އަނަސްގެ ބަހަނާއެއް ނެތް، ވައުދަކީ ނަތީޖާ ނެރުން!

ފެބްރުއަރީ 29، 2020: މާލޭގެ މޭޔަރުކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރާ އަނަސް އަބްދުއްސައްތާރު ސަން އަށް އިންޓަވިއު ދެއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖީލަކަށް ފަހު ޖީލަކުން ގޯތިތައް ބައިކޮށް، ފޮތިފޮތިކުރަންޖެހުމުގެ ނަތީޖާއެއްގެ ގޮތުން މާލޭގެ އެތައް ރައްޔިތުންނެއް ވަންނާނެ ތަނެއް ނެތި ބޯހިޔާވަހިކަމަށް ޖެހިފައި އެބަ ތިއްބެވެ. ރައްޔިތުން އެއް ތަނަކަށް ޖަމާކުރުމުގެ ޒަމާންވީ ސިޔާސަތެއްގެ ސަބަބުން މުޅި މާލެ ތޮއްޖެހި ދިރިއުޅެން ދަތި ތަނަކަށް މިވަނީ ވެފައެވެ. ފެހިކަން ގެއްލި އެއްގަމު އުޅަނދުގެ އަޅަކަށްވެފައިވާ މި ސިޓީގައި ބިރަކާނުލައި ފިޔަވަޅެއް އަޅާލާނެހާ ޖާގައެއްވެސް ނެތެވެ.

މިއީ މާލޭގައި އުޅެބޮޑުވި މ. ބަޑިކުޅިމާގެ، އަނަސް އަބްދުއްސައްތާރުގެވެސް ކަންބޮޑުވުމެވެ. މާލޭގެ މޭޔަރު ކަމަށް އެމްޑީޕީގެ ޓިކެޓުގައި އޭނާ ވާދަކުރައްވަނީ މިފަދަ ކަންކަން މާޒީއަށް ހެދުމުގެ އަމާޒާ އެކު އެވެ.

ނަތީޖާ ނެރެވޭނެ ކަމުގެ އިތުބާރާ އެކު

މާލޭގެ މަގުތަކާއި، ބޯހިޔާވަހިކަމާއި، ތޮއްޖެހުމުގެ މައްސަލައާ އެތައް މޭޔަރަކު އޮޅުލައިފި އެވެ. އެއިން އެއްވެސް ބޭފުޅަކަށް މި ކަންކަމަށް އަދި ދާއިމީ ހައްލެއް ހޯދައިދެވިފައެއް ނުވެ އެވެ.

އަނަސް ވިދާޅުވި ގޮތުގައި އެ ތިން ކަމަކީ މާލޭގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުންތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ޑޯޓުޑޯ ހަރަކާތްތަކުގެ ތެރެއިން ރައްޔިތުން އެންމެ ބޮޑަށް އޮއްސާލި އެ ޝަކުވާތަކަކީ އޭނާގެ މޭޔަރުކަމުގައި ހައްލު ކުރައްވަން އެންމެ އިސްކަމެއް ދެއްވާނެ ކަންތައްތަކެެވެ.

ފެބްރުއަރީ 29، 2020: މާލޭގެ މޭޔަރުކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރާ އަނަސް އަބްދުއްސައްތާރު ސަން އަށް އިންޓަވިއު ދެއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުން އެދޭ ހައްލުތައް ހޯދަން މިހާރު ބޯޅަ އޮތީ އެމްޑީޕީގެ ދަނޑުގަ އެވެ. މައި ސަރުކާރު ހިންގަނީ އެމްޑީޕީއިންނެވެ. ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީވެސް އެ ޕާޓީއަށް ވަނީ ލިބިފަ އެވެ. އެހެންކަމުން، ކައުންސިލަށް ހޮވޭ އެމްޑީޕީ ކެންޑިޑޭޓުންނަށް ނަތީޖާ ނުނެރެވިގެން ދެއްކޭނެ ބަހަނާތައް ވަރަށް މަދުވާނެ އެވެ. އެކަން އަނަސްވެސް ގަބޫލުފުޅު ކުރައްވަ އެވެ. އަދި ނަތީޖާ ނެެރެވޭނެކަމާ މެދު އޭނާ އެއްވެސް ޝައްކެއް ނުކުރައްވަ އެވެ.

"އަޅުގަނޑަށް ވަރަށް ޔަގީން ޑެލިވާކޮށްދެވޭނެކަން. އަޅުގަނޑަށް ޔަގީން ޑެލިވާ ނުކޮށްްދެވިއްޖެ ކަމަށް ވާންޏާ ރައްޔިތުންގެ އިތުބާރެއް އަޅުގަނޑުމެންނަކަށް ނޯންނާނެ. އަދި ހާއްސަކޮށް އެމްޑީޕީގެ ކެންޑިޑޭޓުން ނުކުމެ މިތިބީ ރައްޔިތުންގެ މަޝްވަރާ އާއި ހިޔާލާއި ބައިވެރިވުމާ އެކީގައި ކައުންސިލުތަކުން ދޭ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި،" އަނަސް ވިދާޅުވި އެވެ.

ހައްލުތައް ގެންނާނީ މަޝްވަރާގެ މަގުން

އިންތިހާބުވުމަށް ފަހު ރައްޔިތުންގެ މަޝްވަރާއާ ނުލައި ރައްޔިތުންނާ ގުޅޭ ކަންކަން ނިންމާތީ ރައްޔިތުން ކަންބޮޑުވާކަން އަނަސްއަށް އެނގިވަޑައިގަންނަވަ އެވެ. މީގެ ކުރިން ރައްޔިތުންގެ ހިޔާލާއި ނުލައި ޓްރެފިކް ފްލޯ އެފުށް މިފުށަށް ޖެހުމާއި، ބައެއް ގޯޅިތައް ހަމައެކަނި ހިނގާ ބިނގާ އުޅޭ ތަނަކަށް ހެދުން ފަދަ ކަންތައް ހިނގާފައިވެ އެވެ.

އަނަސް ވިދާޅުވި ގޮތުގައި، ރައްޔިތުންގެ މަޝްވަރާ ނެތި ކަންކަން ކުރުމަކީ އެމްޑީޕީގެ ސިޔާސަތެއް ނޫނެވެ. އަދި އެއީ އޭނާ ވެސް ދަމަހައްޓާނެ ސިޔާސަތެވެ.

"އަޅުގަނޑުމެން އަބަދުވެސް ވަކާލާތު ކުރަމުންދާ ކަމެއް ވީހާވެސް ގާތުން ރައްޔިތުންނަށް ހިދުމަތް ދިނުން. ލާމަރުކަޒީ ނިޒާމުގައި ވަރަށް މުހިންމު ކަމެއް ރައްޔިތުންގެ މަޝްވަރާ އާއި ހިޔާލު ހޯދައިގެން ކަންކަން ކުރުން،" އަނަސް ވިދާޅުވި އެވެ.

ފެބްރުއަރީ 29، 2020: މާލޭގެ މޭޔަރުކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރާ އަނަސް އަބްދުއްސައްތާރު ސަން އަށް އިންޓަވިއު ދެއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އަޅުގަނޑަށް ހީވަނީ އެމްޑީޕީއަކީ ތަފާތު ޕާޓީއެއްހެން އެފަދަ ކަންތައްތަކުގައި. އަޅުގަނޑުމެންގެ ސިޔާސަތުތައް އެކުލަވާލަނީ އަބަދުވެސް އެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި، އެމްޑީޕީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ވެރިކަމަށް އައިސްފި ނަމަ ނުވަތަ މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ހާލަތެއްގައި އަޅުގަނޑުމެން ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުން ކޮށްދޭން އެންމެ ބޮޑަށް އެ ބޭފުޅުން ބޭނުން ވަނީ ކޮން ކަންތައްތަކެއްކަން ސާފުކޮށްގެން އަޅުގަނޑުމެން އެކަން ކުރަނީ،" އަނަސް ވިދާޅުވި އެވެ.

ލޭންޑު ޔޫސް ޕްލޭން އަދި ތަރައްގީގެ ޕްލޭން ހެދުމާއި އެ ޕްލޭނުތައް ބަދަލުގެނައުން ފަދަ ކަންކަން ކުރާ އިރު ރައްޔިތުންގެ މަޝްވަަރާ ހޯދަން ލާމަރުކަޒީ ގާނުން ލާޒިމު ކުރާކަން އަނަސް ފާހަގަކުރެއްވި އެވެ.

އިންތިހާބުވެވަޑައިގެންފި ނަމަ، ވީހާވެސް އަވަހަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ބައްދަަލުވުމަކަށް ގޮވާލައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މާލެ ހިތްފަސޭހަ ތަނަކަށް ހެދޭނީ ކިހިނެއްތޯ ރައްޔިތުން ގާތުގައި އަހައި ބަލައި ތަރައްގީގެ ޕްލޭނާއި ލޭންޑް ޔޫސް ޕެލޭނަށް ވެސް ރައްޔިތުންގެ މަޝްވަރާގެ މަތިން ވީހާވެސް އަވަހަށް އެކުލަވާލައްވާނެ ކަމަށް ވިދާޅުވި އެވެ.

މިހާރު މާލޭގައި ހިނގަމުންދާ އެންމެ ބޮޑު މަޝްރޫއަކީ މާލޭގެ މަގުތައް އަލުން ހެދުމުގެ މަޝްރޫ އެވެ. ގާތްގަނޑަކަށް 400 މިލިއަނެއްހާ ރުފިޔާގެ އެ މަޝްރޫއުއަކީ މާލޭގެ މަގުތަކަށް ދާއިމީ ހައްލެއް ގެނުވާނެ މަޝްރޫއެއް ކަމަށް އަނަސް ދެކެވަޑައިގަންނަވަ އެވެ. އޭނާ ވިދާޅުވީ، އެ މަޝްރޫއުގެ ދަށުން މާލޭގެ މަގުތައް ހިތްފަސޭޭހަ ކުރެވޭނެ އިތުރު ގޮތްތަކާ ބެހޭގޮތުންވެސް ރައްޔިތުންގެ ހިޔާލު ހޯއްދަވާނެ ކަމަށެވެ.

"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އިންތިހާބުވުމަށްފަހު މަގާމާއި ހަވާލުވެގެން، ދެން އެ ޕްރޮޖެކްޓު އެ ހިސާބުން ކުރިއަށް ގެންދާނެ ގޮތާ މެދު ރައްޔިތުންގެ މަޝްވަރާއަކަށް އަޅުގަނޑުމެން ގޮވާލާނަން. އެގޮތުން ހިތްފަސޭހަ ތަނަކަށް ހެދުމަށްޓަކައި މާލޭގެ މަގުތައް ދެން ޑިޒައިނު ކުރެވިގެން ނުވަތަ ހެދުމަށް އެ ބޭބޭފުޅުންނަށް ފެންނަ ގޮތަކީ ކޮބައިތޯ ބަލާނަން،" އަނަސް ވިދާޅުވި އެވެ.

ފެބްރުއަރީ 29، 2020: މާލޭގެ މޭޔަރުކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރާ އަނަސް އަބްދުއްސައްތާރު ސަން އަށް އިންޓަވިއު ދެއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަޑުމަޑުން ހުރެ ނަތީޖާ ނެރުއްވާ ބޭފުޅެއް

ސިޔާސީ ބައެއް މީހުންނާ ހިލާފަށް އަނަސް އަކީ މާ އަޑުހަރުކޮށް، ދޫހަލުވިކޮށް ވާހަކަ ދައްކައި އުޅޭ ބޭފުޅެއް ނޫނެވެ. އޭނާއަކީ ބަސް މަދު މަޑުމައިތިރި ބޭފުޅެކެވެ. އެހެންވެ، އޭނާއަކީ މޭޔަރުގެ މަގާމަށް އެކަށީގެންވާ ވަރަށް ވުރެ "ލޮނުމަޑު" ބޭފުޅެއްގެ ގޮތުގައި ބައެއް މީހުން ސިފަ ކުރެ އެވެ. އެކަމަކު އެއީ ރަނގަޅު ސިފަ ކުރުމެއް ކަމަށް އަނަސް ދެކެވަޑައިނުގަންނަވަ އެވެ. އެ ވާހަކަ ދައްކާ މީހުންނަށް އަނަސް ކުރައްވަނީ ޗެލެންޖެކެވެ.

ފާއިތުވެދިޔަ ފަސް އަހަރު އަނަސް އަދާކުރެއްވީ އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމެވެ. އެ ފަސް އަހަރު ވެގެން ދިޔައީ ޕާޓީއަކަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުންތަކާ އެމްޑީޕީއަށް ކުރިމަތިވި ފަސް އަހަރަށެވެ. ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމަށް އޮތް ހުރަސްތަކުގެ ސަބަބުން ޕާޓީ ހިނގަމުން ދިޔައީ ރޮއްޖެއްގެ މަތީގަ އެވެ. އެމްޑީޕީ އޮތީ އެހާވެސް ނާޒުގު ފައްތަރެއްގަ އެވެ.

އެ ހުރިހާ ކަމެއްގެ ތެރެއިން ޕާޓީގެ ދިފާއުގައި އަޑުއުފުއްލަވަން އެސްޖީގެ ހައިސިއްޔަތުން އަނަސް ހުންނެވި އެވެ. ޝަކުވާތަކައިގެން ފުލުހުންގެ އިދާރާއަށާއި ކަމާ ބެހޭ އެހެން އިދާރާތަކަށް ގޮސް ޕާޓީގެ ދިފާއުގައި މި ގާނޫނީ ވަކީލު ވަކާލާތު ކުރެއްވި އެވެ. ޕާޓީއާއި ރައްޔިތުން އެދޭ ކަންކަމުގައި އޭނާ ނަތީޖާ ނެރުއްވަމުން ގެންދެވި އެވެ.

ފެބްރުއަރީ 29، 2020: މާލޭގެ މޭޔަރުކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރާ އަނަސް އަބްދުއްސައްތާރު ސަން އަށް އިންޓަވިއު ދެއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އަޅުގަނޑަކީ ސިޔާސީ މައިދާނުގައި އަޑުގަދަކޮށް، އަޑުހަރުކޮށް އެއްޗެހި ބުނެގެން ކަންކަން ހައްލު ކުރުމުގެ ބަދަލުގައި، އަޅުގަނޑު ހުރި ގޮތަށް ހުރެގެން ނަތީޖާ ނެރެން މަސައްކަތް ކުރާ އަދި މިހާތަނަށް މަސައްކަތުން ނަތީޖާވެސް ދައްކާފައި ހުރި މީހަކަށްވާތީ އަޅުގަނޑު ގަބޫލެއް ނުކުރަން އެއީ ރަނގަޅު ސިފަ ކުރުމެއްގެ ގޮތުގައި، އަޅުގަނޑަކީ ލޮނުމަޑު މީހެއްގެ ގޮތުގައި،" އަނަސް ވިދާޅުވި އެވެ.

އެމްޑީޕީގެ އެސްޖީގެ މަގާމާ އަނަސް ހަވާލުވެވަޑައިގެންނެވި އިރު އެ ޕާޓީ އަކީ ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ އެވެ. ޕާޓީގެ ރަޖިސްޓްރީގައި 50،000 އެއްހާ ރައްޔިތުން ތިއްބެވެ. އެ އެންމެންވެސް ކަންބޮޑުވުންތަކާ އެކު އަންނަން ހުރި މީހަކީ އަނަސް އެވެ. އެހެންވެ، ރައްޔިތުންގެ ހިޔާލާއި، ވިސްނުމާއި، ކެކުޅުންތައް އޭނާއަށް ހުރީ ވަރަށް ގާތުން ފެނިފަ އެވެ.

"ކޮންމެ ދުވަހަކު ހެނދުނު އަށަކުން ހަވީރު ހަތަރަކަށް އޮފީހުގައި އިންނަ އިރު މެމްބަރުން ވަރަށް ބައިވަރު ކަންބޮޑުވުންތައް ހިފައިގެން އާދޭ. އިދާރީ ގޮތުން ހިންގަން ޖެހޭ ކަންކަން ހުރޭ. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އެމްޑީޕީ ފަދަ މުއައްސަސާއެއްގައި އެފަދަ މަގާމެއް އަދާކުރައްވައިފި ކަމަށްވަންޏާ މާލެ ސިޓީގެ މޭޔަރުކަން ފަދަ މާގާމެއް ފުރުމުގެ ގާބިލުކަން އެ މީހެއްގެ ހުންނާނެ،" އަނަސް ވިދާޅުވި އެވެ.

ފެބްރުއަރީ 29، 2020: މާލޭގެ މޭޔަރުކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރާ އަނަސް އަބްދުއްސައްތާރު ސަން އަށް އިންޓަވިއު ދެއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމްޑީޕީ ބައެއް ލީޑަރުންގެ ބަހުން ނަމަ ލާމަރުކަޒީ ނިޒާމަކީ އެ ޕާޓީއިން ބަނޑު އަޅައި ވިހެއި ދަރިއެކެވެ. އަނަސްވެސް ފާހަގަކުރެއްވީ އެ ނިޒާމު ފައްކާކޮށް، ރާއްޖެ އެއަށް ހާނުވަން މިވީހާތަނަށް މަސައްކަތްކޮށްފައި ހުރީ އެމްޑީޕީއިން ކަމެވެ. އެ ނިިޒާމުގެ ދަށުން ރައްޔިތުން އިންތިހާބު ކުރި މީހުންގެ ބާރު ކަނޑުވާލައި، ބާރުތައް އެއް ތަނަކަށް ޖަމާކުރީ ރައީސް ޔާމީންގެ ވެރިކަމުގައިކަން އޭނާ ފާހަަގަކުރެއްވި އެވެ.

"ރައްޔިތުންގެ އިންތިހާބަކުން އިންތިހާބުވެގެން އަންނަ ބަޔަކަށް އެހާ އިހާނެތިކޮށް ކަންތައް ކުރި ސަރުކާރެއް އަޅުގަނޑުމެން ނުދެކެން ރައީސް ޔާމީންގެ ސަރުކާރު ނޫނިއްޔާ،" އަނަސް ވިދާޅުވި އެވެ.

އެ ސަރުކާރުގައި ކައުންސިލުތަކުން އަތުލި ބާރުތައް އަލުން ދީ ކައުންސިލުތަކަށް ބަޖެޓާއި މަޝްރޫއުތައް ހިންގުމުގެ އިހުތިޔާރު އަނެއްކާވެސް ދިނީ އެމްޑީޕީއިންކަން އަނަސް ފާހަގަކުރެއްވި އެވެ. އެހެންކަމުން، އޭނާ ގަބޫލުފުޅު ކުރައްވަނީ އެ ބާރުތަކުގެ ބޭނުން ހިފައިގެން ރައްޔިތުންނަށް ހިދުމަތްކޮށްދޭން ތިބީ އެމްޑީޕީއިން ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި އިންތިހާބުގައި އަޅުގަނޑުމެން ބަލަން ޖެހޭނީ މި [ލާމަރުކަޒީ] ނިޒާމުގެ ބޭނުން ހިފައިގެން ރައްޔިތުންގެ ހެވާއި ލާބައަށް ހިދުމަތްކޮށްދޭން ތިބީ ކޮން ޕާޓީއެއްތޯ ބަލާފައި ވޯޓު ދިނުމަށް،" އަނަސް ވިދާޅުވި އެވެ.

comment ކޮމެންޓް