ހިންމަފުއްޓާއި ތުލުސްދޫގެ ނަރުދަމާ ނިޒާމު ހިންގުމާ ސްޓެލްކޯއިން ހަވާލުވެއްޖެ

ތުލުސްދޫގެ ނަރުދަމާއާ ފެނަކައިން ހަވާލުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ސްޓެލްކޯ

ސަރުކާރުން މާލެ އަތޮޅު ހިންމަފުއްޓާއި، ތުލުސްދޫގައި ގާއިމުކޮށްފައިވާ ނަރުދަމާގެ ނިޒާމު ހިންގުމާއި ސްޓެލްކޯއިން ހަވާލުވެއްޖެ އެވެ.

ނަރުދަމާގެ މަސައްކަތާ ރަސްމީ ގޮތުން ހަވާލުވުން ފާހަގަކުރުމަށް އެ ދެރަށުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއްވެސް ބާއްވައިފައެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހަސަން މުޢުނީ ވިދާޅުވީ، މިއަދަކީ ސްޓެލްކޯއަށް ވަރަށް ހާއްސަ ދުވަހެއް ކަމަށާއި، ސްޓެލްކޯގެ ހިދުމަތަށް 70 އަހަރު ވެގެންދާއިރު، ހަމަ އެކަނި ކަރަންޓުގެ ހިދުމަތްދޭ ކުންފުންޏެއްގެ ގޮތުގައި ސްޓެލްކޯ އޮތް އޮތުމަށް ނިމުމެއްގެނެސް މިހާރު ފެނާއި، ނަރުދަމާގެ ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ. އަދި ސްޓެލްކޯއިން ނަރުދަމާއާއި ހަވާލުވުމާއެކު، އެދެރަށުގެ ރައްޔިތުންގެވެސް ވަރަށް ބޮޑު އުންމީދެއް ހާސިލުވެގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ތުލުސްދޫއާއި ހިންމަފުށީގައި ނަރުދަމާގެ ނިޒާމްގެ ހިދުމަތް ދިނުމަށް އެންވަޔަރަމަންޓް މިނިސްޓްރީން މިދިޔަ އަހަރު ސްޓެލްކޯއަށް އޮތީ އޮޕަރޭޓިން ލައިސަންސްވެސް ދޫކޮށްފައެވެ. ނަަމަވެސް އެ ހިދުމަތް ދިނުން ލަސްވެފައިވާތީ 5،000 ރުފިޔާއިން ސްޓެލްކޯވަނީ ޖޫރިމަނާވެސްކޮށްފައެވެ.

https://sun.mv/132138

ތުލުސްދޫގައި ވާހަކަފުޅު ދައްކަވަމުން މުޢުނީ ވިދާޅުވީ، ނަރުދަމާ ނިޒާމުގެ މަސައްކަތް ނިމި، ބޭނުން ނުކުރެވި އޮތްތާ ދުވަސްކޮޅެއް ވެފައިވާ ކަމަށާއި، އެކަން އެގޮތަށް ދިމާވީ ސިސްޓަމް ގާއިމްކުރުމަށްފަހު ފާހަގަކުރެވުނު ތަފާތު މައްސަލަތަކާއި ހެދި ކަމަށެވެ.

ހިންމަފުށީގެ ނަރުދަމާއާ ފެނަކައިން ހަވާލުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ސްޓެލްކޯ

"އެ މައްސަލަތައް ހައްލު ކުރާނެ ގޮތާއި މެދު ސަރުކާރުގެ އިސްވެރިން މަޝްވަރާކުރުމަށްފަހު އަޅުގަނޑުމެންނާއި މިވަނީ ހަވާލުކޮށްފައި. ސްޓްލެކޯއިން ހަވާލުވުމާއެކު، އަޅުގަނޑު ދޭން ބޭނުންވާ ޔަގީންކަމަކީ، މާތްﷲގެ އިރާދަފުޅާއެކު، ތިޔަ ރައްޔިތުން އެދޭގޮތަށް އެ ސިސްޓަމް މެއިންޓެއިންކޮށް، ބަލަހައްޓާ، ހިދުމަތްދެމުން ގެންދާނެކަން" މުޢުނީ ވިދާޅުވި އެވެ.

އޭގެ އިތުރުން އަލަށް އެ ފަދަ ނިޒާމެއް ބޭނުންކުރަން ފަށާއިރު، ރައްޔިތުންނަށް އިނގެންޖެހޭ ކަންކަން ހުންނާނެ ކަމަށާއި، ނަރުދަމާ ނިޒާމްގެ ތެރެއަށް ދޫކޮށްލެވޭނެ އެއްޗެއްސާއި، ދޫކޮށްނުލެވޭނެ އެއްޗެހި ހުންނާނެ ކަމަށެވެ. އަދި އެ ފަދަ އެއްްޗެއް ދޫކޮށްލައިފިނަމަ ދިމާވާނެ މައްސަލަތައްވެސް ހުންނާނެ ކަމަށާއި، ސްޓެލްކޯއިން އިސްނަގައިގެން އެ މައުލޫމާތު އާންމު ރައްޔިތުންނަށް ދެމުންގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކަރަންޓުގެ ހިދުމަތާއެކު، ރަށުގެ ތަރައްގީގެ ބައިވެރިއެއްގެ ދައުރު އަދާކުރަމުން އައި ގޮތަށް ނަރުދަމާ ނިޒާމާއެކުވެސް ރަށުގެ ތަރައްގީއަށް ސްޓެލްކޯގެ ދައުރު ބޮޑުވެގެންދާނެ ކަމަށްވެސް މުޣުނީ ވިދާޅުވިއެވެ.

comment ކޮމެންޓް