ދެ ރަށެއްގައި ނަރުދަމާގެ ހިދުމަތް ދޭން ފަށާފައި ނުވާތީ ސްޓެލްކޯ 5000 ރުފިޔާއިން ޖޫރިމާނާކޮށްފި

ކ. ތުލުސްދޫ: އެރަށާއި ހިންމަފުށީގައި ނަރުދަމާގެ ހިދުމަތް ދޭން ފަށާފައި ނުވާތީ އެންވަޔަރަމެންޓް މިނިިސްޓްރީއިން ވަނީ ސްޓެލްކޯ ޖޫރިމާނާކޮށްފައި -- ފޮޓޯ: ކެނޮޮޕަސްރިޓްރީޓް

ކ. ހިންމަފުށި އަދި ކ. ތުލުސްދޫގައި ނަރުދަމާ ނިޒާމުގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އަށް ދޫކޮށްފައިވާ އޮޕަރޭޓިން ލައިސަންގެ ޝަރުތުތަކުގައިވާ ގޮތަށް އަދިވެސް ނަރުދަމާގެ ހިދުމަތް ދޭން ފަށާފައި ނުވާތީ އެންވަޔަރަމެންޓް މިނިސްޓްރީއިން ސްޓެލްކޯ ޖޫރިމަނާކޮށްފި އެވެ.

ސްޓެލްކޯއިން ލިޔެކިޔުންތައް ހުށަހެޅުމުން، ހިންމަފުއްޓާއި ތުލުސްދޫގައި ގާއިމުކޮށްފައިވާ ނަރުދަމާ ނިޒާމު ހިންގާ ބެލެހެއްޓުމާއި، އެއާއި ގުޅުން ހުރި އާންމު ނަރުދަމާގެ ހިދުމަތްތައް ދިނުމާއިއެކު ލައިސަންސްގެ ޓާމްތަކާއި ކޮންޑިޝަންތަކަށް އަމަލުކުރުމަށް ޝަރުތުކޮށް ސްޓެލްކޯއަށް އޮޕަރޭޓިން ލައިސަންސް ވަނީ ދޫކޮށްފައެވެ. ތުލުސްދޫގެ އޮޕަރޭޓިން ލައިސެންސް ނޮވެންބަރު 13، 2019ގައި ދިން އިރު 2019 ޑިސެންބަރު ދެ ވަނަ ދުވަހު ކ. ހިންމަފުށީގެ އޮޕަރޭޓިން ލައިސެންސް ދޫކުރިއެވެ.

ސްޓެލްކޯ ޖޫރިމާނާ ކުރަން ނިންމައި އެންވަޔަރަމެންޓް މިނިސްޓްރީއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އޮޕަރޭޓިން ލައިސަންސަށް އެދޭ ފަރާތްތަކުން އޮޕަރޭޓިން ލައިސަންސަށް އެދި ހުށަހަޅަނީ އެ ނިޒާމަކާއި ހަވާލުވެ، ހިންގާ ބެލެހެއްޓުމަށް ތައްޔާރުވުމަށްފަހުގައި ކަމަށެވެ. އޮޕަރޭޓިން ލައިސަންސް ލިބުމަށްފަހު އެ ލައިސަންސްގައި ބަޔާންކޮށްފައިވާ ޝަރުތުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ލައިސަންސް ދޫކުރާ ދުވަހުން ފެށިގެން ލައިސަންސްގެ މުއްދަތުގެ ތެރޭގައި އެ ނިޒާމެއްގެ ހިދުމަތްތަކާއި އެ ނިޒާމާއި ގުޅިފައިވާ އެންމެހާ ފެސިލިޓީތައް އެންމެ އެކަށީގެންވާ ގޮތުގައި އޮޕަރޭޓްކޮށް މެއިންޓެއިންކުރުމަކީ ލައިސަންސް ލިބިފައިވާ ފަރާތުގެ ޒިންމާއެއްކަން އެ ނޫސް ބަޔާނުގައި އެންވަޔަމެންޓް މިނިސްޓްރީއިން ފާހަގަކުރިއެވެ.

އެންވަޔަރަމެންޓް މިނިސްޓްރީއިން ބުނީ ލައިސެންސްގައިވާ ގޮތަށް ސްޓެލްކޯއިން ހިދުމަތް ދޭން ފަށާފައި ނުވާތީ އެ ކުންފުނި 5000 ރުފިޔާއިން ޖޫރިމާނާ ކުރަން ނިންމާފައިވާ ކަމަށެވެ.

"ނަމަވެސް މިއަދާއި ހަމައަށް ސްޓެލްކޯއިން މި ދެ ރަށުގައިވެސް ނަރުދަމާގެ ހިދުމަތް ދޭން ފަށާފައި ނުވާތީ ކ. ހިންމަފުށި އަދި ކ. ތުލުސްދޫގައި އާންމު ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ދޫކޮށްފައިވާ އޮޕަރޭޓިން ލައިސަންސްތަކުގެ ދަށުން ކޮންމެހެން އަދާ ކުރަންޖެހޭ މަސްއޫލިއްޔަތު އަދާކޮށްފައިނުވާކަމަށް ކަނޑައަޅައި، އާންމު ބޭނުންތަކުގެ ހިދުމަތްތަކާއި ބެހޭ ގާނޫނު، ގާނޫނު ނަންބަރު: 96/4 ގެ ދަށުން 5000 (ފަސްހާސް) ދިވެހި ރުފިޔާއިން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ވަނީ 2020 ފެބުރުވަރީ 23 ގައި ޖޫރިމަނާ ކުރެވިފައެވެ." އެންވަޔަރަމެންޓް މިނިސްޓްރީގެ ބަޔާނުގައިވެެއެވެ.

ހިންމަފުއްޓާައި ތުލުސްދޫގެ ނަރުދަމާގެ މަޝްރޫއު ހަވާލު ކުރީ ސިއެރާ ކޮންސްޓްރަކްޝަންއާ އެވެ. އެއީ ޖުލައި 20، 2017ގައި ގައެވެ. އެއީ އައިޑީބީ ފަންޑުގެ އެހީއާއި ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ހިންގި މަޝްރޫއުތަކެކެވެ.

comment ކޮމެންޓް