މަހާތީރު ދެކޮޅު ހައްދަވަނިކޮށް މެލޭޝިއާގެ އާ ބޮޑުވަޒީރު ހުވާ ކުރައްވައިފި

މުހިއްޔުއްދީން ޔާސީން ވަނީ ބޮޑުވަޒީރު ކަމުގެ ހުވާ ކުރައްވާފަ -- ފޮޓޯ: އީޕީއޭ

ކުއަލަލަމްޕޫރު (މާޗް 1): މެލޭޝިއާގެ އާ ބޮޑުވަޒީރު މުހިއްޔުއްދީން ޔާސީން މިއަދު ވެރިކަމުގެ ހުވާ ކުރައްވައިފި އެވެ.

މެލޭޝިއާގެ ރަސްގެފާނު އިއްޔެ އެގައުމުގެ ބޮޑުވަޒީރު ކަމަށް މުހިއްޔުއްދީން އައްޔަން ކުރެއްވީ ކުރީގެ ބޮޑުވަޒީރު މަހާތިރު މުހައްމަދު މިދިޔަ ހޯމަ ދުވަހު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމުންނެވެ. އަދި އެގައުމުގެ ޕާލިމެންޓުގެ ހުރިހާ މެމްބަރުންނާ ރަސްގެފާނު ބައްދަލު ކުރެއްވުމަށް ފަހު، ގިނަ މެމްބަރުންގެ ތާއިދު އޮތީ މުހިއްޔުއްދީނަށް ކަމަށް ބެލެވޭތީ އެވެ.

ނަމަވެސް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މަހާތިރު ވަނީ މުހިއްޔުއްދީނަށް ޕާލިމެންޓުގެ "މެޖޯރިޓީގެ ތާއިދެއް ނެތް" ކަމަށް ވިދާޅުވެފަ އެވެ. އަދި އޭނާއަށް ޕާލިމެންޓުގައި އިތުބާރު ނެތްކަން ދައްކަން ވީހާވެސް އަވަހަށް ވޯޓެއް ނަގަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

"ގާނޫނުގައި އޮންނަނީ މެޖޯރިޓީގެ ތާއިދު އޮތް ކަމަށް ބެލެވޭ މީހަކު ބޮޑުވަޒީރު ކަމަށް އައްޔަން ކުރެވޭނެ ކަމަށް. ނަމަވެސް ބޮޑުވަޒީރު ޕާލިމެންޓަށް ވަޑައިގަތުމުން، ޕާލިމެންޓުން ބޮޑުވަޒީރަށް ނޫނެކޭ ބުނެފި ނަމަ، އޭނާއަށް ބޮޑުވަޒީރުގެ ގޮތުގައި ނުހުންނެވޭނެ،" މަހާތިރު ވިދާޅުވި އެވެ.

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މަހާތިރު މުހައްމަދު ވަނީ އާ ބޮޑުވަޒީރަށް ތާއިދެއް ނެތް ކަމަށް ވިދާޅުވެފަ -- ފޮޓޯ: ރޮއިޓާސް

މަހާތިރު ވިދާޅުވި ގޮތުގައި އޭނާ ވެރިކަމުގައި ހުންނަވަން 114 މެމްބަރުން ތާއިދު ކުރެ އެވެެ. އެގައުމުގައި ޕާލިމެންޓުގައި މެޖޯރިޓީ ލިބޭނީ 112 މެމްބަރުންގެ ވޯޓުންނެވެ.

މުހިއްޔުއްދީނަށް މިހާރު ތާއިދު ކުރާ ޕާޓީތަކުގެ ތެރޭގައި އިދިކޮޅު ޔުނައިޓެޑް މެލޭސް ނެޝަނަލް އޯގަނައިޒޭޝަން (އުމްނޯ) އާއި މެލޭޝިއަން އިސްލާމިކް ޕާޓީ ހިމެނެ އެވެ.

ދެހާސް އަށާރަ ވަނަ އަހަރު މަހާތީރު ވެރިކަމަށް ވަޑައިގެންނެވީ 1981 އާއި 2003އާ ދޭތެރޭ އޭނާ ބޮޑުވަޒީރުކަން ކުރެއްވި އިރު، ނައިބުކަން ކުރެއްވި އަންވަރު އިބްރާހިމްގެ ކޯލިޝަނުގައި ހުންނަވައިގެންނެވެ. އަދި ވެރިކަމުގެ ދައުރު ނުނިމެނީސް އަންވަރާ ވެރިކަން ހަވާލު ކުރައްވާނެ ކަމަށް ވިދާޅުވެ އެވެ.

ނަމަވެސް އެ ކޯލިޝަނުގައި ތިބި މެމްބަރުންތަކެއް ވަނީ އަންވަރު ވެރިކަމަށް ނުގެނެސް، އިދިކޮޅު އުމްނޯއާ އެކު އާ ކޮލިޝަނެއް ހެދުމާ ބެހޭ ގޮތުން މިދިޔަ އާދިއްތަ ދުވަހު މަޝްވަރާކޮށްފައި ކަމަށް އަންވަރު ވިދާޅުވި އެވެ. އަދި ޖެހިގެން އައި ދުވަހު މަހާތިރު އިސްތިއުފާ ދެއްވި އެވެ.

އަންވަރު ވަނީ އާ ކޯލިޝަނެއް ހެދުމަށް މަސައްކަތް ކުރުމުގައި މަހާތިރު ބައިވެރިވެވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ފަހުން ވަނީ މަހާތިރު އަނެއްކާވެސް ވެރިކަމަށް އިސް ކުރުމަށް ތާއިދު ކުރައްވާފަ އެެވެ.

މުހިއްޔުއްދީން ވަނީ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ވެރިކަމުގައި 2009އިން 2015އަށް ބޮޑުވަޒީރުގެ ނައިބުކަން ކުރައްވާ، މީގެ ކުރިން އެޑިއުކޭޝަން މިނިސްޓަރު ކަމާއި ހޯމް އެފެއާޒް މިނިސްޓަރު ކަންވެސް ކުރައްވާފަ އެވެ.

comment ކޮމެންޓް