ޓެރަރިޒަމް ގާނޫނުގެ ދަށުން ލަންކާގައި ހަތަރު ދިވެހިން ހައްޔަރުކުރި: ލަންކާ ޕޮލިސް

އެޕްރީލް 21، 2019: ފުލުފުލުގައި އައި ހަމަލާތަކަށްފަހު ލަންކާ ފުން ހިތާމައެއްގައި: އެ ގައުމުގެ އަށް ސަރަހައްދެއްގައި ބޮންގޮއްވާފައިވާއިރު، މަރުވި މީހުންގެ އަދަދު 290 އަށް ވަނީ އަރާފައި -- ފޮޓޯ/ އޭޕީ

ސްރީލަންކާގައި މިދިޔަ އަހަރުގެ އޭޕްރިލް މަހު ދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން ޓެރަރިޒަމް މަނާކުރާ ގާނޫނު ހަރުކަށިކޮށް، އެ ގާނޫނުގެ ދަށުން ހައްޔަރުކުރި 153 މީހުންގެ ތެރޭގައި ހަތަރު ދިވެހިން ހިމެނޭކަމަށް އެގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

ލަންކާ ޕޮލިސް ލީގަލް ޑިވިޝަންގެ ވެރިޔާ ޑީއައިޖީ އަޖިތު ރޮހާނައާ ހަވާލާދީ ނިއުސް ފަސްޓުގައިވާ ގޮތުން އޭޕްރިލް 21ގައި ދިން ހަމަލާތަކާ ގުޅިގެން މިހާތަނަށް 216 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ހަތް އަންހެނުން ހިމެނެ އެވެ.

ރޮހާނަ ވިދާޅުވި ގޮތުގައި އެ 216 މީހުންގެ ތެރެއިން 153 މީހެއްގެ މައްޗަށް ވަނީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން މުއްދަތު ޖަހާފައެވެ. އަދި އޭގެ ތެރޭގައި ހަތަރު ދިވެހިން ހިމެނެއެވެ. ނަމަވެސް އެމީހުންނާ ބެހޭ އިތުރު މައުލޫމާތެއް އަދި އެމީހުން ހައްޔަރުކޮށްފައިވާ މުއްދަތެއް އެ މީޑިއާތަކުން ހާމައެއް ނުކުރެއެވެ.

ރޮހާނަ ވިދާޅުވި ގޮތުގައި އެހަމަލާތައް ތަހުގީގު ކުރުމުގައި އިންޓަޕޯލް އާއި އެމެރިކާގެ އެފްބީއައި އާއި އޮސްޓްރޭލިއަން ފެޑެރަލް ޕޮލިހުން ދަނީ އެހީވަމުންނެވެ.

ނަސާރާއިން ފާހަގަ ކުރާ އީސްޓާ ސަންޑޭއާ ދިމާކޮށް ލަންކާގެ ތިން ފައްޅިއަކަށާއި ތިން ލަގްޒަރީ ހޮޓަލަކަށް ދިން ބޮމުގެ ހަމަލާތަކުގައި 259 މީހުން މަރުވެ، 500އަށް ވުރެ ގިނަ މީހުންނަށް އަނިޔާވި އެވެ. އަދި މަރުވި މީހުންގެ ތެރޭގައި ބޭރު ގައުމުތަކަށް ނިސްބަތްވާ 45 މީހުންވެސް ހިމެނުނެވެ.

އެ ހަމަލާތައް ދިނީ ޖިހާދީ ފިކުރުގެ ހަރުކަށި ދެ ޖަމާއަތް ކަމުގައިވާ ނެޝަނަލް ތައުހީދު ޖަމާއަތު (އެންޓީޖޭ) އާއި ޖަމާއަތު މިއްލަތު އިބްރާހީމް ގުޅިގެން، ބޭރުގެ އެހީ ހޯދައިގެންނެވެ. އަދި ހަމަލާގައި އެންޓީޖޭގެ ލީޑަރު ޒަހްރާން ހާޝިމްވެސް ވަނީ މަރުވެފައެވެ.

comment ކޮމެންޓް