ވަޒީފާޔާ ބެހޭ ބިލް ފާސްކުރާނީ ހެޔޮ ބަދަލުތަކާ އެކު: މަޖިލިސް ރައީސް

ރައީސް ނަޝީދު: ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްވެގެން އަންނާނީ ހެޔޮ ބަދަލުތަކާއެކު ވިދާޅުވި --- ފޮޓޯ/ މަޖިލިސް

ވަޒީފާ އާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅާފައި އޮތީ ސަރުކާރުން ބޭނުންވާ ގޮތަށް ކަމަށާއި ނަމަވެސް އެ ބިލު މަޖިލީހުން ފާސްވެގެން އަންނަ އިރު، އަންނާނީ ރައްޔިތުންގެ ހިޔާލާ އެކު ހެޔޮ ބަދަލުތަކާ އެކު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ، ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާ އެމްޑީޕީ މެމްބަރު އަހްމަދު އިސާއެވެ. އެ ބިލު މިހާރު އޮތް ގޮތުން އާންމުންގެ ކަންބޮޑުވުން ދަނީ ފާޅުކުރަމުންނެވެ.

އެކަމާ ގުޅޭ ގޮތުން، މަޖިލީހުގެ ރައީސް، ރައީސް ނަޝީދު މިއަދު މަޖިލިސް ޖަލްސާގައި ވިދާޅުވީ، ބިލެއްގެ ފުރަތަމަ ކިޔުން އަންނަނީ ސަރުކާރުން މެމްބަރު މެދުވެރިކޮށް އެ ހުށަހެޅުނު ގޮތަށް ކަމަށާއި ނަމަވެސް އެ ބިލަށް ބަހުސް ކުރެވި، މަޝްވަރާ ކުރެވި، އެ ބިލަށް އިތުރު ބަދަލުތަކެއް ގެނެސް ބިލު ތަސްދީގު ކުރުމަށް ފޮނުވުމަކީ މަޖިލިސްގެ ޒިންމާއެއް ކަމަށެވެ.

"ވަޒީފާގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހަޅާފައި އެބަވޭ. ސަރުކާރުން [ބިލު] ހުށަހަޅުއްވަނީ، ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީގެ މެމްބަރެއް މެދުވެރިކޮށް. އެ މެމްބަރު ހުށަހަޅުއްވަނީ ސަރުކާރުން ބިލު މިތަނަށް ހުށަހަޅަން ބޭނުންވާ ގޮތަަށް. މިތަނުން ފާސްކުރަނީ އިއްޒަތްތެރި މެމްބަރުން މަޝްވަރާ ކުރައްވާފައި ބަހުސް ކުރައްވާފައި، އަދި ހިޔާލު ހޯއްދަވާފައި،" ރައީސް ނަޝީދު ވިދާޅުވި އެވެ.

"[ބިލުފާސްވެގެން އަންނާނީ] މުޅި ރާއްޖޭ ހުރިހާ ކަންކަމަށް ވިސްނަވާފައި އެކަމުގައި އޮންނަ އެންމެ ރަނގަޅަކަށް،"

ރައީސް ނަޝީދު ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހެޅުމަށް ސަރުކާރުން މަޖިލީހަށް ފޮނުވި ގޮތާއި މަޖިލީހުން އެ ބިލަށް ބަދަލު ގެނެސް އިސްލާހުވެގެން ފާސްވާ ގޮތާ ތަފާތު ކަމަށެވެ. އެގޮތުން ބިލު ފާސްވެގެން އައި އިރު، މަޖިލީހުން 279 އިސްލާހެއް އެ ބިލަށް ގެނައި ކަމަށް އެމަނިކުފާނު ފަހާގަ ކުރެއްވިއެވެ.

"އެހެންވީމާ އަޅުގަނޑު ދަންނަވާލަން ބޭނުން، ބިލެއްގެ ފުރަތަމަ ކިޔުމާ އެކު އެއީ އެކަމުގެ އެންމެ ފަހުގެ ގޮތް ކަމަށް ނިންމެވައިގެން އެއްވެސް ބޭފުޅަކު ވިސްނުމަކީ ރަނގަޅު ކަމެއް ނޫން. މަޖިލިސް ހިނގާ ގޮތް ބޭފުޅުންނަށް އެނގިވަޑައިގަންނަވަން ޖެހޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ވަޒީފާ އާ ބެހޭ ގާނޫނަށް އިސްލާހު ގެންނައުމުގެ ބިލުގައި ވަނީ ވަޒީފާގެ ޕްރޮބޭޝަން މުއްދަތަކަށް ތިން މަސް ދުވަހުން ހަ މަސް ދުވަހަށް ބަދަލު ކުރަން ވަނީ ހުށަހަޅާފަ އެވެ. އަދި އެންމެ ދުވަހަކު ސަލާމް ބުނި ނަމަވެސް މެޑިކަލް ސެޓްފިކެޓް ހުށަހެޅުމަށް ބިލުގައި ވަނީ ހިމަނާފަ އެވެ.

އޭގެ އިތުރުން ވަޒީފާގެ ބަޔާނަށް ބޮޑެތި އުނިއިތުރުތަކެއް ގެނެސް ވަޒީފާގެ ބަޔާން ހިމެނޭ ލިޔުމުގައި ހިމަނަން ޖެހޭ ކަންތައްތައް ބަދަލުކުރަން ވަނީ ހިމަނައިފަ އެވެ. އެގޮތުން މިހާރު ވަޒީފާގައި ބަޔާނުގައި ހުންނަން ޖެހޭނެ މައުލޫމާތު ކަމަށް ގާނޫނުގައި ލާޒިމްކުރާ، ވަޒީފާގެ އެއްބަސްވުން ފެށޭ ތާރީހާއި، އުޖޫރަ ދެވޭ މިންގަނޑާއި އުޖޫރަ ހިސާބުކުރެވޭ ގޮތާއި އުޖޫރަ ދިނުމަށް ކަނޑައަޅާ މުއްދަތުތަކާއި ޗުއްޓީ ލިބޭ ގޮތާއި މުވައްޒަފުގެ އަހުލާގާ ގުޅޭ ގޮތުން އޭނާއާ މެދު ފިޔަވަޅު އެޅިދާނެ އުސޫލުތައް މިހާރު ހުށަހަޅާފައިވާ އިސްލާހުގައި ވަނީ އުނިކޮށްފަ އެވެ.

https://sun.mv/131595

comment ކޮމެންޓް