އެސްޓީއޯއިން އިތުރު ތެޔޮ ޓޭންކަރެއް ގަންނަނީ

އެސްޓީއޯގެ ތެޔޮބޯޓު އަލިމަސް --- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު

ސަރުކާރުގެ މައި ވިޔަފާރި ކުންފުނި، އެސްޓީއޯ އަށް ތެޔޮ ޓޭންކަރެއް ގަންނަން އިއުލާނު ކޮށްފި އެވެ.

އެ ކުންފުނިން މިއަަދު ކުރި އިއުލާނެއްގައި ބުނީ 29،000 ކިޔުބިކް މީޓަރާއި 36،000 ކިޔުބިކް މީޓަރާ ދެމެދުގެ ތެޔޮ ޓޭންކަރެއް ގަންނަން ބޭނުންވާ ކަމަށެވެ.

ބީލަމުގައި ރެޖިސްޓްރީ ކުރުމުގެ ފުރުސަތު އަންނަ މަހުގެ ދޭއްގެ ނިޔަލަށް ހުޅުވާލާފައިވާއިރު، އަންނަ މަހުގެ 12ގެ ކުރިން ބިޑު ޑޮކިޔުމެންޓު ހުށަހެޅުމަށް ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

ބީލަމުގައި ބައިވެރިވެވޭނީ އުޅަނދުތަކުގެ ވެރިފަރާތްތަކާއި ބްރޯކަރުންނަށްކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.

އެސްޓީއޯގެ އިއުލާނުގައި ބުނީ އުޅަނދަކީ ކްލީން ޕެޓްރޯލިއަމް އަށް ހާއްސަ އުޅަނދަކަށް ވާންޖެހޭނެ ކަމަށާއި ޖަޕާން، ދެކުނު ކޮރެއާ ނުވަތަ ޔޫރަޕުގެ ގައުމެއްގައި ބަނދެފައިވާ އުޅަނދަކަށް ވާންޖެހޭނެ ކަމަށެވެ.

އެސްޓީއޯ އިން ވަނީ 2018 ވަނަ އަހަރު 25،000 ޓަނުގެތެޔޮ ބޯޓެއް ގެނެސްފަ އެވެ. އެ ޓޭންކަރަކީ ޖަރުމަނުގެ ކުންފުންޏަކުން 14.7 މިލިއަން ޑޮލަރު (226.6 މިލިއަން ރުފިޔާ) އަށް ގަތް ޓޭންކަރެކެވެ.

comment ކޮމެންޓް