އަފްޣާން ރައީސް އަޝްރަފް ޣަނީ ރިޔާސީ ދެވަނަ ދައުރެއް ކާމިޔާބު ކުރައްވައިފި

އަޝްރަފް ޣަނީ

ކާބުލް (19 ފެބްރުއަރީ 2020) : މިދިޔަ ސެޕްޓެމްބަރު މަހު އަފްޣާނިސްތާނުގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ މިހާރުގެ ރައީސް އަޝްރަފް އަބްދުލްޣަނީ ކަން އެގައުމުގެ އިންތިޚާބުތަކާ ބެހޭ ކޮމިޝަނުން އިއްލާންކޮށްފި އެވެ.

ރިޔާސީ އިންތިޚާބުގެ ނަތީޖާ އިއުލާން ކުރައްވަމުން އެ ކޮމިޝަންގެ ރައީސާ ހައްވާ އަލަމް ނޫރިސްތާނީ ވިދާޅުވީ ރައީސް އަޝްރަފް އަބްދުލްޣަނީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ 50.6 އިންސައްތަ ވޯޓު ހޯއްދަވައިގެން ކަމުގަ އެވެ. މިއިންތިޚާބުގައި ދެވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވީ އަޝްރަފް އަބްދުލްޣަނީގެ ވާދަވެރިޔާ އަދި އަފްޣާން ސަރުކާރުގެ ޗީފް އެގްޒެކެޓިވް ކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ އަބްދުﷲ އެވެ. އޭނާއަކީ އަފްޣާން އާބާދީގައި ދެވަނައަށް އެންމެ ބޮޑު ދަރިކޮޅު ކަމަށްވާ ތަޖިކް ދަރިކޮޅުގެ ބޭފުޅެކެވެ.

އަފްޣާން ސަރުކާރުގެ ޗީފް އެގްޒެކެޓިވް ކަމުގެ މަގާމަކީ ބޮޑުވަޒީރު ފެންވަރުގެ މަގާމެކެވެ. އެ މަގާމު އުފައްދައި އަބްދުﷲ އާ ހަވާލުކުރީ 2014ގައި އަފްޣާނިސްތާނުގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ވެސް އަބްދުﷲ ބަލިވުމުން ނަތީޖާ ގަބޫލުކުރުމަށް ދެކޮޅުހެދުމާ ގުޅިގެން އަފްޣާނިސްތާނުގައި ދާޚިލީ އަރާރުތަކެއް އުފެދި ސަރުކާރު ހިންގަން ދަތިވާ ހިސާބަށް ކަންތައް ދިޔުމުން އެމެރިކާ މެދުވެރިއަކަށްވެގެން މައްސަލަ ހައްލުކުރުމަށް ގެނައި މެދުމިނުގެ ހައްލެއްގެ ތެރެއިންނެވެ. މިފަހަރުގެ އިންތިޚާބުވެސް އޮޅުވާލާފައިވާ ކަމަށް ބުނެ އަބްދުﷲ ވަނީ ނަތީޖާ ގަބޫލުކުރުމަށް ދެކޮޅު ހައްދަވާފަ އެވެ.

ހައްވާ އަލަމް ނޫރިސްތާނީ

ސެޕްޓެމްބަރު މަހު އިންތިޚާބު ބޭއްވުމަށް ފަހު ނެރުނު ވަގުތީ ނަތީޖާއިން ވެސް ދައްކާފައި ވަނީ އަބްދުﷲގެ މައްޗަށް ޣަނީ ކާމިޔާބު ހޯއްދެވިކަމެވެ. ނަމަވެސް އަބްދުﷲ ނަތީޖާ ގަބޫލުނުކުރެއްވުމުން ވޯޓު ފޮށިތައް އަލުން ގުނުމަށް ފަހު ފަސް މަސް ފަހުން މިވަނީ ދާއިމީ ނަތީޖާ ނެރެފަ އެވެ. މި ދާއިމީ ނަތީޖާވެސް ގަބޫލުނުކުރައްވައި އަބްދުﷲ ވަނީ އިންތިޚާބު ކާމިޔާބުކުރެއްވީ އޭނާ ކަމަށް ވިދާޅުވެ އޭނާ ވެސް ސަރުކާރެއް އުފައްދަވާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.

އަފްޣާން އިންތިޚާބާ ބެހޭ ކޮމިޝަންގެ ރައީސާ ހައްވާ އަލަމް ނޫރިސްތާނީ ވިދާޅުވީ ދާއިމީ ނަތީޖާ އިއްލާން ކުރުމަށް ފަސްމަސް ނެގީ އަލުން ވޯޓު ގުނުމަށް ކުރިމަތިވި ދަތިތަކާ ގުޅިގެން ކަމުގަ އެވެ. އަފްޣާނިސްތާނަކީ ދާޚިލީ ހަނގުރާމަ ހިނގަމުންދާ ގައުމަކަށް ވެފައި ތާލިބާން ޖަމާއަތުން އިންތިޚާބަށް ހުރަސްއެޅުމަށް ހަތިޔާރު ބޭނުންކޮށްގެން މަސައްކަތްކުރުމުގެ ސަބަބުން އިންތިޚާބުގެ ކަންކަމުގައި އުޅުނު މުވައްޒަފުންގެ ފުރާނައަށް ނުރައްކާވެގެން ދިޔަކަމަށާއި އަދި ހަމަލާތަކުގައި ބައެއް މުވައްޒަފުން މަރުވިކަން ވެސް ހައްވާ ނޫރިސްތާނީ ފާހަގަ ކުރެއްވި އެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން އަފްޣާން އިންތިޚާބާ ބެހޭ ކޮމިޝަންގެ ރައީސާ ވަނީ ގާނޫނުގައިވާ ގޮތުގެ މަތިން ކުރިޔަށްއޮތް ފަސް އަހަރު އަފްޣާނިސްތާނުގެ ރައީސަކީ މިހާރުގެ ރައީސް އަޝްރަފް އަބްދުލްޣަނީ ކަން ރަސްމީކޮށް އިއްލާން ކުރައްވާފައެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް