން ފައުންޑަރެއް ވެސް މެ އެވެ. މީގެ އިތުރުން ފަރީހާ ވަނީ، ކޭޕީއެމްޖީ އަދި އެޑަމް ސްމިތު އިންޓަނޭޝަނަލް ފަދަ އޮޑިޓް ފާމްތަކުގައި މަސައްކަތް ކުރައްވައިފަ އެވެ.
މިރޭ ބޭއްވި އުރީދޫގެ އަހަރީ އާންމު ޖަލްސާގައި ހިއްސާ ދާރުންނާއި ޕްރޮކްސީ އާއެކު ޖުމްލަ 1314 ހިއްސާދާރުން ތަމްސީލު ކޮށްފައިވެ އެވެ.
މިރޭގެ ޖަލްސާގައި އެކުންފުނީގެ މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާ އަކަށް 3.30 ރުފިޔާ ބަހަންވެސް ވަނީ ފާސްކޮށްފަ އެވެ. މީގެ އިތުރުން މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ އާއި ހާއްސަ ގޮތުން ބޭއްވި އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކޮށް އެ ކުންފުނީގެ އޮޑިޓަރުންގެ ގޮތުގައި ޕްރައިސްވޯޓާ ހައުސް ކޫޕާސް (ޕީޑަބްލިއުސީ) ވަނީ ހަމަޖައްސައިފަ އެވެ. އުރީދޫ އޮޑިޓް ކުރުމުގެ ފީގެ ގޮތުގައި އެކުންފުނިން ނަގަނީ 60،000 ޑޮލަރެވެ.
އުރީދޫގެ ހިއްސާގެ ތެރެއިން އާންމުން ހިއްސާ ވަނީ އެކުންފުނީގެ ޖުމްލަ ހިއްސާގެ 9.5 ޕަސެންޓެވެ. ބާކީ 90.5 ޕަސެންޓަކީ އުރީދޫގެ މައި ކުންފުނި، ވަތަނިއްޔާ އިންޓަނޭޝަނަލްގެ ހިއްސާ އެވެ.