ހާތިފްއާއި މަޒީދަށް ޗާޓާޑް އިންސްޓިޓިއުޓް އޮފް އާބިޓްރޭޓާސްގެ މެމްބަރުކަން

ހައިކޯޓަށް މިރޭ އައްޔަނުކުރި ދެ ފަނޑިޔާރުން ހާތިފް ހިލްމީ (ކ) އަދި ހުސައިން މަޒީދު (ވ) -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހައިކޯޓުގެ ދެ ފަނޑިޔާރުން ހާތިފް ހިލްމީ އަދި ހުސައިން މަޒީދަށް އިނގިރޭސިވިލާތުގެ ޗާޓާޑް އިންސްޓިޓިއުޓް އޮފް އާބިޓްރޭޝަންގެ މެމްބަރުންނަށް ވުމުގެ ފުރުސަތު ލިބިއްޖެ އެވެ.

ހައިކޯޓުން ނެރުނު ބަޔާނެއްގައި ބުނީ ޗާޓާޑް އިންސްޓިޓިއުޓް އޮފް އާބިޓްރޭޓާސްއިން ހިންގާ އެކްސެލެރޭޓާޑް ރޫޓް ޓު މެމްބަޝިޕް (އިންޓަނޭޝަނަލް އާބިޓްރޭޝަން)ގައި ފަނޑިޔާރު ހާތިފް އަދި ފަނޑިޔާރު މަޒީދު މިދިޔަ ޑިސެމްބަރު މަހު ބައިވެރިވެވަޑައިގެން، އެ ކޯހުގެ އެގްޒެމިނޭޝަނުން ފާސްވެވަޑައިގެންފައިވާ ކަމަށެވެ.

އެހެންކަމުން އެ ދެ ފަނޑިޔާރުންނަށް ޗާޓާޑް އާބިޓްރޭޓާސްގެ މެމްބަރުންނަށް ވުމުގެ ފުރުސަތު ލިބިވަޑައިގެންފައިވާ ކަމަށް ހައިކޯޓުން ބުންޏެވެ.

ފަނޑިޔާރު ހާތިފް ހިލްމީ އަދި ފަނޑިޔާރު ހުސައިން މަޒީފު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކުރެވިގެން ދިޔައީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ހަތްވަނަ ދުވަހުގެ ރެ އެވެ.

ފަނޑިޔާރު ހާތިފް ހިލްމީއަކީ ގާނޫނީ ދާއިރާއިން ޑިގްރީ ހާސިލުކުރެއްވީ އިނގިރޭސިވިލާތުގެ އޮކްސްފޮޑް ބްރުކްސް ޔުނިވާސިޓީންނެވެ. ހައިކޯޓަށް އައްޔަނުކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ ސިވިލްކޯޓުގެ ގާޒީކަމުގަ އެވެ. އޭގެ ކުރިން އޭނާ ވަނީ މަދަނީކޯޓުގެ ގާޒީކަމާއި އެޓާނީ ޖެނެރަލް އޮފީހުގެ އެސިސްޓަންޓް ސްޓޭޓް އެޓާނީކަން ވެސް ކުރައްވާފަ އެވެ.

ފަނޑިޔާރު ހުސައިން މަޒީދު ގާނޫނީ ދާއިރާއިން ޑިގްރީ ހާސިލުކުރެއްވި މެލޭޗިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީންނެވެ. ހައިކޯޓަށް އައްޔަނުކުރެވުމުގެ ކުރިން އޭނާ ވަނީ ފަނޑިޔާރެއްގެ ހައިސިއްޔަތުން ޝަރުއީ ދާއިރާގައި ގިނަ މަގާމުތަކެއް އަދާކުރައްވާފަ އެވެ. އެގޮތުން ގދ. ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓުކަމާއި ގއ. ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓުކަން ކުރެއްވި އެވެ. ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކުރެވުމުގެ ކުރިން ހުންނެވީ ސިވިލް ކޯޓުގެ ގާޒީކަމުގަ އެވެ. ގާޒީކަމުގެ އިތުރުން އޭނާ ވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީއޮފް ޝަރީއާ އެންޑް ލޯގައި ލެކްޗަރަރެއްގެ މަގާމުވެސް އަދާކުރައްވާފަ އެވެ.

comment ކޮމެންޓް