ޗައިނާގައި ތުއްތު ކުއްޖަކު ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެއްޖެ

ހޮންކޮންގައި ބައްޕައަކާއި ދަރިފުޅު މާސްކު އަޅައިގެން. ޗައިނާއިން ވަނީ އުމުރުން އެންމެ ދެ ދުވަސްވީ ކުއްޖަކު ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެފައިވާ ކަމަށް ބުނެފަ -- ފޮޓޯ: ގެޓީ

ބެއިޖިން (ފެބްރުއަރީ 6): ޗައިނާގައި އުމުރުން ދެ ދުވަސް ނުފުރޭ ތުއްތު ކުއްޖަކު ނޮވެލް ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެއްޖެ އެވެ.

ޗައިނާގެ ދައުލަތުގެ މީޑިއާއިން ބުނި ގޮތުގައި އެއީ މިދިޔަ އާދިއްތަ ދުވަހު ވޫހާންގެ ހޮސްޕިޓަލެއްގައި އުފަންވި ކުއްޖެކެވެ. އަދި ކުއްޖާގެ ވިހެއުމުގެ ކުރިން އޭނާގެ މަންމައަށް ކޮރޯނާވައިރަސް ޖެހިފައިވާ ކަން ވަނީ އެނގިފަ އެވެ. އެހެންކަމުން ކުއްޖާ ވިހެއިތާ 30 ގަޑި އިރު ތެރޭ ޑޮކްޓަރުން އެކުއްޖާ ވައިރަސްއަށް ޓެސްޓު ކުރި އެވެ.

ޗައިނާއިން ބުނި ގޮތުގައި ކުއްޖާ އުފަންވި އިރު ބަރުދަނުގައި ހުރީ 3.25 ކިލޯ އެވެ. އަދި އެކުއްޖާ އޮބްޒަވޭޝަންގައި ބާއްވާފައިވާ ކަމަށާއި ކުއްޖާގެ ހާލު ރަނގަޅު ކަމަށް އެގައުމުގެ މީޑިއާތަކުން ބުންޏެވެ. ނަމަވެސް ކުއްޖާއަށް ވައިރަސް ފެތުރުނު ގޮތެއް އަދި ޔަގީންވެފައި ނުވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

އެއީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ފެތުރެން ފެށި ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވި އެންމެ ހަގު ކުއްޖާ އެވެ.

މިހާތަނަށް 25 ގައުމެއްގައި 28،000 އަށް ވުރެ ގިނަ މީހުންނަށް ޖެހިފައިވާ ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެފައި ވަނީ ގިނައިން ބޮޑެތި މީހުންނެވެ. އަދި ޖާނަލް އޮފް ދަ އެމެރިކަން މެޑިކަލް އެސޯސިއޭޝަނުން ނެރުނު ރިޕޯޓެއްގައިވާ ގޮތުން ނޮވެލް ކޮރޯނާވައިރަސް ޖެހިފައިވާ ގިނަ މީހުންނަކީ 49 އަހަރާއި 56 އަހަރާ ދެމެދުގެ މީހުންނެވެ.

ކޮރޯނާވައިރަސްގެ ސަބަބުން މިހާތަނަށް 563 މީހަކު މަރުވެފައިވާ އިރު އޭގެ ތެރެއިން ދެ މީހަކު ފިޔަވާ އެންމެން މަރުވީ ޗައިނާގަ އެވެ. ބާކީ ދެމީހުންނަކީ ފިލިޕީންސްގައި މިދިޔަ ހޮނިހިރު ދުވަހު މަރުވި މީހަކާއި އޭގެ ފަހުން ހޮންކޮންގައި މަރުވި މީހެކެވެ.

އެ ވައިރަހުގެ ސަބަބުން ވޯލްޑް ހެލްތު އޯގަނައިޒޭޝަނުން ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ. އަދި ވައިރަހުން ރައްކާތެރިވުމަށް އެޖަމްއިއްޔާއިން ކުރާ މަސައްކަތަށާއި ވަކިވަކި ގައުމުތަކަށް އެހީވުމުގެ ގޮތުން ޑަބްލިއުއެޗްއޯގެ މެމްބަރު ގައުމުތަކާއި ޑޯނަރުން އެޖަމްއިއްޔާއަށް 675 މިލިއަން ޑޮލަރު ހަދިޔާ ކުރުމަށް އެދިފަ އެވެ.

comment ކޮމެންޓް