ކަޝްމީރުގެ ކުރީގެ ޗީފް މިނިސްޓަރުން ގޭބަންދުގައި ބައިތިއްބާ މުއްދަތު އިތުރުކޮށްފި

ކަޝްމީރުގައި ގޭބަންދުގައި ބަހައްޓާފައިވާ ކުރީގެ ޗީފް މިނިސްޓަރު މެހެބޫބާ މުފްތީ -- ފޮޓޯ: ގެޓީ

ސްރީނަގަރު (ފެބްރުއަރީ 7): މިދިޔަ އަހަރުގެ އޮގަސްޓު މަހު އިންޑިއާއިން ޖައްމޫ އެންޑް ކަޝްމީރަށް ދީފައިވާ ހާއްސަ އިމްތިޔާޒުތައް އުވާލުމުގެ ކުރިން ގޭ ބަންދުގައި ބޭތިއްބި ކުރީގެ ދެ ޗީފް މިނިސްޓަރުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

ކަޝްމީރުގެ ކުރީގެ ދެ ޗީފް މިނިސްޓަރުން ކަމަށްވާ މެހެބޫބާ މުފްތީއާއި އުމަރު އަބްދުﷲ ހައްޔަރު ކުރީ އޮގަސްޓު ފަހެއްގައެވެ. އަދި އެ ދެ މީހުން ގޭބަންދުގައި ބޭތިއްބި ފަހުން އެމީހުންގެ ހަބަރެއް ވެފައި ނުވެއެވެ.

މެހެބޫބާ މުފްތީގެ ޓުވިޓާ އެކައުންޓު މިހާރު ބޭނުން ކުރަމުން ދަނީ އޭނާގެ އަންހެން ދަރިފުޅު އިލްތިޖާ މުފްތީއެވެ. އަދި އެ އެކައުންޓުންކޮށްފައިވާ ޓުވީޓެއްގައިވާ ގޮތުން ބުދަ ދުވަހު މިނިވަންކުރަންޖެހޭ މުފްތީއާއި އަބްދުﷲގެ ބަންދު ވަނީ އާންމު ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން އިތުރުކޮށްފައެވެ. ނަމަވެސް އިތުރުކޮށްފައި ވަނީ ކިހާ ދުވަހަކަށްކަމެއް އެ ޓުވީޓުގައި ބުނެފައި ނުވެއެވެ.

ކަޝްމީރުގައި ގޭބަންދުގައި ބަހައްޓާފައިވާ ކުރީގެ ޗީފް މިނިސްޓަރު އުމަރު އަބްދުﷲ -- ފޮޓޯ: ގެޓީ

ގިނަ ބަޔެއްގެ ފާޑު ކިޔުން އަމާޒުވެފައިވާ ޕަބްލިކް ސޭފްޓީ އެކްޓުގެ ދަށުން "ކުށް ކުރުން ހުއްޓުވުމަށްޓަކައި"، އެއްވެސް ދައުވާއަކާ ނުލައި މީހުން ގިނަވެގެން ދެ އަހަރުގެ މުއްދަތަކަށް ހައްޔަރުކޮށްފައި ބޭތިއްބޭނެއެވެ.

އިންޑިއާއިން ވަނީ ކަޝްމީރަށް ދީފައިވާ ހާއްސަ އިމްތިޔާޒުތައް އުވާލުމުގެ އިތުރުން އެއީ އެ ސްޓޭޓަކީ މައި ސަރުކާރުން ހިންގާ ދެ ޔޫނިއަން ޓެރިޓަރީއަކަށް ހަދާފަ އެވެ. އެ ބަދަލު ގެނައުމުގެ ކުރިންނާއި ފަހުން އިންޑިއާއިން ވަނީ ކަޝްމީރުގެ ގިނަ އަދަދެއްގެ މީހުން ހައްޔަރުކޮށް، އެ ސަރަހައްދުގައި ހަރަކާތްތެރިވާ ސިފައިންގެ އަދަދު އިތުރުކޮށްފަ އެވެ. އަދި ގިނަ ދުވަސްތަކެއް ވަންދެން ފޯނާއި އިންޓަނެޓުގެ ހިދުމަތް ކަނޑާލުމަށް ފަހު، މިހާރު އެ ހިދުމަތްތައް މަދު މަދުން ދެމުންދާކަމަށް އިންޑިއާއިން ވަނީ ބުނެފައެވެ.

comment ކޮމެންޓް