ދިރާގުން، އިނގެރޭސި މިއުޒިކް ސްޓްރީމިން ސާވިސް ކަމަށްވާ "ސްޓިންގްރޭ" މިއުޒިކް މިއަދު ރާއްޖެއަށް ތައާރަފުކޮށްފި އެވެ.
ދިރާގު ހެޑް އޮފީހުގައި މިއަދު ސްޓިންގްރޭ އެޕްލިކޭޝަން ތައާރަފުކުރުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ދިރާގުގެ ޕްރޮޑަކްޓް ޑިވެލޮޕްމެންޓް އެންޑް އިނޮވޭޝަން މެނޭޖަރު އައިމިނަތު ޝޫޒާ ވިދާޅުވީ ސްޓިންގްރޭ އަކީ މާކެޓް ރިސާޗު ހަދައިގެން ދިވެހިން ބޭނުންވާނެ މިއުޒިކްތަކަށް އަމާޒުކޮށްގެން ބޭނުންކުރުމަށް ރާއްޖެއަށް ތައާރަފުކުރި ހިދުމަތެއް ކަމަށެވެ.
މިއަދު ތައާރަފުކުރި އެ ހިދުމަތް ދިރާގުގެ ކަސްޓަމަރުންނަށް ހިލޭ ބޭނުންކުރެވޭނެ ކަމަށް ވެސް ޝޫޒާ ވިދާޅުވިއެވެ. އެގޮތުން ދިރާގުގެ ނަމްބަރު ބޭނުންކޮށްގެން ސްޓިންގްރޭ އެޕްލިކެޝަން އޮތޮރައިޒު ކުރެވޭނެ އެވެ.
ސްޓިންގްރޭ މިއުޒިކްގައި ދުނިޔޭގެ އެންމެ ގިނަ ބައެއް ޖަހާ 40 ލަވައިގެ ޗާޓުވެސް ހިމެނޭނެ ކަމަށް ޝުޒާ ވިދާޅުވިއެވެ. އަދި އެ ޗާޓަކީ ކޮންމެ ހަފްތާއަކު އަޕްޑޭޓުވާނެ ޗާޓެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ޝޫޒާ ވިދާޅުވީ ސްޓިންގްރޭގައި ތަފާތު ޗެނަލްތަކާއި ތަަފާތު ޖޯންރާގެ މިއުޒިކް އަޑުއަަހާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
ދިރާގުން މަސައްކަތްކުރަމުން ދަނީ ތަފާތު އޮންލައިން ސާވިސްތައް އާންމުންނަށް ތައާރަފުކޮށްދިނުމަށް ކަމަށް އެކުންފުނިން ބުންޏެވެ.
ދިރާގުން ވަނީ 2017 ވަނަ ޔޮންޑާ މިއުޒިކް އާގުޅިގެން ރާއްޖެއަށް ޔޮންޑާ މިއުޒިކް ސްޓްރީމިން ސާވިސް ވެސް ތައާރަފުކޮށްފައެވެ. ނަމަވެސް 2018 ވަނަ އަހަރުގައި ޔޮންޑާ ހިދުމަތް ދިނުން ވަނީ ހުއްޓާލާފައެވެ.