މިވެސް މަސައްކަތެއް، ހިލަ ކޮޅުކޮޅު ހޮވައިގެން ވިއްކާތާ 15 އަހަރު

އާދަމް ހިލަ ހޮވުމުގެ މަސައްކަތުގައި---

ބަނދަަރުމަތިންނާއި މަގުމަތިން ކުދިކުދި ހިލަކޮޅު ހޮވައިގެން ވިއްކާމީހަކު ރާއްޖޭގައި އުޅެޔޭ ބުނީމާ، ގަބޫލު ކުރަންވެސް ދަތިވެދާނެ އެވެ. އެކަމަކު މިއީ ހަމަ ހައްގު ތެދެވެ. އަދި މިއީ ތޯތޯ ވާހަކައެއް ނޫނެވެ. ޅ. ނައިފަރު ފޯޅިގޭ އަބްދުﷲ އާދަމް އެމަސައްކަތުގައި އުޅޭތާ މިހާރު 15 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

އުމުރުން 50 އަަހަރުގެ އާދަމް އެ މަސައްކަތަށް ނުކުތުމުގެ ކުރިން އުޅުނީ ގާތެޅުމުގެ މަސައްކަތުގަ އެވެ. ނަމަވެސް ޒަމާނަށް އައި ބަދަލާއެކު މީހުން ގެއަޅަން ފެށީ އެޅިގަލުންނެވެ. އެއާއެކު އާދަމްއަށް ކުރާނެ މަަަސައްކަތެއް ނުލިބުނެވެ.

ކުރާނެ މަަސައްކަތެއް ނުލިބިގެން އެހިސާބުން އާދަމް ފެށީ ހިލަހޮވުމުގެ މަސައްކަތެވެ. އެސްޓިމޭޓަށާއި ބޯޓުފަހަރުން ބާލާފައި ހުންނަ ހިލަ ބަސްތާތަކުން ހަލާކުވެ ނައިފަރުގެ ބަނދަރުމައްޗަށާއި މަގުމައްޗަށް ހިލަ ވެރިފައިހުރެ އެވެ.

"ހަމަ ހިލަކޮޅު އަތުން އޭނަ ނަގާނީވެސް. އޭނާ މިހާރު ހުންނަނީ އެކަމަށް ފަރިތަވެފަ. އަހަރެން ބުނަން އެހެން ނުކުރާށޭ. ޖަރާސީމްވެސް ވަންނާނެޔޭ. އޭނާ ގެންނާނެ ވެއްޔާއެއްކޮށްވެސް ހިލަ. އެ ވެލިތައް ފުރާނައިގެން ހިލަކޮޅު ނަގަނީ،" އާދަމްގެ ބޭބެ، އިބްރާހިމް އަބްދުﷲ ބުންޏެވެ.

އާދަމް ހިލަ ހޮވުމުގެ މަސައްކަތުގައި-

ހިލަހޮވައިގެން ބައެއް ދުވަސްދުވަހު އެއް ގޯނި ނުވަތަ ދޮޅު ގޯނި އޭނާ އެއްކުރެ އެވެ. ނަމަވެސް ގިނަ ފަހަރު 20 އަކަށް ނޫނީ 30 އަކަށް ގޯނި އެއްކުރެވެނީ ހައެއްކަ މަސްވާ ފަހުންނެވެ. ހިލަގޯންޏަކުން 50 އެއްހާ ރުފިޔާވަރު ލިބެ އެވެ. ނައިފަރަކީ އިމާރާތްކުރުމުގެ ބޮޑު ރަށަކަށްވެފައި ހިލައަށް އަބަދުވެސް ޑިމާންޑް އޮވެ އެވެ. ގިނަ ފަހަރު އާދަމްއަށް އޮންނަނީ ޑިމާންޑާ އެއްވަރަށް ސަޕްލައި ނުކުރެވިފަ އެވެ.

ނަމަވެސް އެ މަސައްކަތުން އާދަމްއަށް އެކަށީގެންވާ އާމްދަނީއެއް ނުލިބެ އެވެ. އެހެންކަމުން ދިރިއުޅުމުގެ އެކި ހަރަދުތައް އާދަމް ހަމަޖައްސަނީ ކިހިނެއް ހެއްޔެވެ؟

ދުވަހަކުވެސް ކައިވެންޏެއް ކޮށްފައިނުވާ އާދަމްއަކީ ނުކުޅެދުންތެރިކަން ހުންނަ މީހެކެވެ. އޭނާގެ ދެލޮލަށް ފެންނަނީ ވަރަށް ކުޑަކޮށެވެ. ދާދި ފަހަކާ ޖެެހެންދެން އޭނާއަށް ނުކުޅެދުންތެރިންނަށް ލިބޭ އިނާޔަތް ފަހަކާ ޖެހެންދެން އޭނާއަށް ނުލިބުނަސް މިހާރު އޭނާއަށް ނުކުޅެދޭ މީހުންނަށް އޭނާއަށް 2000 ރުފިޔާގެ އިނާޔަތް ލިބެ އެވެ. ނައިފަރުގައި ހުންނަ "އެޗްމީލް" ހޮޓަލުން އޭނާއަށް ކާން ލިބެއެވެ. އޭނާގެ ބޭބެމެންވެސް ކޮންމެވެސް ވަރަަކަށް އެހީވެ އެވެ.

އޭގެ އިތުރުން ހިލަވިއްކައިގެން ލިބޭ ލާރިން ކަރާ ފަދަ މޭވާ ގަނެ އޭނާ ވިއްކާ ހަދައެވެ.

އާދަމް ހޮވާފައިހުރި ހިލަތައް

އާދަމްއަކީ ނައިފަރުގެ ގިނަބައެއްގެ އިހްތިރާމް ލިބިފައިވާ މީހެކެވެ. ނައިފަރުން ވާހަކަ ދެއްކި މީހަކު "ސަން" އަށް ބުނީ އޭނާއަކީ ދުވަހަކުވެސް ވައްކަމެއް ސިއްރުކަމެއް ކުރި މީހެއް ނޫން ކަމަށެވެ.

"ހިލަ ނަގާއިރުވެސް އޭނަ ނުނަގާނެ ހިލަބަސްތާތަކުގެ ކައިރިން ހިލަ ނަގާނީ ވަރަށް ދުރުން. ހަލާލުގޮތުގައި އޭނާއެ މަސައްކަތް ކުރަނީ. ސަރުކާރުން މީހަކަށް ހިތްވަރު ދިނުމުގެ އިނާމް ދެންޏާ އޭނާއަށް އިނާމް ހައްގު،" ނައިފަރުގެ މީހަކުން ބުންޏެވެ.

އާދަމް އަކީ ނައިފަރުގެ އެންމެ ނިކަމެތިންގެ ތެރޭގައި ހިމެނޭ މީހެކެވެ. އޭނާ މިހާރު ދިރިއުޅޭ ގެޔަކީވެސް އެންމެ ކުރީގެ ދުވަސްވަރު ހަދާފައި ހުރި ގެއެކެވެ. ދެހާސް ހަތަރުވަނަ އަހަރު އެރި ސުނާމީއާއެކު އާދަމްގެ ގެޔަށް ބިންދާލި ރާޅުތަކާއެކު އޭނާގެގެވެސް މިހާރު ހުރީ ވެއްޓޭ ނުވެއްޓޭ ހާލުގަ އެވެ.

"މިހާރު މަސައްކަތް ކުރަމުންދަނީ އާދަމް އުޅެން ރަނގަޅުތަނެއް ހަދައިދެވޭތޯ؟" އާދަމްގެ ބޭބެ ބުންޏެވެ.

comment ކޮމެންޓް