ރާއްޖެއިން އިންޑިއާގައި އިތުރު އުޅަނދަކަށް އެދިއްޖެ

މިނިސްޓަރު މާރިޔާ އިންޑިއާގެ ޗީފް އޮފް ޑިފެންސް ސްޓާފް އާ ބައްދަލުކުރައްވަނީ --

ރާއްޖޭގެ ފަރާތުން އިންޑިއާގައި އިތުރު އުޅަނދަކަށް އެދެފައިވާކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައި ވަނީ މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައެވެ.

މި މަހުގެ ތިން ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް މިނިސްޓަރު މާރިޔާ ކުރައްވާ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖްނަތު ސިންހާއި ޗީފް އޮފް ޑިފެންސް ސްޓާފް ބިޕިން ރާވަތު އަދި އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލުންނާ ވަނީ ބައްދަލުކުރައްވައިފައެވެ. އަދި ލަކްނައުގައި ކުރިއަށްދާ އިންޑިއާ ޑިފެންސް އެކްސްޕޯގައި ބައިވެރިވެވަޑައިގަތެވެ.

އިންޑިއާގެ ވިއޯން ނޫހަށް ދެއްވި އިންޓަވިއުއެއްގައި މާރިޔާ ވިދާޅުވީ ރާއްޖެއަށް ކަނޑުގައި ދުއްވާ އިތުރު އުޅަނދަކަށް އެދިފައިވާނެ ކަމަށެވެ. އަދި އިންޑިއާ ސަރުކާރުގެ ފަރާތުން އެކަމަށް ރަނގަޅު ސިގްނަލެއް ލިބިފައިވާ ކަމަށެވެ.

މިދިޔަ ޑިސެމްބަރު މަހު އިންޑިއާއިން ވަނީ ރާއްޖެއަށް "ކާމިޔާބު" ކިޔާ އުޅަނދެއް ވެސް ހަދިޔާކޮށްފައެވެ.

https://sun.mv/128385

އެ އުޅަނދަކީ މިނިސްޓަރު މާރިޔާއާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް އިންޑިއާއަށް ކުރެއްވިދަތުރުފުޅެއްގައި ރާއްޖެއަށް ފާސްޓް އިންޓަސެޕްޓަރ އުޅަނދެއް ހަދިޔާ ކޮށްދިނުމަށް އެދުނު އެދުމަކަށް އިންޑިއާއިން ހަދިޔާ ކުރި އުޅަނދެކެވެ.

މީގެއިތުރުން މިނިސްޓަރު މާރިޔާ ވަނީ ނޮވެލް ކޮރޯނާވައިރަސް ފެތުރެންފެށި ޗައިނާގެ ވޫހާން ސިޓީގައި ތާށިވެފައި ތިބި ހަތް ދިވެހިން އެ ސިޓީން ނެރުމަށް އިންޑިއާ ސަރުކާރުގެ ފަރާތުން ވެދިން އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވައިފައެވެ.

comment ކޮމެންޓް