ކޯޕަރޭޓް ސްކޮލަޝިޕްތަކަށް ކުރިމަތިލާން މިމަހު ހުޅުވާލާނަން: މިނިސްޓްރީ

ކޯޕަރޭޓް ހަޔާ އެޑިއުކޭޝަން ސްކީމުގައި ބޭންކް އޮފް މޯލްޑިވްސް އިން ބައިވެރިވުން --- ސަން ފޮޓޯ: ފަޔާޒު މޫސާ

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ކުރިއަށް ގެންދާ ކޯޕަރޭޓް ސްކޮލަޝިޕް ސްކީމްގެ ދަށުން އެ ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިމަހު ހުޅުވާލާނެކަމަށް އެ މިިނިސްޓްރީން ބުނެފިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު "ސަން" އަށް މިއަދު ވިދާޅުވީ އެ ކޯޕަރޭޓް ސްްކީމްގައި 14 ކުންފުންޏަކުން ބައިވެރިވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ބީއެލްއެލްއާއި ދިރާގުވެސް ހިމެނެއެވެ.

ނަމަވެސް އެ ސްކޮލަޝިޕްތައް ހުޅުވާލާނެ ސީދާ ދުވަހެއް މިނިސްޓްރީން ނުބުނެއެވެ.

ކޯޕަރޭޓް ސްކޮލަޝިޕްގެ ދަށުން ހުޅުވާލާނީ ކިތައް ސްކޮލަޝިޕްކަމެއް މިނިސްޓްރީން ނުބުނެއެވެ. އެ ސްކީމްގެ ފަރާތުން ޑިޕްލޮމާ އަދި ޑިގްރީއަށް ކިޔެވޭނެކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެ ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ މަހު ހުޅުވާލާނެކަމަށް މީގެ ކުރިން މިނިސްޓްރީން ބުންޏެވެ. ނަމަވެސް ތަފާތު ސަަބަބުތަކާހުރެ އެކަން ވަނީ ލަސްވެފައެވެ.

ކޯޕަރޭޓް ސްކޮލަޝިޕް ސްކީމްގެ އަމާޒަކީ، ރާއްޖެއިން ބޭރުން ހޯދާފައިވާ މަތީ ތައުލީމާއި ތަމްރީނުގެ އެކި ފުރުސަތުތަކުގެ ދަށުން، ދަރިވަރު ކުރަން ޖެހޭ އިތުރު ހަރަދުތައް ކޯޕަރޭޓް ޕާޓްނަރު މެދުވެރިކޮށް ހޯދައިދިނުމެވެ.

އެއާ އެކު ކޯޕަރޭޓް ޕާޓްނަރުންގެ އިންސާނީ ވަސީލަތް ތަރައްގީ ކުރުމަށް މަގުފަހިވެގެންދާނެއެވެ. ކޯޕަރޭޓް ޕާޓްނަރުން ސްޕޮންސާކޮށްގެން ކިޔަވާ ދަރިވަރުންނަކީ ކޯޕަރޭޓް ޕާޓްނަރުންނަށް އެކުންފުންޏެއްގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ލިބޭނެ ދަރިވަރުންނެވެ.

ކޯޕަރޭޓް ސްކީމް ތައާރަފުކޮށްފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހު އެވެ.

comment ކޮމެންޓް