އެއާޕޯޓް ބާރަށް ހިންގަން ފަށަން ޓާމިނަލް މައްސަލަ އަވަހަށް ނިންމަން ނަޝީދު ގޮވާލައްވައިފި

ރައްުޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު -- ސަން ފޮޓޯ: ފަޔާޒު މޫސާ

ސަރުކާރާއި ޓީއެމްއޭ އެއްބަސްވާ ގޮތަކަށް ސީޕްލޭން ޓާމިނަލްގެ ކަންކަން އަވަހަށް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދެވަނަ ރަންވޭ ހުޅުވައި، އެއާޕޯޓު ބާރަށް ހިންގަން ފެށުމަށްޓަކައި ޓާމިނަލް މައްސަލައަށް އަވަސް ނިންމުމެއް ގެނައުމަކީ މުހިންމު ކަމެއް ކަމަށެވެ.

"ޓީއެމްއޭއަށް ޓާމިނަލް ދިނުމުގައި ގޯސްކޮށް ކަމެއް ހިނގާފައިވާ ނަމަ، އެކަން ކުރި މީހަކަށް/ބަޔަކަށް ދައުވާ އުފުލުން އެއީ އެހެން ކަމެއް." ނަޝީދުގެ ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.

ޓީއެމްއޭއިން މިހާރު ހިންގަމުންދާ ޓާމިނަލާ އެއްވަރުގެ ޖާގައެއް، މިހާރު ކުލި ނަގާ ރޭޓުން އަލަށް ހަދާ ސީޕްލޭން ޓާމިނަލުން އެކުންފުންޏަށް ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

ނަމަވެސް ޓާމިނަލްގެ ބޮޑު ބައެއް އެގޮތަށް ދިނުމަކީ އެމްއޭސީއެލްއަށް އެ ޓާމިނަލުން ލިބެން ޖެހޭ ފައިދާއިން ބޮޑު އަދަދެއް އުނިވާނެ ކަމެއްގެ ގޮތުގައި ބައެއް އާންމުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ދަނީ ގޮވާލަމުންނެވެ.

ޓީއެމްއޭއަށް ޓާމިނަލުން ބައެއް ދިނުމުގައި ކޮރަޕްޝަންގެ ތުހުމަތު ވެސް ކުރަމުންދާއިރު، މި މައްސަލައިގައި މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ޓީއެމްއޭގެ އިސްވެރިން ވަނީ ހާޒިރުކޮށްފަ އެވެ.

https://sun.mv/131405

އެ ބައްދަލުވުމުގައި ޓީއެމްއޭއިން ބުނީ އާ ޓާމިނަލުން އެ ކުންފުންޏަށް މިހާރު ވެސް ބޭނުންކުރާ ވަރުގެ ސަރަހައްދެއް ދިން ނަމަވެސް، އެއީ 2017 ވަނަ އަހަރު އެމްއޭސީއެލްއިން ދޭނެ ކަމަށް ބުނި ޖާގައަށް ވުރެ ކުޑަ ޖާގައެއް ކަމަށެވެ.

އެހެންކަމުން ކުރިން ބުނި ވަރުގެ ޖާގައެއް ދިނުމަށް އެކުންފުނިން ވަނީ އެދިފަ އެވެ.

މީގެ އިތުރުން އާ ޓާމިނަލަށް ޓީއެމްއޭގެ އޮޕަރޭޝަންތައް ބަދަލުކުރި ނަމަވެސް މިހާރު ބޭނުންކުރަމުންދާ ޓާމިނަލަށް އެކުންފުނިން ކޮށްފައިވާ 18 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓުގެ ބަދަލު ވެސް ނުލިބޭ ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް