ކޮރޯނާ ވައިރަސް: ކަންބޮޑުވާންވީ ކިހާވަރަކަށް؟

ބެއިޖިން އެއާޕޯޓުގައި ފަސިންޖަރުންތަކެއް -- ފޮޓޯ: ކީސްޓޯން

މީގެ ކުރީން ސައިންސުވެރިންނާއި ސިއްހީ ދާއިރާގެ މާހިރުންނަށް އެނގިފައި ނުވާ ވައިރަހެއްގެ ސަބަބުން ފުއްޕާމޭގެ ބައްޔެއް ޖެހި ދުނިޔޭގެ ކަންކޮޅުތަކުގައި ދަނީ އެ ވައިރަސް ފެތުރެމުންނެވެ.

އެ ވައިރަސްގެ ސަބަބުން އެތައް ސަތޭކަ ބަޔަކު މަރުވެފައިވާ އިރު އެ ބަލި ފެތުރެމުންދާ ވަރު ކުޑަވާތަނެއް ނުފެންނަ ކަމަށް މާހިރުން ބުނެ އެވެ.

އެ ވައިރަސް ފެތުރެމުންދާތީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ބައިނަލްއަގުވާމީ ހެލްތު އެމާޖެންސީއެއް އިއުލާނު ވެސްކޮށްފަ އެވެ. މި ވައިރަސް ކުރިއަށް އޮތްތަނުގައި ކޮންޓްރޯލް ކުރެވިދާނެ ހެއްޔެވެ؟ ނުވަތަ އެ ބަލި އިތުރަށް ނުރައްކާތެރިވެދާނެ ހެއްޔެވެ؟

ޗައިނާގެ އޮފިޝަލުން ވިދާޅުވެފައި ވަނީ މިހާރު ޗަައިނާގައި ފެތުރެމުންދަނީ ކޮރޯނާ ވައިރަސްގެ ވައްތަރެއް ކަމަށެވެ. ދާދި ފަހުން އެ ވައިރަސް އަށް ޗައިނާ އިން ވަނީ ނުރަސްމީ ނަމެއްވެސް ކަނޑައަޅައިފަ އެވެ.

ޗައިނާގެ ހުސްވެފައިވާ މަގުތަކުގައި މީހަކު ހިނގާފައި ދަނީ -- ފޮޓޯ/ ގެޓީ އިމޭޖް

ވައިރަސްގެ އަލާމާތުގެ އަސަރު

ޗައިނާގެ ހޮސްޕިޓަލުތަކުން މައުލޫމާތުދޭ ގޮތުގައި އެ ވައިރަސްގެ އަލާމަތްތައް ފުރަތަމަ ފެށެނީ ހުމާއި ހިކި ކެއްސުމާއެކުގަ އެވެ. އަދި އޭގެ ހަފްތާއެއް ފަހުން ނޭވާ ކުރުވުމުގެ އަސަރުތައް ފެނުން އެކަށީގެންވާ ކަމަށް ސިއްހީ ދާއިރާގެ މާހިރުން ބުނެ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ އެ ވައިރަސްއާ ގުޅުން ހުރި 17،000 ކޭހަކަށް ބަލައި ހާއްސަ މައުލޫމާތުތަކެއް ހިއްސާކޮށްފަ އެވެ. އެގޮތުން 17،000 މީހުންގެ ތެރެއިން 82 ޕަސެންޓު މީހުންނަކީ މައިލްޑް ހުން ހުރި މީހުން ކަމަށާއި 15 ޕަސެންޓް މީހުންނަކީ ސީރިއަސް މީހުން ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެ އެވެ. ބާކީ ތިން ޕަސެންޓަކީ ކްރިޓިކަލް ކޭސްތައް ކަމަށް ވެސް ޖަމިއްޔާ އިން ބުނެ އެވެ.

އެ ޖަމިއްޔާ އިން ފާހަގަކުރާ ގޮތުގައި ވައިރަސް ޖެހުނަސް މަދު ކޭސްތަކެއްގައި ނޫނީ ވައިރަސް ޖެހިފައިވާ މީހާއަށް ގިނައިން ކިނބިހި އެޅުން ފަދަ ކަންތައް ދިމައެއް ނުވާނެ އެވެ.

ކިހާ ނުރައްކާތެރި ވައިރަސް އެއްތައް؟

މިހާރު ރެކޯޑުކުރެވިފައިވާ ކޭސްތަކަށް ބަލާއިރު އެ ވައިރަސްގެ ސަބަބުން މަރުވާ މީހުންގެ ރޭޓު އުޅެނީ ދަށުގައި ކަމަށް ގިނަ ބަޔަކު ބުނެ އެވެ. އެހެންނަމަވެސް އެ އަދަދަކީ އިތުބާރު ކުރެވޭ އަދަދެއް ނޫން ކަމަށް ވެސް ގިނަ ބަޔަކު ފާހަގަކުރެ އެވެ.

ރިސާޗަރުން ބުނާ ގޮތުގައި އެ ވައިރަސްގެ ސަބަބުން މަރުވާ މީހުންގެ އަދަދު އުޅެނީ ދެ ޕަސެންޓުގަ އެވެ. އެހެންނަމަވެސް އެ ވައިރަސް އަށް ޕޮސިޓިވް ކޭސްތައް ދެނެގަންނަން އުނދަގޫ ވާތީ އަދަދު ބަދަލުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ރިސާޗަރުން ބުނެ އެވެ.

ވޫހާންގައި މީހެއްގެ ހުން ބަލަނީ -- ފޮޓޯ: ގެޓީ

ކޮންތާކުން އެ ވައިރަސް އައިސްފައިވަނީ؟

ޗައިނާގެ ސިޓީއެއް ކަމަށްވާ ވޫހާންގެ މާރުކޭޓު ސަރަހައްދަކުން ފެތުރެން ފެށި ކަމަށް ބެލެވޭ މި ވައިރަސް އަކީ ކޮރޯނާ އާއިލާގެ އެހެން ވައިރަސްތައް ފަދައިގެން ކޮންމެވެސް ކަހަލަ ޖަނަވާރެއްގެ ފަރާތުން އުފެދިފައިވާ ވައިރަސް އެކެވެ.

އެގޮތުން ސިވިއާ އެކިއުޓް ރެސްޕިރޭޓޮރީ ސިންޑްރޯމް (ސާސް) އާއި މިޑްލް އީސްޓާން ރެސްޕިރޭޓަރީ ސިންޑްރޯމް (މާސް) އަކީ ކޮރޯނާ ވައިރަސް އިން މީގެ ކުރީން ފެތުރިފައިވާ ވައިރަސްއެކެވެ.

ސައިންސުވެރިން މިހާރު ވެސް ދަނީ އެ ވައިރަސް އުފެދިގެން އައި ގޮތް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ސައިންސުވެރިން ބުނާ ގޮތުގައި އެ ވައިރަސް އުފެދިގެން އައީ ވާލު ނުވަތަ ހަރުފައިގެ ފަރާތުން ކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންނަމަވެސް އެ ވައިރަސް އަކީ އިންޓަރމީޑިއަރީ ސްޕީސީސްގެ ފަރާތުން ވާރުތަ ވެފައިވާ ވައިރަސްއެއް ކަމަށް ސައިންސުވެރިން ބުނެ އެވެ.

އެއީ ވައިރަސް ޖެހުމަށް މެދުވެރިވާ ޖަނަވާރެއްގެ ކިބައިން އެހެން ޖަނަވާރަކަށް އެ ވައިރަސް ވާރުތަވުމެވެ. މިސާލަކަށް މާރުކޭޓުގައި ބޭނުންކުރަމުން ދިޔަ މަހުގެ ބާވަތަކަށް އެ ވައިރަސް ވާރުތަ ވެފައިވާ ކަމަށް ލަފާކުރެވޭ ކަމަށް ސައިންސުވެރިން ބުނެ އެވެ. އަދި އެ އިންފެކްޓުވެފައިވާ މަހުގެ ސަބަބުން އިންސާނުންނަށް އެ ވައިރަސް ޖެހުމަށް މަގުފަހިވީ ކަމަށް ސައިންސުވެރިން ވަނީ ލަފާކޮށްފަ އެވެ.

ކިހާ ފަސޭހަކޮށް އެ ވައިރަސް ފެތުރޭތަ؟

ސައިންސުވެރިން ބުނަނީ އެ ވައިރަސް ފެތުރޭ މައިގަނޑު ގޮތަކީ އިންފެކްޓުވެފައިވާ މީހަކު ކެއްސާއިރު ކުޅު ފަދަ މާއްދާގެ ޒަރިއްޔާއިންނެވެ.

ޗައިނާއިން ކުރިން ބުނެފައި ވަނީ އެ ވައިރަސް އަކީ ގައިން ގަޔަށް އަރާ ވައިރަސް އެއް ނޫން ކަމަށެވެ. އެހެންނަމަވެސް އެވައިރަސް އިވޯލްވް ވެފައިވާ ކަމަށް ފަހުން އިއުލާންކުރި އެވެ.

އެގޮތުން ޗައިނާއިން ފަހުން އިއުލާންކޮށްފައި ވަނީ އިންފެކްޓު ވެފައިވާ މީހެއްގެ ކިބައިން އެހެން މީހެއްގެ ގަޔަށްވެސް އެ ވައިރަސް އެރުން އެކަށީގެންވާ ކަމަށެވެ.

މި ވައިރަސް ހުއްޓުވިދާނެތަ؟

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފައި ވަނީ ކޮރޯނާ ވައިރަސް ކޮންޓްރޯލް ކުރެވިދާނެ ކަމަށެވެ. އެހެންނަމަވެސް ދުނިޔޭގެ އެކި ސަރަހައްދުތަކުން އެކަމަށް އެއްބަހެއް ނުވެ އެވެ.

އެމެރިކާގެ ސެންޓާ ފޮ ޑިސީޒް ކޮންޓްރޯލް އިން ބުނާ ގޮތުގައި އެ ވައިރަސް އަކީ ކޮންޓްރޯލް ނުކުރެވޭ ވަރުގެ ބޮޑު ނުރައްކަލަކަށް ވެދާނެ ކަމަށެވެ.

އެގޮތުން އެ ވައިރަސް ހުއްޓުވުމަށް ކުރެވޭނެ ކަމަކީ އިންފެކްޓު ވެފައިވާ މީހުންގެ ފަރާތްތަކުން އެ ވައިރަސް އެހެން މީހެއްގެ ގަޔަށް ވާރުތަ ވުން ހުއްޓުވުމެވެ. އެކަން ކުރަން ބޭނުން ނަމަ

· މީހުންގެ މޫވްމެންްޓް ކޮންޓްރޯލު ކުރަން ޖެހޭނެ

· އިންފެކްޝަން ކޮންޓްރޯލުކުރުމަށް ބާރު އަޅައި ގިނައިން އަތް ދޮވުމަށް އާދަކުރުން

· ވައިރަސް ޖެހިފައިވާ ފަރާތްތަކަށް އައިސޮލޭޝަންގައި ފަރުވާ ދިނުން

comment ކޮމެންޓް