ގެދޮރަށް އެދި ހުށަހެޅި ހުރިހާ އެންމެން ކަހަލަ ގޮތަކަށް ޝަރުތު ހަމަވޭ: އަސްލަމް

ފެބްރުއަރީ 23، 2020: ހުޅުމާލޭގައި ހަދަމުންދާ ހިޔާ މަސްރޫއުގެ ފްލެޓްތައް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބޯހިޔާވަހިކަމަށް އެދެން ސަރުކާރުން އެންމެ ފަހުން ހުޅުވާލި ފުރުސަތުގައި ފޯމު ހުށަހެޅި ގާތްގަނޑަކަށް ހުރިހާ އެންމެންނަކީ ވެސް ބޯހިޔާވަހިކަމަށް ޝަރުތު ހަމަވާ މީހުން ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވި އެވެ.

މޯލްޑިވްސް ލިވިން އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ރާއްޖޭގައި ބޯހިޔާވަހިކަމަށް އަޅާ ގެދޮރު އިމާރާތްތަކުގެ އަގުތަކާއި ހައުސިން ލޯނުތަކުގެ އިންޓްރެސްޓް ރޭޓު، އާންމުންގެ އާމްދަނީއާ ނުބައްދަލުވާހާ މަތި ކަމަށެވެ.

"އެންމެ ފަހުން ހައުސިންގ ޔުނިޓަށް އެދި ހުށަހަޅަން ސަރުކާރުން ހުޅުވާލި ފުރުސަތުގައި 20،000 އެޕްލިކޭޝަން ފޯމު ލިބުނު. އެ އެޕްލިކޭޝަން ފޯމުތައް ބަލާލިއިރު، ހުށަހެޅި އެންމެން ކަހަލަ ގޮތަކަށް ހައުސިން ޔުނިޓުތަކަށް ޝަރުތު ހަމަވޭ." މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

ނަމަވެސް މާލެ ސިޓީއަކީ ގެދޮރުވެރިކަމުގެ ފުރުސަތު ހޯދުމުގައި ވަރަށް ވާދަވެރިކަން ބޮޑު އަދި އެހާމެ ޖާގަ ކުޑަ ސިޓީއެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މާލެ ސިޓީ މަތިން-- ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

ކަން މިހެން އޮތްއިރު، ބޯހިޔާވަހިކަމަށް އަޅާ ތަންތަނަކީ އެތަންތަން ބޭނުންވާ މީހުންނަށް ގަނެވޭ ފަދަ އަގެއްގައި ހުންނަ ތަންތަނަށް ހަދަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެންމެ ފަހުގެ ހައުސްހޯލްޑް އިންކަމް ސާވޭއަށް ރިއާޔަތް ކުރައްވައި މިނިސްޓަރު އަސްލަމް ވިދާޅުވީ ބޯހިޔާވަހިކަމަށް އަޅާ ގެދޮރު ވިއްކުމުގެ ކުރިން މާކެޓް އެނަލައިޒް ކުރަން ޖެހޭ ކަމަށެވެ.

ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް-- ސަން ފޮޓޯ/ އަހްމަދު މިޒްޔާލް

"ހައުސްހޯލްޑް އިންކަމް އެންޑް އެކްސްޕެންޑިޗާ ސާވޭ (ހައިސް)ގެ ޑޭޓާއަށް ބަލާއިރު، 15،000 ރުފިޔާގެ ޖުމުލަ އާމްދަނީއެއް ލިބެނީ މާލޭގައި ދިރިއުޅޭ 17،000 އާއިލާއަށް. އެންމެ ފަހުން ބޯހިޔާވަހިކަމަށް އެދި ހުށަހެޅީ 20،000 މީހުން. އެހެންވީމަ އެޕްލިކޭޝަން ހުށަހެޅި މީހުންގެ ތެރޭގައި ތިބޭނެ މަހަކު 15،000 ރުފިޔާގެ އާމްދަނީއެއް ނުލިބޭ މީހުން." މިނިސްޓަރު ވިދާޅުވި އެވެ.

ހައިސްގެ ޑޭޓާއިން މިނިސްޓަރު ފާހަގަކުރެއްވި އަދަދުތައް

  • 15،000 ރުފިޔާއަށް ވުރެ ބޮޑު އާމްދަނީއެއް ލިބެނީ: 17،000 އާއިލާ
  • 15،000 - 30،000 އާ ދެމެދުގެ އާމްދަނީއެއް ލިބެނީ: 8000 އާއިލާ
  • 30،000 - 50،000 އާ ދެމެދުގެ އާމްދަނީއެއް ލިބެނީ: 8000 އާއިލާ
  • 50،000 ރުފިޔާގެ އާމްދަނީއެއް ލިބެނީ: 1000 އާއިލާ

"ފައިނޭންސިންގައި ހައުސިން ލޯނު ދެނީ ރީޕޭމަންޓް އަދަދު ހައުސްހޯލްޑް އިންކަމްގެ 40 ޕަސެންޓަށްވުރެ ބޮޑު ނުވާނަމަ. ހިސާބު ހައްދަވައިފިނަމަ އެނގޭނެ ކިހާ ވަރެއްކަން އާންމުންނަށް ލޯނަށް ދެއްކެނީ އަދި ކިހާވަރެއްގެ ލޯނަކަށް ކަން އެދި ހުށަހެޅޭނީ." މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖޭގައި ހައުސިން ލޯނުތަކުން ނަގާ އިންޓްރެސްޓް ރޭޓަކީ މާ ބޮޑަށް މަތި ރޭޓެއް ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ބޭންކުތަކުން [ހައުސިން ލޯނަށް] އެޕްލައި ކުރަނީ ކޮމާޝަަލް ރޭޓުތައް. ބޭންކުތަކުން ބުނަނީ އެމީހުން ބޮރޯ ކުރަނީ ވަރަށް މަތީ އިންޓްރެސްޓް ރޭޓުތަކުންނޭ، އެހެންވީމާ ކުޑަ އިންޓްރެސްޓް ރޭޓެއްގައި ލޯނު ނުދެވޭނޭ." މިނިސްޓަރު ވިދާޅުވި އެވެ.

ތަރައްގީވެފައިވާ ގައުމުތަކުގައި ހައުސިން ލޯނުތަކުގެ އިންޓްރެސްޓް ރޭޓު 5-6 ޕަސެންޓަށްވުރެ ބޮޑެ ނުވާނެ ކަމަށާއި ނަމަވެސް ރާއްޖޭގައި އެ ރޭޓު ހުންނަނީ 11.75 ޕަސެންޓުގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެއީ ކޮމާޝަލް ރޭޓުތައް ކަން ފާހަގަކުރެއްވި އެވެ.

އިންޓްރެސްޓް ރޭޓާއެކު އިމާރާތްކުރުމުގެ އަގުތައް ވެސް ދަށްކުރަން ޖެހޭނެ ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

"ކޮންމެ ޕްރޮޑަކްޓެއް ވެސް މާކެޓަށް ލެވިދާނެ. އެކަމަކު އެއީ އެއްވެސް މީހަކަށް ނުގަނެވޭހާ އަގުބޮޑު އެއްޗަކަށް ވާނަމަ، އެއްވެސް މީހަކު އެ ނުގަންނާނެ." މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް