އަންނަ ހޯމަ ދުވަހު މެލޭޝިއާގެ ޕާލަމަންޓުގެ ތިރިގެ (ދެވަން ރަކްޔަތު)އިން ބޮޑުވަޒީރު ކަމުގައި ހުންނަވާނެ ބޭފުޅެއް ކަނޑައަޅަން ވޯޓަކަށް ދާން ނިންމައިފި އެވެ.
މެލޭޝިއާގެ ބޯޑުވަޒީރު މަހާތީރު މުހައްމަދާއި އޭނާގެ ޒަމާންވީ ދުޝްމަން އަންވަރު އިބްރާހިމް ގުޅިގެން އެކުލަވަލާލައިފައިވާ ކޯލިޝަން ޕަކަތާން ހަރަޕަން (ޕީއެޗް) މިހާރު ވަނީ ރޫޅިފަ އެވެ. އެކަމާ ގުޅިގެން މަހާތީރު އިސްތިއުފާވެސް ދެއްވި އެވެ. ނަމަވެސް ފަހުން ވަނީ ވަގުތީ ގޮތުން ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންފަ އެވެ.
މެލޭޝިއާގެ ބޮޑުވަޒީރުކަމަށް އައްޔަނުކުރައްވަނީ ޕާލަމަންޓްގެ ތިރީ ގޭގެ ބޭފުޅެކެވެ. ތިރި ގެއިން ބޮޑުވަޒީރުކަމަށް އައްޔަނުކުރައްވާނީ މެލޭޝިއާގެ ރަސްގެފާނަށް ފެނިވަޑައިގަންނަވާ ބޭފުޅެކެވެ. ގިނަ ފަހަރު އެ ބޭފުޅަކީ ޕާލިމަންޓުގެ މެޖޯރިޓީގެ ސަޕޯޓް އޮންނަ ބޭފުޅެކެވެ.
މަހާތީރު އިސްތިއުފާ ދެއްވުމާ ގުޅިގެން ރަސްގެފާނު މެލޭޝިއާގެ ޕާލަމެންޓްގެ ތިރީގޭގެ ބޭފުޅުންނާ ބައްދަލުކޮށްގެންވެސް ބޮޑުވަޒީރުކަަމަށް އަައްޔަނުކުރާނެ ބޭފުޅެއް ކަނޑައެޅުމުގައި ވަނީ ދަތިތަކެއް ކުރިމަތިވެފަ އެވެ.
އެހެންކަމުން ރަސްގެފާނު މިހާރު ނިންމާފައިވަނީ ތިރީގޭގައި ވޯޓެއް ނަގައިގެން ބޮޑުވަޒީރެއް ހޮވުމަށެވެ.
ޕާލަމެންޓްގެ ތިރީ ގޭގައި 222 މެމްބަރުން ހިމެނޭއިރު ބޮޑުވަޒީރަކަށް ވެވޭނީ އެންމެ މަދުވެގެން 112 ވޯޓު ލިބިގެންނެވެ.
މަހާތީރު ވިދާޅުވީ ވޯޓުގެ ނަތީޖާއިން ހޮވޭ މީހަކު ބޮޑުވަޒީރުކަަމަށް އައުމަށް ދެކޮޅު ނަހައްދަވާނެ ކަމަށެވެ.
މަހާތީރުގެ ޕާޓީ ކަމަށްވާ މެލޭޝިއަން ޔުނައިޓެޑް އިންޑީޖިނަސް ޕާޓީ (ޕީޕީބީއެމް) އާއި އެކޯލިޝަންގައި ހިމެނޭ މެލޭޝިއާގެ އިސްލާމީ ޕާޓީ (ޕީއޭއެސް) އެގައުމުގެ މައި އިދިކޮޅު ޕާޓީ ކަމަށްވާ ޔުނައިޓެޑް މެލޭސް ނެޝަނަލް އޮގަނައިޒޭޝަން (އުމްނޯ) އާ ގުޅިގެން އާ ކޯލިޝަނެއް އުފައްދަން މަސައްކަތްކުރާކަމުގެ ހަބަރުތައް ވަނީ ފެތުރިފަ އެވެ.
މީގެ އިތުރުން، އަންވަރުގެ ޕާޓީ އާއި އެ ޕާޓީ ގުޅިފައިވާ ޕާޓިތަކުން ވެސް ވަނީ ބޮޑުވަޒީރުކަމަށް އަންވަރު ގެނައުމަށް މަސައްކަތްކުރަމުންނެވެ.
ޕާލިމަންޓު މެދުވެރިކޮށް ބޯޑުވަޒީރަކު ނުހޮވިއްޖެނަމަ އަލުން ޖެހޭނީ އާންމު އިންތިހާބެއް ބާއްވާާށެވެ.