ވަކީލުންގެ ގާނޫނު އިސްލާހު ކުރަން ގޮވާލާ ޕެޓިޝަނެއް!

ޖެނުއަރީ 31، 2019: ގިނަ އަދަދެއްގެ ގާނޫނީ ވަކީލުން ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގާނޫނީ ފަންނުގެ ގާނޫނުގެ ސަބަބުން، މިހާރު ކުރިމަތިވެފައިވާ ދަތިތަކަށް އަވަސް ހައްލެއް ހޯދުމަށްޓަކައި އެ ގާނޫނު އިސްލާހު ކުރަން ގޮވާލާ ޕެޓިޝަނެއް ހުށަހެޅުމުގެ މަސައްކަތް އެ ދާއިރާއިން ކިޔަވާ ދަރިވަރުން ފަށައިފި އެވެ.

މިދިޔަ އަހަރު ވުޖޫދަށް އައި ގާނޫނީ ފަންނުގެ ގާނޫނުގެ ސަބަބުން އެ ދާއިރާއިން ދަސްވެނިވެފައިވާ އެތައް ދަރިވަރުންނަކަށް ވަނީ ހުވާ ނުކުރެވި މަޑުކުރަންޖެހިފަ އެވެ. ގާނޫނުގައި ގޮތުން ނަމަ، ވަކީލުކަމުގެ ލައިސެންސް ލިބެނީ އެއް އަހަރު ދުވަހުގެ ތަމްރީނެއް އަދި ބާ އިމްތިހާނެއް ފުރިހަމަ ކުރުމުންނެވެ.

ދަރިވަރުން މިހާރު ތައްޔާރުކުރަމުންދާ ޕެޓިޝަނުގައި ބުނެފައި ވަނީ، ތަމްރީނު ހަދަން ކަނޑައެޅިފައިވާ ތަންތަނުގެ އަދަދު މަދުވުމުން އެ ތަންތަނުން ހުރިހާ ދަރިވަރުންނަށް ތަމްރީނު ދެވޭނެކަމާއިމެދު ސުވާލު އުފެދޭ ކަމަށެވެ.

ވަޒީފާ އަދާކުރާ ދަރިވަރުންނަށް މި ތަމްރީނަކީ ތަކުލީފެއްކަމަށް ޕެޓިޝަނުގައި ބުނެފައިވާއިރު ތަމްރީނު ދޭ ތަންތަނުން ދަރިވަރުން އަތުން ތަމްރީނަށް ފީއެއް ނެގުން އެކަށީގެންވާތީ، ޕެޓިޝަނުގައި ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ދަރިވަރުންގެ ފަރާތުން ވާހަކަދެއްކި އަލީ ތިހުނާން ފަޒީން ބުނިގޮތުގައި މިހާރު އުސޫލުތައް އޮތް ގޮތުން، ދުވަސްވާވަރަކަށް ދަރިވަރުންނަށް ލިބޭ ގެއްލުންއިތުރުވެ އެހާލުގައި ޖެހޭ ދަރިވަރުންގެ އަދަދުވެސް އިތުރުވާނެ އެވެ.

ތިހުނާން ބުނި ގޮތުގައި މި އަހަރުގެ ކުރީކޮޅު ގައުމީ ޔުނިވާސިޓީއިން ވަނީ ރެކޯޑް އަދަދަކަށް ގާނޫނު ކިޔަވައިގެން ކުދިން ގްރެޖުއޭޓްވެފަ އެވެ. އެހެންނަމަވެސް ގާނޫނުގެ ސަބަބުން މިހާރު އެ ދާއިރާއިން ތައުލީމު ހާސިލުކުރަން ކުދިން ޖެހިލުންވެދާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ބުންޏެވެ.

އެގޮތުން މިއަހަރުގެ ފެބްރުއަރީ އިންޓޭކްއަށް ގައުމީ ޔުނިވާސިޓީގައި ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީއަށް ކިޔެވުމަށް ކުދިން ބައިވެރިވީ ކިރިޔާ ކުލާހެއް ހަމަވާހާ މަދު މިންވަރަށްކަމަށް ތިހުނާން ބުންޏެވެ.

ތަމްރީނު ދިނުމަށް ޝަރުތު ފުރިހަމަވާ ސުޕަވައިޒަރުންގެ އަދަދު މަދުވުމުގެ އިތުރުން ގާނޫނުގެ ކުރިން ކިޔަވަން ފެށި އަދި ދަސްވެނިވެފައިވާ ދަރިވަރުންނަށް މި ގާނޫނުގެ ދަށުން އަމަލުކުރުމަކީ ގާނޫނު އަސާސީގެ ރޫހާއި ޙިލާފްކަމެއްކަމަށް ޕެޓިޝަނުގައި ބުނާއިރު ގާނޫނަށް އިންތިގާލީ މަރުހަލާއެއް އިތުރުކޮށް އިސްލާހުކުރުމަށް ޕެޓިޝަނުގައި ވަނީ ގޮވާލައިފަ އެވެ.

ސަރުކާރު ހިންގާ އެމްޑީޕީގެ މެންބަރެއްގެ ފަރާތުން މަޖިލީހަށް މި ޕެޓިޝަން ހުށަހަޅަން ދަރިވަރުން މަސައްކަތްކުރަމުންދާއިރު އެކަން ނާކާމިޔާބުވެއްޖެނަމަ މިނިވަން މެންބަރެއްގެ ފަރާތުންވެސް މި ޕެޓިޝަން މަޖިލީހަށްލުމުގެ މަސައްކަތްކުރާނެކަމަށް ދަރިވަރުން ވަނީ ބުނެފަ އެވެ.

ދަރިވަރުންގެ މި ޕެޓިޝަންގައި ސޮއިކުރުމުގެ މަސައްކަތް ފެށިތާ މާ ގިނަ ދުވަސްތަކެއް އަދި ނުވާއިރު ތިހުނާން ބުނިގޮތުގައި މިހާތަނަށް 370 ފަރާތަކުން ވަނީ ޕެޓިޝަނުގައި ސޮއިކޮށްފަ އެވެ.

ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދުވެސް ވިދާޅުވެފައިވާ ގޮތުގައި، ގާނޫނީ ފަންނުގެ ގާނޫނު އޮތް ގޮތުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވެ އެވެ. އަދި އެ ގާނޫނު އިސްލާހުނުކޮށް މައްސަލަތައް ހައްލު ނުކުރެވޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް