އިމްރާން، އަމިތު ޝާހުއާ ބައްދަލުކުރައްވައިފި

އިންޑިއާގެ ހޯމް މިނިސްޓަރު އަމިތު ޝާހުއާ، ހޯމް މިނިސްޓަރު އިމްރަން އަބްދުﷲ ބައްދަލުކުރައްވަނީ ---- ފޮޓޯ/ އިންޑިއާ ހޯމް މިނިސްޓަރު

ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެން އުޅުއްވާ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، އިންޑިއާގެ ހޯމް މިނިސްޓަރު އަމިތު ޝާހުއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

އިންޑިއާ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، އިންޑިއާގެ ހޯމް މިނިސްޓަރު އަމިތު ޝާހުއާ ބައްދަލުކުރެއްވީ މިއަދު ނިއުދިއްލީގައި ކަމަށެވެ.

އިންޑިއާ ސަރުކާރުން ބުނީ ދެ ބޭފުޅުން ސެކިއުރިޓީ އަދި ގާނޫނު ތަންފީޒުކުރުމުގެ ދާއިރާތަކުން ގުޅުން ބަދހަިކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވި ކަމަށެވެ.

އަދި ފުލުހުންގެ ހިދުމަތާއި، ލޯ އެންފޯސްމަންޓާއި، ޓެރަރިޒަމާއި ހައްދުފަހަނައެޅި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމާއި، ރޭވިގެން ހިންގާ ބޮޑެތި ޖިނާއީ ކުށްތަކުގެ އިތުރުން ޑްރަގް ޓްރެފިކިންގް ފަދަ މައްސަލަތަކާ ދެކޮޅަށް ދެގައުމުން ގުޅިގެން މަސައްކަތްކުރުމަށާއި ކެޕޭސިޓީ ބިލްޑިންގްގައި އެކުގައި މަސައްކަތްކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވިކަމަށް ވިދާޅުވިއެވެ.

އިންޑިއާގެ ހޯމް މިނިސްޓަރު އަމިތު ޝާހުއަކީ އެގައުމުގައި ވެރިކަން ކުރާ ހިންދޫ ނެޝަނަލިސްޓް ފިކުރުގެ ޕާޓީ، ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ ރައީސްއެވެ.

މިބައްދަލުވުމުގައި ރާއްޖޭގ ފުލުސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ބައިވެރިވެވަޑައިގަތެވެ. އަދި އިންޑިއާގެ ހޯމް ސެކްރެޓަރީވެސް ބައިވެރިވެވަޑައިގަތެވެ.

ހޯމް މިނިސްޓްރީގެ ވަފުދު މިއަދު އިންޑިއާގައި ވަނީ އެގައުމުގެ ނޭޝަނަލް ޕޮލިސް އެކެޑެމީއާއި، ނޭޝަނަލް އިންވެސްޓިގޭޝަން އޭޖެންސީއާއި، ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯގެ އިތުރުން ގުޖަރާތު ފޮރެންސިކް ސައިންސް ޔުނިވާސިޓީގެ އިސްވެރިންނާވެސް ބައްދަލުކުރައްވައިފައެވެ.

comment ކޮމެންޓް