ކާމިޔާބު ފިލްމު ކުންފުނި ޑާކްރެއިން އެންޓަޓެއިންމަންޓުގެ އާ ފިލްމު "ބަޅިނދު"ގެ ފަސްޓްލުކް ދައްކާލައިފި އެވެ.
ފަސްޓްލުކް އިން ފިލްމުގައި ހަރަކާތްތެރިވާނެ ތަރިން ފެނިގެންދިޔަ އިރު އާދިއްތަ ދުވަހު ވަނީ ފިލްމުގެ ޓީޒާ ދައްކާލައިފަ އެވެ. އެ ޓީޒާއިން ފެނިގެންދަނީ އަކަ ޖެހި ދޮލަގެކެވެ. އެއީ ތަށި ދުއްވަން ބޭނުންކުރާ އާލާތެކެވެ.
ބިރުވެރި ޖޯންރާ އަށް ތައްޔާރުކުރާ އެ ފިލްމަކީ ޑާކްރެއިންއެންޓަޓެއިންމަންޓުގެ 14 ވަނަ ފިލްމުކަން ވެސް ފާހަގަކޮށްލެވެ އެވެ. މާލެ އަދި ހުޅުމާލޭގައި ޝޫޓްކުރުމަށް ހަމަޖެހިފައިވާ އެ ފިލްމަކީ ހޫދު އިބްރާހިމް ލިޔެ އަހްމަދު ޝިނާން ޑައިރެކްޓްކުރާ ފިލްމެކެވެ.

ބަޅިނދު ގެ ޕޯސްޓަރެއްްގައި ޝަރާ---
މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ދިވެހި ފިލްމު ބޮސް އިން ފިލްމީ ދާއިރާއަށް ތައާރަފްވި މުހައްމަދު ޔުނާން، ޖުމައްޔިލް ނިމާލް (ޖުމަލް)، އިސްމާއިލް ޖުމައިހް (ޖުމާ)، އައިމިނަތު ރަޝްފާ (އާޝާ)، ޝަރާގެ އިތުރުން ހުނޭޝާ އާދަމް ނަސީރު ހިމެނެ އެވެ.
މި ފިލްމަކީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ތައްޔާރުކުރާ ފިލްމެކެވެ. މި ފިލްމު މިއަހަރު ފަހުކޮޅު ސިނަމާތަކަށް ގެނައުމަށް ފިލްމުގެ ޓީމުން އަންނަނީ މަސައްކަތްކުރަމުންނެވެ.

ބަޅިނދު ގެ ޕޯސްޓަރެއްގައި ޖުމާ---
ފިލްމު ކުންފުނި ޑާކްރެއިންގެ ކުރިއަށް އޮތް ފިލްމަކީ "ނޮވެމްބަރު" އެވެ. އެ ފިލްމު ރިލީޒްކުރާނީ އަންނަ ޖުލައި މަހުގެ ހަވަނަ ދުވަހު އެވެ.