ހުޅުމާލޭގައި ބާބަކިއު ހަދަން ވަގުތީ ސަރަހައްދެއް ހަމަޖައްސައިފި

ހުޅުމާލޭގައި ބާބަކިއު ހެދުމަށް ކަނޑައެޅި ސަރަހައްދު

ހުޅުމާލޭގައި ބާބަކިއު ހަދަން ވަގުތީ ސަރަހައްދެއް ހަމަޖައްސައިފިއެވެ.

ހުޅުމާލޭގައި ބާބަކިއު ހަދަން ވަގުތީ ސަރަހައްދެއް ހަމަޖައްސާފައި މިވަނީ ހުޅުމާލެ ފޭސް އެެކެއް އަދި ދޭއް ތަރައްގީ ކުރުމަށްޓަކައި އެ ސަރަހައްދު ސާފުކުރުމުގެ ގޮތުން ބާބަކިއު ސަަރަހައްދުގައި ހުންނަ ތަކެތި ނެގުމަށް ނިންމައި އެތަން ވަގުތީ ގޮތުން ބަންދު ކުރުމާ ގުޅިގެންނެވެ.

ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހުޅުމާލޭގައި ބާބަކިއު ހެދުމަށް ހުޅުމާލެ ރުއްގަނޑު 2 ސަރަހައްދު ވަގުތީ ގޮތުން ހަމަޖައްސައި، އާންމުންނަށް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.

އަދި މާދަމާ އިން ފެށިގެން އެ ސަރަހައްދު އާންމުންނަށް ބޭނުން ކުރެވޭނެ ކަމަށް އެޗްޑީސީގެ ބަޔާނުގައި ވެއެވެ.

އެޗްޑީސީން ބުނީ އެ ސަރަހައްދުގައި ބާބަކިއު ހެދުމަށް ބޭނުންކުރަންވާނީ ކޯލް އެކަނި ކަމަށާއި، އަދި އެ ސަރަހައްދުގައި މަސް ކަނޑާ ހުޅުނބު ޖެހުމަކީ ވެސް މަނާ ކަމެއް ކަމަށެވެ.

ހުޅުމާލެ ބާބަކިއު ސަރަހައްދު ސާފުކުރުމަށް އެތަން ވަގުތީ ގޮތުން ބަންދުކޮށްފައިވާއިރު، އެ ސަރަހައްދު އަލުން ހުޅުވާނެ ތާރީހެއް އެޗްޑީސީން ހާމައެއް ނުކުރެއެވެ.

ބާބަކިއު ސަރަހައްދަކީ އާންމުކޮށް އާއިލާތަކާއި ޒުވާނުން ރޭގަނޑާއި ހަވީރު ޖަމާވެ ތަފާތު ކާ އެއްޗެތި ތައްޔާރުކޮށް ހަދާ ތަނެކެވެ.

ހުޅުމާލެ ފުރަތަ ފިޔަވައްސާ، އަލަށް މީހުން އާބާދުކުރާ ދެ ވަނަ ފިޔަވަހި ގުޅާލަން އަޅާ ފަސް ބްރިޖް އަންނަ މަހު ނޫނީ އޭޕްރީލްމަހަށް ނިންމަން އެޗްޑީސީން މިހާރު ދަނީ މަސައްކަތްވެސް ކުރަމުންނެވެ.

comment ކޮމެންޓް