ސިވިލް ސާވިސްގައި މިހާތަނަށް މަސައްކަތް ކުރިއިރު ސިޔާސީ ގޮތުން ވަކި އަތަކަށް ޖެހިފައިނުވާ ކަމަށް ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް ވިދާޅުވެއްޖެ އެެވެ.
މިނިވަން މުވައްސަސާ ބެހޭ ކޮމެޓީން އިއްޔެ ކެބިނެޓުގެ ހުރިހާ މިނިސްޓަރުންނާ އެކު ބޭއްވި ބައްދަލުވުމަށް ފަހު ކޮމިޝަންގެ ރައީސް ޑރ. ޝަމީމްގެ އިތުރުން، ނައިބު ރައީސް ޝަހީދު މުހައްމަދާއި ކޮމިޝަން މެންބަރު ޒަކަރިއްޔާ މުހައްމަދު އަދި އިބްރާހިމް ޝަހީގު ވަކިކުރުމަށް ކޮމިޓީއަށް ފެންނަ ކަމަށް ވަނީ ނިންމައިފަ އެވެ.
އެ ބައްދަލުވުމުގައި ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވަނީ ޝަމީމް ކުރިން ސިޔާސީ ހަރަކާތްތަކުގއި ފާޅުގައި އުޅުއްވިކަމަށް ތުހުމަތުކުރައްވައިފަ އެެވެ.
ރޭ ރާއްޖެ ޓީވީން ގެނެސްދިން ފަލަ ސުރުހީ ޕްރޮގްރާމްގައި ޝަމީމް ވިދާޅުވީ އޭނާ ސިޔާސީ ކަންކަމުގައި ބައިވެރިވަނީކަމަށް ފާޑުކިޔުންތައް އަމާޒުވިޔަސް އެއީ އަސްލު ހަގީގަތެއް ނޫން ކަމަށެވެ.
"އަޅުގަނޑަށް ބައިވަރު އޮފާތައް އައިއްސަހުރި ސިޔާސީ ޕާޓީތަކުގައި ބައިވެރިވާން. އަޅުގަނޑެއް އެެއެއްޗެއްސެން ނުނަގަން. އަޅުގަނޑު މިދިޔައީ ވީހާވެސް ވަކިފަރާތަކަށް ނުޖެހި ކުރިއަށް ގެންދެވޭތޯ. އަޅުގަނޑަށް ލިބުނު ޖަލްސާއެއްގެ ވާހަކަ ވަރަށް ގިނައިން ދެކެވޭ." ޝަމީމް ވިދާޅުވި އެވެ.
"ސަރުކާރަށް ތިން އަހަރު ފުރިގެން ބޭއްވި ޖަލްސާއެއްގައި ސިވިލް ސާވެންޓުން ބައިވެރިވެގެން ދިޔަ ޖަލްސާއެއްގައި ހާއްސަ ދައުލަތެއް ލިބިގެން އަޅުގަނު ބައިވެރިވީ. އެކަން ދިޔުމުގެ ކުރިން އަފި ފަހަކުންވެސް އަޅުގަނޑު ދުވަހަކުވެސް ނޯންނާނެ ސިޔާސީ ޖަގަހައަކަށްވެސް ގޮސްފައި. އެހާވެސް ބަލައިގެން އުޅެނީ. ސިޔާސީ ބޭފުޅުންނާއެކު ކޮފީއަކަށްވެސް އަރާާމީހެއް ނޫން."
އިއްޔެ ބޭއްވި މިނިވަންމުވައްސަސާތަކުގެ ކޮމެޓީގައި ވަޒީފާތަކަށް ބޭނުންވާ މުވައްޒަފުން ނެގުން ފަދަ ކަންކަމުގައި ސީއެސްސީން ވަރަށް ބޮޑަށް ލަސްކުރަމުން ދާތީ، އެކަމުގެ ސަބަބުން ސަރުކާރުގެ ވައުދުތައް ފުއްދުމަށް އެކަށީގެންވާ ގޮތުގައި މަސައްކަތް ކުރުމަށް ދަތިވެފައިވާކަން ވެސް މިނިސްޓަރުން ކޮމިޓީގައި ފާހަގަ ކުރެއްވި އެވެ.
އެކަމާ ގުޅޭގޮތުން ޝަމީމް ވިދާޅުވީ ސިވިލް ސާވިސް އަކީ ވަރަށް ޓެކްނިކަލް މަސައްކަތްތަކެއް ކުރާ ތަނެއްކަމަށާއި ހަމަ ހުރެލާފައި ވަޒީފާގެ އޮނިގަނޑު ހެދުމަކީ ފަސޭހަކަމެއް ނޫން ކަމަށެވެ. އަދި އެތައް ފަހަރަކު ވަޒީރުންނާ ބައްދަލުކޮށް ކަންކަން އޮންނަ ގޮތް ކިޔައިދީ ކަމެއް ލަސްވެެގެން އުޅޭނަމަ އެކަން ވީގޮތުން ރަނގަޅަށް ކިޔައިދީފައިވާނެ ކަން ޝަމީމް ފާހަގަކުރެއްވިއެވެ.
"ލަސްވެގެން ދިޔަ ކޮންމެ ކަމެއްގަިއ ކިތައް ސިޓީތޯ ބަދަލުކުރެވިފައި އޮތީ އެކަންކަން ފުރިހަމަކުރުމަށް. އެކަންކަން އޮންނަ ގަވައިދުގެ ތެރެއިން ގެންދަން." ޝަމީމް ވިދާޅުވި އެވެ.