ރޮނާލްޑޯއަށް އަހަރަކު 75 މެޗެއް ނުކުޅެވޭނެ: ސަރީ

ޔުވެންޓަސްގެ ކޯޗު ސަރީއާއި ފޯވާޑް ރޮނާލްޑޯ --

ބްރެޝިއާއާ ދެކޮޅަށް ޔުވެންޓަސް ރޭ ކުޅުނު މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ރެސްޓްދޭން ނިންމީ ގިނަ މެޗުތަކެއް ކުޅެގެން އަނިޔާއެއް ވެދާނެ ކަމުގެ ބިރު އޮތުމުން ކަމަށް އެ ޓީމުގެ ކޯޗު މޯރީޒިއޯ ސަރީ ބުނެފި އެވެ.

ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުން އެ ޓީމު ބްރެޝިއާ އަތުން ކުރި ހޯދީ 0-2 ގެ ނަތީޖާއަކުންނެވެ. އެ މޮޅާ އެކު ޔުވެންޓަސް ތާވަލުގެ އެއްވަނައިގައި އޮތީ 24 މެޗުން ލިބުނު 57 ޕޮއިންޓާ އެކު އެވެ. ކުރިން އެއްވަނައިގައި އޮތް އިންޓާ މިލާން ރޭ ލާޒިއޯ އަތުން 1-2 ގެ ނަތީޖާއަކުން ބަލިވުމުން ލާޒިއޯ ވަނީ ތާވަލުގެ ދެވަނަ އަށް ޖެހިލައިފަ އެވެ. ލާޒިއޯ ދެވަނައިގައި 56 ޕޮއިންޓާ އެކު އޮތް އިރު އިންޓަ ތިންވަނައިގައި އޮތީ 54 ޕޮއިންޓާ އެކު އެވެ.

ރޭގެ މެޗަށް ޔުވެންޓަސް ނުކުތީ އެ ޓީމުގެ މުހިއްމު ބައެއް ކުޅުންތެރިން ޓީމުގައި ނިހުމަނައެވެ. އެގޮތުން އެ ޓީމުގެ ފޯވާޑް ޑޮގްލަސް ކޮސްޓާއާއި ސެމީ ކަދީރާ އަދި ޖޯޖިއޯ ކެއިލޭނީގެ އިތުރުން ރޮނާލްޑޯ ވެސް ރޭގެ މެޗުގައި ކުޅެފައެއް ނުވެއެވެ.

ރޮނާލްޑޯ ވަނީ އޭނާ އެންމެ ފަހުން ކުޅުނު ހަ މެޗުގައި 10 ގޯލު ޖަހައިފަ އެވެ. މި ސީޒަނުގައި މިހާތަނަށް 20 ގޯލު ޖަހާފައިވާ ރޮނާލްޑޯ ތަފާތު ފޯމެއްގައި ހުރި ނަމަވެސް ސީޒަނުގައި ކުރިއަށް މުހިއްމު މެޗުތަކެއް އެބަހުއްޓެވެ. ފުޓުބޯޅަ ހަޔާތުގައި މިހާތަނަށް 999 މެޗު ކުޅެފައިވާ ރޮނާލްޑޯއަށް އަންނަ ހޮނިހިރު ދުވަހު އޭނަގެ 1000 ވަނަ މެޗު ހަމަ ކުރުމުގެ ފުރުސަތު ދޭނެ ކަމަށް ޔުވެންޓަސްގެ ކޯޗު ސަރީ ބުނެފައިވާ އިރު ރޭގެ މެޗުން އޭނާއަށް ފުރުސަތު ނުދިނީ ގިނަ މެޗުތަކެއް ކުޅެގެން އަނިޔާއެއް ވެދާނެތީ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

"ރޮނާލްޑޯއަކަށް ވެސް ސީޒަނެއްގައި 75 މެޗެއް ކުލަބަށާއި ގައުމަށް ނުކުޅެވޭނެ. އޭނާ މިވަގުތު ހުރީ ވަރަށް ރަނގަޅު ފޯމެއްގައި. ރެސްޓް ދީގެން ކުޅުވާނީ. ސީޒަނުގައި ކުރިއަށް ހުރީ މުހިއްމު މެޗުތަކެއް،" ސަރީ ބުންޏެވެ.

ސަރީ ބުނީ ރޭގެ މެޗުގައި ރޮނާލްޑޯ ނެތްތަން ކޮންމެވެސް ވަރަކަށް ދެއްކި ކަމަށެވެ. އެކަމަކު ޕައޮލޯ ޑީބަލާއާއި ޖުއަން ކުއަޑްރާޑޯގެ ގޯލުން އެކަން ފޫބެއްދިގެން ދިޔަ ކަމަށް ސަރީ ބުންޏެވެ.

comment ކޮމެންޓް