މަހާތިރާއި އަންވަރުގެ ގުޅުން: އެތައް އަހަރުތަކެއްވީ ކޯޅުމެއް!

މެލޭޝިއާގެ ބޮޑުވަޒީރު މަހާތިރު މުހައްމަދާއި އަންވަރު އިބްރާހީމް -- ފޮޓޯ: އޭއެފްޕީ

މިދިޔަ ހޯމަ ދުވަހު މެލޭޝިއާގެ ބޮޑުވަޒީރު މަހާތިރު މުހައްމަދު ވަނީ ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވާފަ އެވެ. އަދި އާ ސަރުކާރެއް ގާއިމު ކުރެވެންދެން ވަގުތީ ބޮޑުވަޒީރުގެ މަގާމާ ހަވާލުވެވަޑައިގެންފަ އެވެ.

މަހާތިރު އިސްތިއުފާ ދެއްވާފައި ވަނީ ވެރިކަން ކުރާ އެލަޔަންސް އޮފް ހޯޕް ކޯލިޝަނުގައި ދެބަސްވުންތައް އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ. އެ ބައިބައިވުން އުފެދިފައި ވަނީ މަހާތިރަށް ތާއިދު ކުރާ ފަރާތްތަކާއި އަންވަރު އިބްރާހީމަށް ތާއިދު ކުރާ ފަރާތްތަކާ ދެމެދުގަ އެވެ.

އެއީ މަހާތިރާއި އަންވަރުގެ ގުޅުމުގެ ސަބަބުން ގައުމުގެ ސަރުކާރަށް ބަދަލު އައި ފުރަތަމަ ފަހަރެއް ނޫނެވެ. އެގޮތުން ފާއިތުވި އަހަރުތަކުގެ ތެރޭގައި ދެ ބޭފުޅުންގެ ގުޅުމާއި އެއާ އެކު ގައުމުގެ ސަރުކާރުތަކަށް ކުރި އަސަރަށް ބަލާލާ އިރު:

1982 - މެލޭޝިއާގެ ސިޔާސީ މައިދާނުގައި ކުރިއަރަމުން އައި އަންވަރު، މަހާތިރުގެ ޔުނައިޓެޑް މެލޭސް ނެޝަނަލް އޯގަނައިޒޭޝަން (އުމްނޯ)އާ ގުޅުނެވެ. މަހާތިރު ބޮޑުވަޒީރު ކަމަށް އިސްވީ އޭގެ ކުރީ އަހަރުގަ އެވެ.

1993 - އުމްނޯގައި އަންވަރު އިސް މަގާމުތައް ފުރުއްވާ، ބޮޑުވަޒީރުގެ ނައިބު ކަމަށް ވަޑައިގެންނެވި އެވެ.

މަހާތިރު މުހައްމަދާއި އަންވަރު އިބްރާހިމް 1997ގައި ނޫސްވެރިންގެ ބައްދަލުވުމެއްގައި -- ފޮޓޯ: އޭއެފްޕީ

1998 - އޭޝިއާގެ ބައެއް ގައުމުތައް އިގުތިސާދީ އަނދަވަޅަކަށް ވެއްޓުނު އިރު މެލޭޝިއާ ވެސް އޭގެ ތެރޭގައި ހިމެނުނެވެ. އަދި އެ ދުވަސްވަރު ސަރުކާރުން އަމަލު ކުރަން ޖެހޭ ގޮތާ ބެހޭ ގޮތުން އަންވަރާއި މަހާތިރާ މެދު ދެބަސްވުން އުފެދި، އަންވަރު މަގާމުން ދުރު ކުރި އެވެ.

އޭގެ ސަބަބުން ސަރުކާރު އިސްލާހު ކުރުމަށް ގޮވާލާ ހަރަކާތެއް އަންވަރުގެ އިސްނެންގެވުމުގެ ދަށުން ފައްޓަވާ، ގައުމުގެ ގިނަ ބަޔެއްގެ ތާއިދު ހޯއްދެވި އެވެ. އެ ހަރަކާތުގެ ދަށުން ސަރުކާރާ ދެކޮޅު މުޒާހަރާތަކާއި މަދަނީ ބަސްނޭހުމާއި ހަޅުތާލުތައް ކުރިއަށްގެންގޮސްފައިވެ އެވެ.

1999 - އަންވަރުގެ ނެޝަނަލް ޖަސްޓިސް ޕާޓީ އުފެއްދެވި އެވެ. އޭގެ ފަހުން އޭނާގެ މައްޗަށް ކޮރަޕްޝަނާއި އެއް ޖިންސުން ގުޅުން ހިންގުމުގެ ދައުވާ ދެ ޝަރީއަތެއްގައި ސާބިތުވެ، ހަ އަހަރާއި ނުވަ އަހަރަށް ޖަލަށް ލާން ހުކުމް ކުރި އެވެ. އަންވަރު ވަނީ އެއީ ސިޔާސީ ދައުވާތަކެއް ކަމަށް ވިދާޅުވެފަ އެވެ.

2003 - ބޮޑުވަޒީރުކަން ކުރައްވާތާ 22 އަހަރު ފަހުން މަހާތިރު އިސްތިއުފާ ދެއްވި އެވެ.

މަހާތިރު ވެރިކަމުން އިސްތިއުފާ ދެއްވުމުން ވެރިކަމަށް ވަޑައިގެންނެވި އަބްދުﷲ އަހުމަދު ބަދާވީއާ އެކު -- ފޮޓޯ: އޭއެފްޕީ

2004 - އަންވަރުގެ މައްޗަށް ކޮށްފައިވާ އެއް ޖިންސުން ގުޅުން ހިންގުމުގެ ދައުވާ ފެޑެރަލް ކޯޓުން ބާތިލުކޮށް، އޭނާ މިނިވަން ކުރި އެވެ. ނަމަވެސް އޭނާގެ މައްޗަށް ސާބިތުވި ކޮރަޕްޝަނުގެ ދައުވާ ބާތިލު ކުރަން ކޯޓުން ދެކޮޅު ހެދުމުން، 2008އާ ޖެހެންދެން ސިޔާސީ މައިދާނާ ދުރަށް ޖެހިވަޑައިގަންނަވަން މަޖުބޫރުވި އެވެ.

2008 - އަންވަރު އަނެއްކާވެސް ސިޔާސީ މައިދާނަށް ނުކުމެވަޑައިގެން ޕާލިމެންޓުގެ ގޮނޑިއެއް ކާމިޔާބު ކުރައްވާ، އިދިކޮޅު ލީޑަރުގެ މަގާމު ހޯއްދެވި އެވެ. އެ އަހަރުގެ އާއްމު އިންތިހާބުގައި އިދިކޮޅުން، ކުރީ އަހަރުތަކާ ބަލާ އިރު ބޮޑު ކުރިއެރުމެއް ހޯދި އެވެ. ނަމަވެސް ޕާލިމެންޓުގެ ގިނަ ގޮނޑިތައް ކާމިޔާބު ކުރީ އުމްނޯއިންނެވެ. އަދި ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވީ ކުރީގެ ބޮޑުވަޒީރުގެ ނައިބު އަދި މަހާތިރުގެ ދައުރުގައި ޑިފެންސް އާއި އެޑިއުކޭޝަން މިނިސްޓަރުކަން ކުރެއްވި ނަޖީބު ރައްޒާގު އެވެ.

އެ އަހަރު އަނެއްކާވެސް އަންވަރުގެ މައްޗަށް އެއް ޖިންސުން ގުޅުން ހިންގުމުގެ ދައުވާ ކުރި އެވެ.

2012 - އަންވަރުގެ މައްޗަށް ކުރި އެއް ޖިންސުން ގުޅުން ހިންގުމުގެ ދައުވާ ސާބިތު ނުވާ ކަމަށް ހައި ކޯޓުން ނިންމި އެވެ.

2014 - ހައި ކޯޓުގެ ނިންމުން އިސްތިއުނާފު ކޯޓުން ބާތިލުކޮށް، އަންވަރު ފަސް އަހަރަށް ޖަލަށް ލާން ހުކުމް ކުރި އެވެ. އެ ހުކުމް ކުރީ އަންވަރު މެލޭޝިއާގެ އެންމެ މުއްސަނދި އަދި އާބާދީ ބޮޑު ސްޓޭޓު ކަމަށްވާ ސެލަންގޯގެ ބައި-އިލެކްޝަނެއްގައި ވާދަކޮށް، އެ ސްޓޭޓުގެ ޗީފް މިނިސްޓަރު ކަމަށް ވަޑައިގަންނަވަން މަސައްކަތް ކުރައްވަނިކޮށެވެ.

2015 - އިސްތިއުނާފު ކޯޓުގެ ނިންމުން ފެޑެރަލް ކޯޓުން ވެސް ދަމަހައްޓާ، އަންވަރު ޖަލަށް ލި އެވެ.

2015އިގައި އަންވަރު ޖަލަށް ލާން ހުކުމް ކުރުމުން އަނބިކަނބަލުން ވަން އަޒީޒާ ވަން އިސްމާއީލްއާ އެކު --

2016 - 2017 - 1އެމްޑީބީ ކޮރަޕްޝަނުގެ މައްސަލައިގައި ބޮޑުވަޒީރު ނަޖީބުގެ އިސްތިއުފާއަށް ގިނަ ބަޔަކު ގޮވާލަމުން ދަނިކޮށް މަހާތިރު އުމްނޯއިން ވަކިވެވަޑައިގެންނެވި އެވެ. އަދި މެލޭޝިއަން ޔުނައިޓެޑް އިންޑިޖިނަސް ޕާޓީ (ޕީޕީބީއެމް)ގެ ނަމުގައި ޕާޓީއެއް ހެއްދެވި އެވެ. އަދި ނަޖީބު ވެރިކަމުން ދުރުކުރުމަށްޓަކައި އަންވަރުގެ އެލަޔަންސް އޮފް ހޯޕް ކޯލިޝަނާ ގުޅިވަޑައިގެންނެވި އެވެ.

2018 - މެއި މަހު އާއްމު އިންތިހާބުގައި އެލަޔަންސް އޮފް ހޯޕްއިން ތާރީހީ ކާމިޔާބީއެއް ހޯދާ، އުމްނޯގެ 60 އަހަރުވީ ވެރިކަން ނިމުމަކަށް ގެނަ އެވެ. އަދި މަހާތިރު ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވިތާ ހަފްތާއެއް ފަހުން އަންވަރަށް ޝާހީ މާފެއް ލިބި، މިނިވަންވި އެވެ. އޭގެ ފަހުން އޮކްޓޯބަރު މަހު ޕޯޓް ޑިކްސަންގައި ބޭއްވި ބައި އިލެކްޝަންގައި އަންވަރު ވާދަ ކުރައްވާ، ޕާލިމެންޓުން ގޮނޑިއެއް ކާމިޔާބު ކުރެއްވި އެވެ.

މަހާތިރު ވެރިކަމަށް ވަޑައިގެންނެވީ ދައުރު ފުރިހަމަ ނުވަނީސް އަންވަރާ ވެރިކަން ހަވާލު ކުރައްވާނެ ކަމަށް އެއްބަސްވުމަށް ފަހުގަ އެވެ.

2020 - ވެރިކަން ކުރާ ކޯލިޝަން ތެރޭގައި އަންވަރާ ވެރިކަން ހަވާލު ކުރުމަށް މަހާތިރަށް ކުރަމުން ދިޔަ ޕްރެޝަރު އިތުރުވި އެވެ. އަދި މަހާތިރުގެ ޕާޓީގެ ބައެއް މެމްބަރުންނާއި އަންވަރުގެ ޕާޓީއަށް ނިސްބަތްވާ ބަޔަކު، އާ ސަރުކާރު ކޯލިޝަނެއް އެކުލަވާލުމާ ބެހޭ ގޮތުން އުމްނޯއާ ވާހަކަ ދެއްކި ކަމަށް މިދިޔަ ހަފްތާ ބަންދު ތެރޭގައި ހަބަރު ފެތުރުނެވެ. އޭގެ ފަހުން މަހާތިރުގެ އިސްތިއުފާ އިއުލާން ކުރެއްވި އެވެ.

އެހެންކަމުން އެގައުމުގައި އާ ކޯލިޝަން ސަރުކާރެއް އުފެއްދުމުގެ ނުވަތަ އާ އާއްމު އިންތިހާބެއް ބޭއްވުމަށް ވެސް ވަނީ މަގު ހުޅުވިފަ އެވެ. އަދި އާ ކޯލިޝަނެއް އުފައްދާ ނަމަ އެ ޕާޓީތަކުގައި އިސްކޮށް ހުންނަވައިގެން އަންވަރަށް އެންމެ ފަހުން ވެރިކަމަށް ވަޑައިގެންނެވޭނެތޯ ނުވަތަ ތާރީހު އިޔާދަވެ، ބޮޑުވަޒީރު ކަމާ އެހާ ގާތަށް އާދެވިފައި ވަނިކޮށް އެ ފުރުސަތު އަނެއްކާ ވެސް ގެއްލިގެން ދާނީތޯ ވަނީ ސުވާލު އުފެދިފަ އެވެ.

comment ކޮމެންޓް