ރާއްޖޭގެ ލީޑިން ކޮލެޖެއް ކަަމަށްވާ ސައިރިކްސް ކޮލެޖުން މެލޭޝިއާގެ މެލޭޝިއަން ސައިންސް ޔުނިވާސިޓީ (އެމްއެސްޔޫ)އާއެކު ސްޓޫޑަންޓް އެކްސްޗޭންޖް ޕްރޮގްރާމެއް ފަށަން ނިންމިފިއެވެ.
އެކަމާ ގުޅޭ އެއްބަސްވުމެއް މިއަދު ސައިރިކްސްއިން އެމްއެސްޔޫއާއެކު ވަނީ ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުނ ސައިރިކްސްގެ ސްޓާފުންނަށް އެމްއެސްޔޫގައި ތަމްރީން ދިނުމާއި އަދި އެ ޔުނިވާސިޓީގެ ކޯސްތައް ސައިރިކްސްގައި ކިޔަވައިދިނުމަށް ވަނީ ނިންމައިފައެވެ.

މެލޭޝިއާގެ އެމްއެސްޔޫގެ ދަރިވަރުން ރާއްޖޭގައި--- ފޮޓޯ: ސައިރިކްސް
" އެކްސްޗޭންޖްގެ ތެރޭގައި ދެ ގޮތަކަށް މި އެކްސްޗޭންޖްތައް ހިނގާނީ. އެއްގޮތަކީ ސެމިސްޓަރަކަށް ކުދިން މިކޮޅަށް އައިސް އަޅުގަނޑުމެންގެ ކޯހުގައި އެއް ސެމިސްޓަރު ހަދާފައި އެކޮޅަށް އަނބުރާ ދެވޭގޮތަށް. އަޅުގަނޑުމެންގެ ދަރިވަރުންވެސް މެލޭޝިއާގައި ސެމިސްޓަރެއް ހަދަން ބޭނުންވެއްޖިއްޔާ ހަމަ އެގޮތަށް ދެވޭގޮތަށް،" ސައިރިކްސް ކޮލެޖުގެ ރެކްޓާ ޑރ. އަލީ ފަވާޒް ޝަރީފް ވިދާޅުވިއެވެ.

މެލޭޝިއާގެ އެމްއެސްޔޫގެ ދަރިވަރުން ރާއްޖޭގައި--- ފޮޓޯ: ސައިރިކްސް
އޭގެ އިތުރުން ކުރުމުއްދަތުގެ އެކްސްޗޭންޖް ޕްރޮގްރާމްތައްވެސް ހިންގާނެކަމަސް ފަވާޒް ވިދާޅުވިއެވެ. އެގޮތުން މިހާރުވެސް އެމްއެސްޔޫގެ ދަރިވަރުންތަކެއް ކޮމިއުނިޓީ ސާވިސް ޕްރޮގްރާމެއްގެ ދަށުން ރާއްޖޭގައި ދަނީ ހަރަކާތްތެރިވަމުންނެވެ. އޭގެ ތެރޭގައި އެމްއެސްޔޫގެ 12 ދަރިވަރުންނާއި ދެ ލެކްޗަރާއިން ހިމެނެއެވެ.