މެލޭޝިއާގެ އާ ބޮޑުވަޒީރަކީ މަހާތީރު ޕާޓީގެ ލީޑަރު

މެލޭޝިއާގެ ބޮޑުވަޒީރުކަމަށް އައްޔަނުކުރެއްވި މުހިއްޔިއްދީން--

މެލޭޝިއާގެ ބޮޑުވަޒީރުކަމަށް އެގައުމުގެ ވަގުތީ ބޮޑުވަޒީރު ކަމުގައި ހުންނެވި މަހާތީރު މުހައްމަދު ނިސްބަތްވާ ބަރުސާތޫ ޕާޓީގެ ލީޑަރު މުހިއްޔުއްދީން ޔާސީން އައްޔަނުކުރައްވައިފި އެވެ.

އެ މަގާމަށް އޭނާ އައްޔަނުކުރައްވާފައި ވަނި މެލޭޝިއާގެ ރަސްގެފާނު ސުލްތާން އަބްދުﷲ ސުލްތާން އަހުމަދު ޝާހެވެ.

އާ ބޭފުޅަކު ބޮޑޫވަޒީރު ކަމަށް އައްޔަނުކުރެއްވިއިރު މަހާތީރު މުހައްމަދާއި އޭނާގެ ޒަމާންވީ ދުޝްމަން އަންވަރު އިބްރާހިމް ގުޅިގެން އެކުލަވަލާލައިފައިވާ ކޯލިޝަން ޕަކަތާން ހަރަޕަން (ޕީއެޗް) ރޫޅި އެގައުމު ސިޔާސީ ހުސްކަމެއްގެ ތެރެއަށް އޮތީ ވެއްޓިފަ އެވެ.

އޭގެ ފަހުން މަހާތީރު ހުންނެވީ ވަގުތީ ބޮޑު ވަޒީރު ކަމުގަ އެވެ.

ބޮޑުވަޒީރުކަމަށް މުހިއްޔުއްދީން އައްޔަނުކުރެއްވުމުގެ ކުރިން ހަމަ މިއަދު މަހާތީރު ވިދާޅުވީ އަންވަރުގެ ތާއިދުލިބި ބޮޑުވަޒީރު ކަމަށް އަލުން ވުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

މެލޭޝިއާގެ ރަސްގެފާނު ވިދާޅުވީ މިއީ އެންމެ ރަނގަޅު ނިންމުން ކަމަށާއި ސަރުކާރެއް ނެތި ގައުމު ނުބޭއްވޭނެ ކަަމަށެވެ.

އާ ބޮޑުވަޒީރު މުހިއްޔުއްދީން ވަނީ މަހާތީރާއި އަންވަރަށްވުރެ ވެސް ގިނަ ޕާލިމަންޓް ބޭފުޅުންގެ ތާއިދު ލިބިވަޑައިގެންފަ އެވެ.

އޭނާ އަކީ ކުރީގެ އިންޓީރިއާ މިނިސްޓަރު ވެސް މެ އެވެ.

comment ކޮމެންޓް