މާފުށީ ބިންހިއްކުމުގެ މަޝްރޫއާ ގުޅޭ މައުލޫމާތު އެމްއެންޔޫގެ ދަރިވަރުންނަށް

މާފުށީ ބިން ހިއްކުމުގެ މަޝްރޫއާ ގުޅޭ މައުލޫމާތު ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އިންޖިނިއަރިން ސައިންސް އެންޑް ޓެކްނޮލޮޖީގެ، އިންޖިނިއަރިން ޑިޕާރޓްމަންޓުގެ ދަރިވަރުންނަށް -- ފޮޓޯ: އެމްޓީސީސީ

މާފުށީ ބިން ހިއްކުމުގެ މަޝްރޫއާ ގުޅޭ މައުލޫމާތު ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އިންޖިނިއަރިން ސައިންސް އެންޑް ޓެކްނޮލޮޖީގެ، އިންޖިނިއަރިން ޑިޕާރޓްމަންޓުގެ ދަރިވަރުންނަށް ދީފިއެވެ.

އެމްޓީސީސީ އިން ބުނީ މިއަދު ފެށި "ޑިސްކަވާ އެމްޓީސީސީ" ޕްރޮގްރާމުގެ ދަށުން އެމްއެންޔޫގެ 25 ދަރިވަރަކު މާފުއްޓަށް ޒިޔާރަތްކޮށް އެރަށުގެ ބިން ހިއްކުމުގެ މަޝްރޫއާ ގުޅޭ މައުލޫމާތު ހޯދާފައިވާ ކަމަށެވެ.

ޑިސްކަވާ އެމްޓީސީސީ އަކީ މަތީ ތައުލީމު ހާސިލްކުރާ ދަރިވަރުންނަށް އަމާޒުކޮށްގެން، ކުންފުނީގެ ފަރާތުން ކުރިއަށްގެންދާ އެކި މަޝްރޫޢުތަކުގެ މަޢުލޫމާތު ހިއްސާކުރުމުގެ ޕްރޮގްރާމެކެވެ. ދަރިވަރުންގެ މައުލޫމާތު މުއްސަނދިކޮށް، އެ މައުލޫމާތު ވީހާވެސް ފަސޭހަކަމާއިއެކު ފޯރުކޮށްދިނުމަކީ މިޕްރޮގްރާމްގެ އަމާޒެކއް ކަމަށާއި އަދި ދަރިވަރުން ތަޢުލީމު ހާސިލްކުރާ ދާއިރާތަކާ ގުޅުންހުރި ވަޒީފާގެ ފުރުސަތުތަކުގެ މައުލޫމާތުވެސް މިޕްރޮގްރާމްގެދަށުން ފޯރުކޮށްދޭނެ ކަމަށް އެމްޓީސީސީ އިން ބުންޏެވެ.

އެމްއެންޔޫ ދަރިވަރުންގެ މި ޒިޔާރަތުގައި މަޝްރޫއުގެ މަސައްކަތް ކުރިއަށްދާގޮތް ބަލައި، މަޝްރޫއުގެ މަޢުލޫމާތު ހޯދާފައިވާކަމަށް އެމްޓީސީސީ އިން ބުންޏެވެ.

މާފުށީ ބިންހިއްކުމުގެ މަޝްރޫއަކީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީ އާ ހަވާލުކޮށްގެން، 225 ދުވަހުގެ ތެރޭ ފުރިހަމަކުރުމަށް ތާވަލުކުރެވިފައިވާ މަޝްރޫއެކެވެ. މަޝްރޫއުގެ ދަށުން އެރަށުގައި 25 ހެކްޓަރުގެ ބިން ހިއްކާ 1110 މީޓަރުގެ ރިވެޓްމަންޓް ގާއިމް ކުރާނެއެވެ. މި މަޝްރޫއަށް 99.9 މިލިއަން ރުފިޔާ ހޭދަކުރާނެއެވެ.

comment ކޮމެންޓް