ކޮރޯނާވައިރަސްއާ ބެހޭ ގޮތުން ވިސްލްބްލޯ ކުރި ޑޮކްޓަރު މަރުވެއްޖެ

ކޮރޯނާވައިރަސްއާ ބެހޭ ގޮތުން ވިސުލްބްލޯ ކުރި ޑޮކްޓަރު ޑރ. ލީ ވިންލެން ވަނީ މަރުވެފަ -- ފޮޓޯ: ޑރ. ލީ ވިންލެން

ބެއިޖިން (ފެބްރުއަރީ 7): ޗައިނާގެ ވޫހާންގައި ކޮރޯނާވައިރަސް ފެތުރެމުންދާ ކަމުގެ އިންޒާރު އެންމެ ފުރަތަމަ ދިން އަށް މީހުންގެ ތެރޭގައި ހިމެނޭ ޑރ. ލީ ވިންލެން މަރުވެއްޖެއެވެ.

ވޫހާން ސެންޓްރަލް ހޮސްޕިޓަލުގައި ލޮލުގެ ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ޑރ. ލީ ވަނީ މީގެ އަހަރުތަކެއް ކުރިން ފެނިފައިވާ ކޮރޯނާވައިރަސްގެ ބާވަތެއް ކަމަށްވާ ސާސްއާ ވައްތަރުގެ ވައިރަސްއެއް ފެތުރެމުންދާ ކަމަށް ޑިސެމްބަރު 30ގައި ބުނެފައެވެ. ވީޗެޓް މެދުވެރިކޮށް ޑރ. ލީ ފޮނުވި ގުރޫޕު މެސެޖުގައި އޭނާ ވަނީ ވައިރަސް ފެތުރެމުންދާތީ އެހެން ޑޮކްޓަރުން ރައްކާތެރިވެ ތިބުމަށް އެދިފައެވެ.

ނަމަވެސް އޭގެ ހަތަރު ދުވަސް ފަހުން ޑރ. ލީ ފުލުހަށް ހާޒިރުކޮށް، އޭނާ ދޮގު ވާހަކަ ފެތުރިކަމަށް ބުނާ ސިޓީއެއްގައި ސޮއި ކުރުވިއެވެ. އަދި ޑރ. ލީ ވެގެން ދިޔައީ ވައިރަސްއާ ބެހޭ ގޮތުން ދޮގު ވާހަކަތައް ފެތުރި ކަމަށް ފުލުހުން ބުނެ، ތަހުގީގުކުރި އަށް މީހުންގެ ތެރެއިން އެކަކަށެވެ.

އޭގެ ފަހުން މިދިޔަ މަހުގެ 10އެއްގައި ޑރ. ލީ ވަނީ އޭނާ ކެއްސަން ފަށާފައިވާ ކަމަށް ބުނެފައެވެ. އަދި އޭގެ ދެ ދުވަސް ފަހުން އޭނާ ހުން އައިސްގެން ހޮސްޕިޓަލުގައި އެޑްމިޓް ކުރުމަށް ފަހު ހެދި ޓެސްޓުތަކުން އޭނާ ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވިއެވެ.

ޑރ. ލީއަށް އިއްޔެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވިކަން ފުރަތަމަ އެންގީ އޭނާއާއެކު މަސައްކަތްކުރި ޑޮކްޓަރެކެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް އެ ޑޮކްޓަރު އެހަބަރު ހިއްސާ ކުރީ ރޭ ޗައިނާ ގަޑިން 9:30ވާން އުޅެނިކޮށެވެ. ނަމަވެސް ޑރ. ލީ މަރުވިކަން ވޫހާން ސެންޓްރަލް ހޮސްޕިޓަލުން ޔަގީންކޮށް ދިނީ ރޭ ދަންވަރު 3:48 ގައެވެ.

ޑރ. ލީގެ މަރާ ގުޅިގެން ޗައިނާގެ ގިނަ އަދަދެއްގެ މީހުން ވަނީ ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކުރުމުގެ އިތުރުން ސަރުކާރަށް ފާޑުވެސް ކިޔާފައެވެ. އަދި ވޫހާންގެ ސަރުކާރުން ޑރ. ލީގެ ކިބައިން މާފަށް އެދެންޖެހޭކަމަށް އެތައް ހާސް މީހުން ބުނަމުން ދެއެވެ.

ރިޕޯޓުތަކުގައިވާ ގޮތުން ޑިސެމްބަރު މަހުގެ ކުރީކޮޅު ކޮރޯނާވައިރަސް ޖެހިފައިވާ ފުރަތަމަ މީހާ ވޫހާންގައި އެޑްމިޓު ކުރި ދުވަހުން ފެށިގެން، އެއީ ގައިން ގަޔަށް އަރާ ވައިރަހެއްކަން އެނގުނު ނަމަވެސް ޖެނުއަރީ މަހުގެ މެދުތެރެއާ ޖެހެންދެން ހޫބެއި ޕްރޮވިންސުން ވަނީ ވައިރަސްއާ ބެހޭ މައުލޫމާތު ފެތުރުން ކުޑަކުރުމަށް މަސައްކަތްކޮށްފައެވެ.

ނޮވެލް ކޮރޯނާވައިރަސް މިހާރު ދުނިޔޭގެ 25 ގައުމަކުން ފެނިފައިވާ އިރު، 31،000އަށް ވުރެ ގިނަ މީހުން ވަނީ ވައިރަސްއަށް ޕޮޒިޓިވްވެފައެވެ. އަދި އެ ވައިރަހުގެ ސަބަބުން މިހާތަނަށް ޗައިނާގައި 634 މީހަކު މަރުވެފައިވާ އިރު، ހޮންކޮންގާއި ފިލިޕީންސްގައިވެސް ދެ މީހަކު މަރުވެފައި ވެއެވެ.

comment ކޮމެންޓް