ޓީއެމްއޭ އަތުން ޕޮލިހަށް ފަސޭހަ މޮޅެއް

އިންޓަ އޮފީސް ބިލިއާޑް މުބާރާތުގައި ޕޮލިސް ކްލަބާއި ޓީއެމްއޭ ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ: އެމްޕީބީއޭ

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ އިންޓަ އޮފީސް ބިލިއާޑް މުބާރާތުގައި ޓްރާންސް މޯލްޑިވްސް އެއާވޭސް (ޓީއެމްއޭ) އަތުން ފަސޭހަކަމާއެކު ޕޮލިސް ކްލަބު މޮޅުވެއްޖެއެވެ.

އެމްޕީބީއޭ ކްލަބު ހައުސްގައި ރޭ ކުޅުނު ޓީމް އިވެންޓު މެޗުގައި ޓީއެމްއޭ އަތުން ޕޮލިސް ކްލަބު މޮޅުވީ ސީދާ ތިން ގޭމުންނެވެ.

އެ މެޗުގެ ފުރަތަމަ ގޭމުން ޕޮލިސް މޮޅުވީ 4-1 ފްރޭމުންނެވެ. ދެވަނަ ގޭމު 4-2 ފްރޭމުން ޕޮލިސް ގެންދިޔަ އިރު، ޕޮލިހުން ފަހު ގޭމު ގެންދިޔައީ 4-3 ފްރޭމުންނެވެ.

ރޭ ކުޅުނު އެހެން މެޗުތަކަށް ބަލައިލާ އިރު، ސްޓެލްކޯ އިން ވަނީ 2-1 ގޭމުން ރައީސް އޮފީސް ބަލިކޮށްފައެވެ. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން 2-1 ގޭމުން ކަސްޓަމްސް ރެކްރިއޭޝަން ކްލަބު ބަލިކުރި އިރު، އެމްއެންޑީއެފުން ވަނީ 2-1 ގޭމުން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ބަލިކޮށްފައެވެ.

މިއަހަރުގެ މުބާރާތުގައި ޖުމުލަ 13 ޓީމެއް ވާދަކުރެއެވެ. އެއީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ޕޮލިސް ކްލަބު، އެމްއެންޑީއެފް، ސްޓެލްކޯ، އެމްޑަބްލިޔުއެސްސީ، ޓީއެމްއޭ، ފެނަކަ، އެމްޓީސީސީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)، ދިރާގު، ކަސްޓަމްސް ރެކްރިއޭޝަން ކްލަބު އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އެވެ.

އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ މުބާރާތުގެ ޓީމް އިވެންޓު ދެ ގްރޫޕަކަށް ބަހާލައިގެން ޖުމްލަ 63 މެޗު ކުޅޭނެއެވެ. ފިރިހެން ޑިވިޝަނުގެ ސިންގަލްސް އިވެންޓުގައި 63 ކުޅުންތެރިން ވާދަކުރާ އިރު، ޖުމްލަ 44 މެޗެއް ކުޅޭނެއެވެ. އަދި އަންހެން ޑިވިޝަނުގެ ސިންގަލްސް އިވެންޓުގައި ވާދަކުރާނީ އަށް ކުޅުންތެރިންނެވެ. އެ އިވެންޓުގައި އަށް މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ.

comment ކޮމެންޓް