ލިވަޕޫލް ބަލިވުމުން އެއްބަޔަކަށް އީދެއް އައިސްފި

ލިވަޕޫލް ރޭ ވެޓްފޯޑް އަތުން ބަލިވި މެވަށްފަހު މާޔޫސްވެފައިވާ ކުޅުންތެރިންނަށް ކޯޗު ހިއްވަރު ދެނީ ---

އިނގިރޭސި ޕްރިމިއާ ލީގުގައި ބަލިނުވެ އަހަރަކަށް ވުރެ ގިނަ ދުވަސް ހަމަކުރި ލިވަޕޫލުން ރޭ ރަށުން ބޭރުގައި ވެޓްފޯޑާ ބައްދަލުކުރި މެޗުން ބަލިވުމުން ގިނަބަޔަކު އުފާފާޅުށްފި އެވެ.

ތާވަލުގެ 17 ވަނައިގައި އޮތް ވެޓްފޯޑްގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުން ލިވަޕޫލުގެ މައްޗަށް އެ ޓީމުން ކުރި ހޯދީ 0-3 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ރޭގެ މެޗުން ބަލިވި ނަމަވެސް ލިވަޕޫލުގެ މަގާމަށް ބަދަލެއް ނާދެ އެވެ. އެ ޓީމުން އަދިވެސް ލީގުގެ އެއްވަނައިގައި އޮތީ 79 ޕޮއިންޓާ އެކު ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް ވުރެން 22 ޕޮއިންޓް ކުރީގަ އެވެ.

އެހެން ނަމަވެސް ރޭގެ މެޗުން ލިބުނު ބައްޔާ އެކު ލިވަޕޫލަށް ވަނީ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފަ އެވެ. ލިވަޕޫލް އިނިގިރޭސި ލީގު މެޗަކުން ބަލިމިވީ 422 ދުވަސް ފަހުންނެވެ. ލީގުގައި ބަލިނުވެ 44 މެޗު އެޓީމުން ކުޅެފައިވާއިރު ޖެހިޖެހިގެން 36 މެޗުގައި ވަނީ ގޯލު ޖަހައިފަ އެވެ. އެކަމަކު ރޭގެ މެޗުން ބަލިވި އިރު އެ ޓީމުގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ.

ފަހަކަށް އައިސް ލިވަޕޫލުން ދަމަހައްޓަމުން އައި މޮޅު ކުޅުމާ އެކު އިނގިރޭސި ޕްރިމިއާ ލީގުގެ ތާރީހުގައި ވެސް އެއްވެސް މެޗަކުން ބަލިނުވެ ތަށި އުފުލާލި އާސެނަލްގެ ޓީމާއި ވެސް ވަނީ އަޅައިކިޔާފަ އެވެ. އާސެނަލުގެ ރަން ޒަމާނުގައި 2003-04 ވަނަ ސީޒަނުގައި އެއްވެސް މެޗަކުން ބަލިނުވެ އެ ޓީމުން ހޯދި ރަން ޕްރިމިއާ ލީގު ފަދައިން ލިވަޕޫލް ވެސް އެ ތަށި ހޯދާނެ ކަމަށް އޮތީ ބެލެވިފަ އެވެ.

އަދި ލިވަޕޫލުގެ އެ އުންމީދާ އެކު އެ ކުލަބުގެ ސަޕޯޓަރުންވެސް އައީ ފޯރީގައި އެހެން ކުލަބުތަކަށް ޖޯކު ޖަހައި އެ ޓީމުގެ ހައިބަތު ދައްކަމުންނެވެ. ނަމަވެސް ރޭގެ މެޗުން ލިބުނު ބޮޑު ބައްޔާއެކު ލިވަޕޫލުގެ ހުރިހާ ސަޕޯޓަރުން ކަހަލަ ގޮތަކަށް ތިބީ "ސައިޒް" ވެފަ އެވެ. އަދި ބާކީ ހުރިހާ ސަޕޯޓަރުން ލިވަޕޫލަށް ވަނީ ޖޯކު ޖަހައި ސޯޝަލް މީޑިއާގައި އެކި އެކި ޕޯސްޓްތައް ކޮށްފަ އެވެ. އެގޮތުން ބައެއް މީހުން ރޭގެ މެޗުގެ ސްކޯ ވަނީ މިއަދުގެ ތާރީހާ ވެސް ގުޅުވާފަ އެވެ.

މެޗުން ލިވަޕޫލް ބަލިވި ނަމަވެސް އެޓީމުން މި ސީޒަނުގެ ލީގު ގާތްގަނޑަކަށް ވަނީ ކަށަވަރުކޮށްފަ އެވެ. 28 މެޗުން އެޓީމު 79 ޕޮއިންޓް ހޯދާފައިވާއިރު ލީގުގެ ދެ ވަނައިގައި އޮތް މެންޗެސްޓަރ ސިޓީއާ އެޓީމާ ދެމެދު 22 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. އެކަމަކު ތަފާތު މޮޅު ކުޅުމެއް ދައްކަމުން އައި ލިވަޕޫލަށް ލިބޭނެ ނުތަނަވަސްކަމަކީ މެޗަކުން ބަލިނުވެ ލީގު ހޯދުމުގެ ދޮރު މިހާރު ބަންދުވުމެވެ.

comment ކޮމެންޓް