ކޮވިޑް-19އިން ރަނގަޅުވި ޖަޕާނު މީހަކަށް އަނެއްކާވެސް ވައިރަސް ޖެހިއްޖެ

ޖަޕާނުގައި ކޮރޯނާވައިރަހަށް ފަރުވާ ހޯދި މީހަކު އަނެއްކާވެސް ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ -- ފޮޓޯ: ބްލޫމްބާގް

ޓޯކިޔޯ (ފެބްރުއަރީ 27): ދުނިޔޭގައި މިހާރު ފެތުރެމުންދާ އާ ކޮރޯނާވައިރަހަށް ކުރިން ޕޮޒިޓިވްވެ، ފަރުވާ ހޯދުމަށް ފަހު ރަނގަޅުވި ޖަޕާނުގެ އަންހެނަކު އަނެއްކާވެސް އެ ވައިރަހަށް ޕޮޒިޓިވްވެއްޖެ އެވެ.

ޖަޕާނުގެ ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ އެގައުމުގެ މީޑިއާތަކުގައިވާ ގޮތުން އެ އަންހެން މީހާއަކީ އޮސާކާއަށް ނިސްބަތްވާ 40 އަހަރުގެ ޓުއާ ގައިޑެކެވެ. އޭނާ ވައިރަހަށް ފުރަތަމަ ޕޮޒިޓިވްވީ މިދިޔަ މަހުގެ ފަހުކޮޅުގަ އެވެ. އަދި ޖަޕާނުގެ ހޮސްޕިޓަލެއްގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލީ މިމަހުގެ އެކެއްގަ އެވެ.

ނަމަވެސް އޭގެ ފަހުން އޭނާގެ ކަރު ސަކަރާތްވެ، މޭމައްޗަށް ތަދުވާތީ ހޮސްޕިޓަލަށް ދިޔުމުން އަނެއްކާވެސް ވައިރަހަށް ޕޮޒިޓިވްވީ އެވެ. އެއީ ޖަޕާނުގައި ވައިރަހަށް ފަރުވާ ހޯދި މީހަކު އަނެއްކާވެސް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ. ނަމަވެސް މީގެ ކުރިން ޗައިނާގައި އެފަދަ ހާދިސާތައް ރިޕޯޓުކޮށްފައިވެ އެވެ.

ޖަޕާނުގައި ދެވަނަ ފަހަރަށް މީހަކު ވައިރަހަށް ޕޮޒިޓިވްވެފައި ވަނީ، މިދިޔަ އަންގާރަ ދުވަހު ޗައިނާއަށް ވުރެ ގިނައިން އެހެން ގައުމުތަކުގައި މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވި ކަމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ)އިން ބުނި ފަހުންނެވެ.

ޑަބްލިޔުއެޗްއޯ އިން ބުނި ގޮތުގައި އަންގާރަ ދުވަހު ޗައިނާގައި އަލަށް ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައި ވަނީ 411 މީހުންނެވެ. ނަމަވެސް އެދުވަހު އެހެން ގައުމުތަކުގައި 427 މީހުން ވައިރަހަށް ޕޮޒިޓިވްވި އެވެ. އަދި އެއީ އަލަށް ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު ޗައިނާއަށް ވުރެ އެހެން ގައުމުތަކުގައި އިތުރުވި ފުރަތަމަ ދުވަހެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ޗައިނާއިން ފެނުނު ކޮރޯނާވައިރަސް މިހާރު ދުނިޔޭގެ 44 ގައުމަކާއި ސަރަހައްދުތަކަށް ފެތުރި، 82،000އަށް ވުރެ ގިނަ މީހުން ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އަދި އެ ވައިރަސް ޖެހުނު 2,804 މީހަކު މަރުވެފައިވާ އިރު، 32,854 މީހުން ވަނީ ފަރުވާ ހޯދައިގެން ރަނގަޅުވެފަ އެވެ.

comment ކޮމެންޓް