ގަވާއިދާ ހިލާފަށް ބޭރުކުރަން އުޅުނު ހަތަރު މިލިއަނެއްހާ ރުފިޔާ އަތުލައިގެންފި

ބޭރު ފައިސާ. ޑިސެމްބަރު މަހާއި ޖެނުއަރީ މަހު ގަވާއިދާ ހިލާފަށް ބޭރުކުރަން އުޅެނިކޮށް އަތުލައިގަތް ބޭރު ފައިސާގެ އަދަދު ދިވެހި ރުފިޔާއިން ހަތަރު މިލިއަނަށް އަރާ-- ފޮޓޯ/ކަސްޓަމްސް

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ ބޭރު ފައިސާ ކަސްޓަމްސްއިން ހިފަހައްޓައިފި އެވެ.

ތިން ފަހަރެއްގެ މަތިން އަތުލައިގަތް އެ ފައިސާގެ އަދަދު ދިވެހި ރުފިޔާއިން ގާތްގަނޑަކަށް ހަތަރު މިލިއަނަށް އަރަ އެވެ.

ކަސްޓަމްސްއިން ނެރުނު ބަޔާނުގައި ފާއިތުވެދިޔަ ދެ މަހުގެ ތެރޭގައި ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅެނިކޮށް ހިފެހެއްޓި ބޭރު ފައިސާގެ ތަފްސީލު ވަނީ އާންމުކޮށްފަ އެވެ.

އެގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު 12 ވަނަ ދުވަހު މިފަދަ ދެ މައްސަލައެއް ކަސްޓަމްސްއަށް ވަނީ ފާހަގަވެފަ އެވެ.

އެތަނުން އެއް މައްސަލައިގައި 29 އަހަރުގެ ދިވެހި ފިރިހެނެއްގެ އަތުން 2.1 މިލިއަން ރުފިޔާއަށް ވާ ވަރަށް ބޭރު ފައިސާ ވަނީ އަތުލައިގެންފަ އެވެ. އަދި ދެވަނަ މައްސަލައިގައި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއްގެ އަތުން 617،139 ރުފިޔާއަށް ވާ ވަރަށް ބޭރު ފައިސާ އަތުލައިގެންފައިވެ އެވެ.

މީގެ އިތުރުން މިދިޔަ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހު 1.3 މިލިއަން ރުފިޔާއަށް ވާ ވަރަށް ބޭރު ފައިސާއާއެކު 31 އަހަރުގެ ދިވެހި ފިރިހެނެއް ވަނީ ހައްޔަރުކޮށްފަ އެވެ.

މި މައްސަލަތައް އިތުރަށް ތަހުގީގު ކުރުމަށްޓަކައި މިހާރު މޯލްޑިވްސް ޕޮލިސް ސާވިސްއާ ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސްއިން ބުނެ އެވެ.

ރާއްޖޭގެ މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން 20،000 އެމެރިކާ ޑޮލަރުން ފެށިގެން މަތީ އަދަދެއްގެ އެމެރިކާ ޑޮލަރު ނުވަތަ އެ އަދަދަށްވާ ވަރަށް ދިވެހި ފައިސާ ވިޔަސް އަދި އެހެން ބޭރު ފައިސާއެއް ރާއްޖޭން ބޭރުކުރާ ނަމަ، ކަސްޓަމްސްއަށް ޑިކްލެއާ ކުރަން ޖެހެ އެވެ.

comment ކޮމެންޓް