މަރު ކޮމިޝަނުގެ މެންޑޭޓް ފުޅާކޮށް ޝިމާގެ މައްސަލަ ތަހުގީގު ކުރަން ގޮވާލައިފި

ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަންގެ މެންޑޭޓު ފުޅާކޮށް، ލ. ކައްދޫއިން އެ އަތޮޅު މާމެންދޫއަށް ދަތުރު ކުރި ޑިންގީއެއް ބަންޑުން ޖަހާލައި ގެއްލުނު ކަމަށް ބުނާ، 19 އަހަރުގެ އައިމިނަތު ޝިމާ ނާފިޒުގެ މައްސަލަ ބަލަން ޖެހޭ ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވެއްޖެ އެވެ.

ވީނުވީއެއް ނޭނގި ޝިމާ ގެއްލުނީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގަ އެވެ. ޝިމާ ގެއްލުނު ފަހުން މިހާރު އަހަރެއް ވެފައިވާއިރު، އަދިވެސް އެ މައްސަލައިގައި އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވެ އެވެ.

އައިމިނަތު ޝިމާ ނާފިޒު---- ފޮޓޯ/ ފޭސްބުކް ފޮޓޯ

މަރު ކޮމިޝަނުގެ ކުރީގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެފައި ވަނީ ޝިމާ ގެއްލުނު މައްސަލަ އެ ކޮމިޝަނުގެ މެންޑޭޓަށް ނުފެތޭ ކަމަށެވެ.

ޝިމާ ގެއްލުނު މައްސަލަ ކޮމިޝަނަށް ނުބެލެނީ، މަރު ކޮމިޝަނުގެ މެންޑޭޓުގައި ހިމެނެނީ 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހާ ދޭތެރޭގެ މައްސަލަތައް ކަމުގައި ވާތީ އެވެ.

ނަމަވެސް މެމްބަރު ސިރާޖު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޝިމާ ގެއްލުނުތާ އަހަރެއް ވެފައިވާއިރު، އެންމެ އެކަށީގެންވާ ގޮތެއްގައި މައްސަލައިގެ ތަހުގީގު ނުހިނގާ ކަމަށާއި، ތަހުގީގު މައުލޫމާތު އާއިލާއަށް ވެސް އެކަށީގެންވާ މިންވަރަކަށް ދެމުން ނުދާ ކަމަށެވެ.

އަދި މަރު ކޮމިޝަނުގެ މެންޑޭޓް ފުޅާކޮށް ޝިމާގެ މައްސަލަ ތަހުގީގު ކުރުމަކީ މުހިންމު ކަމެއްކަމުގައި ދެކޭ ކަމަށް ވެސް ސިރާޖު ވިދާޅުވި އެވެ.

ޝިމާ ގެއްލުނު މައްސަލައިގައި އެންމެ ބޮޑަށް ތުހުމަތުތައް އަމާޒުވެފައިވަނީ، އޭނާއާ އެކު ދަތުރު ކުރި އިބްރާހިމް ފަޒީލްގެ މައްޗަށެވެ.

ގެއްލުނު ޝިމާ ގޮވައިގެން ދިޔަ ޑިންޑީ ދުއްވަން އިން ފަޒީލް --

އެ ހާދިސާއާ ގުޅިގެން ފަޒީލް ބުނެފައި ވަނީ، ޑިންގީ ބަންޑުން ޖަހާލުމުން ޝިމާ ކަނޑުމައްޗަށް ދޫކޮށްލާފައި ދިޔައީ ފެންމަތީގައި އޮންނާނެ ހަމެއް ދީފައި ކަމަށެވެ. އަދި ޝިމާ ދޫކޮށް ގޮސްފައި ވަނީ އެހީތެރިކަން ހޯދުމަށް ކަމަށް ވެސް އޭނާ ބުންޏެވެ.

ޝިމާގެ އާއިލާއިން ފަޒީލްގެ ވާހަކަތައް ގަބޫލުނުކުރާ އިރު، ފަޒީލް ޝިމާ ގޮވައިގެން އެހެން ރަށަކަށް ދިޔަ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުވެސް ކުރެ އެވެ. އަދި އެކަމާ ގުޅިގެން ލ. މާމެންދޫ ކައިރީގައި އޮންނަ، ފަޅުކޮށްފައިވާ ގާދޫ ވެސް ފުލުހުން ވަނީ ބަލާފަ އެވެ.

ފުލުހުން ބުނީ ޝިމާ އެހެން ތަނަކަށް ގެންދިޔަ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. ޝިމާއާއި އެ މީހުން ދަތުރުކުރި ޑިންގީގެ ނިޝާނެއް ވެސް ނުފެންނަ އިރު، ފުލުހުން ބުނެފައި ވަނީ ފަޒީލް ދައްކާ ބައެއް ވާހަކަ ދިމާ ނުވާ ކަމަށެވެ.

އެހެން ނަމަވެސް ޝިމާ ގެއްލުވާލީ ފަޒީލް ގަސްތުގައިކަން ކަށަވަރު ކުރެވޭ ވަރަށް ހެކި ލިބިފައި ނެތް ކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފަ އެވެ.

ފަޒީލަކީ ޖިނާއީ މައްސަލަތަކުގައި ބޮޑެތި ތުހުމަތުތަކެއް ކުރެވޭ މީހެކެވެ. ޝިމާ ގެއްލުނު މައްސަލައިގައި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ އިރު އޭނާ ވަނީ އެ ތުހުމަތުތައް މީގެ ކުރިން ދޮގުކޮށްފަ އެވެ. އެފަހުން ޝިމާގެ ކޮއްކޮ ރަހީނުކޮށްގެން ގެންދަނިކޮށްވެސް އޭނާ ވަނީ ހައްޔަރުކޮށްފަ އެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް ވަނީ ދައުވާވެސް އުފުލައިފަ އެވެ.

comment ކޮމެންޓް