މާގޯ ރޮބީގެ ހާލީ ކުއިން ކެރެކްޓާ ވަކިން ފެނިގެންދާ ޑީސީގެ ފިލްމު "ބާރޑްސް އޮފް ޕްރޭ"އަށް ފިނި ތަރުހީބެއް ލިބިއްޖެ އެވެ.
ޑީސީގެ ކެރެކްޓަރު ހާލީ ކުއިން ދާދި ފަހުން ސިނަމާތަކުގައި ދައްކަން ފަށާފައިވާއިރު އެ ފިލްމަށް ލިބިފައިވަނީ ޕްރޮޑަކްޝަން ކުންފުނި ވޯނާ ބްރޯސް އިން ހީކުރި ވަރަށްވުރެ ކުޑަ އާމްދަނީއެކެވެ. އެގޮތުން ވޯނާ ބްރޯސް އިން އުއްމީދުކޮށްފައިވަނީ އެ ފިލްމުގެ ލޯންޗަށް 55 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށެވެ.
މިދިޔަ ހަފްތާ ބަންދުގައި އެ ފިލްމު އެޅުވިއިރު އެ ފިލްމަށް މިހާތަނަށް ލިބިފައިވަނީ 34 މިލިއަން ޑޮލަރުގެ އާމްދަނީއެކެވެ. އެއީ އުއްމީދުކުރި ވަރަށްވުރެ ކުޑަ އާމްދަނީއެކެވެ.
ބާރޑްސް އޮފް ޕްރޭ އަކީ 80 މިލިއަން ޑޮލަރުގެ ބަޖެޓެއްގައި އުފައްދާފައިވާ ފިލްމެކެވެ.
ޑީސީ ޔުނިވާސްގެ އެ ފިލްމަކީ ޑީސީގެ އެހެން ފިލްމުތަކާ ހިލާފަށް ޑްރާމާ އަދި އެކްޝަން ފިލްމެކެވެ. ޑީސީގެ އެހެން ފިލްމުތަކަކީ އާންމުގޮތެއްގައި ސައިންސް ފިކްޝަން އަދި ފެންޓަސީ ފިލްމުތަކެވެ.
މާގޯ ރޮބީގެ ބާރޑްސް އޮފް ޕްރޭއަށް ކުރިއަށް އޮތްތަނުގައި ބޮޑު އާމްދަނީއެއް ލިބިދާނެ ކަމަށް ގިނަ ބަޔަކު ބުނެއެވެ. ސަބަބަކީ ފިލްމުގެ ރިވިއުތައް ރަނގަޅުވުމެވެ. ގިނަ ފަރާތްތަކުން ބުނަނީ އެ ފިލްމަކީ ޑީސީއިން ނެރުނު އެންމެ ރަނގަޅު ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމަކަށް ވާ ކަމަށެވެ.