ރަޝިއާގެ އެސް-400 މިސައިލްތައް އަންނަ އަހަރު އިންޑިއާއަށް ފޮނުވަން ފަށާނެ: އާރުއައިއޭ

އިންޑިއާއިން ވަނީ ރަޝިއާގެ މިސައިލް ޑިފެންސް ސިސްޓަމެއް ގަތުމަށްޓަކައި އެގައުމާ އެކު 2018 ވަނަ އަހަރު ފަސް ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ހަދާފަ -- ފޮޓޯ: އޭޕީ

މޮސްކޯ (ފެބްރުއަރީ 5): ރަޝިއާގެ އެސް-400 މަރުކާގެ މިސައިލް ޑިފެންސް ސިސްޓަމްގެ ބައިތައް އަންނަ އަހަރުގެ ފަހުކޮޅު އިންޑިއާއަށް ފޮނުވަން ފަށާނެ ކަމަށް ރަޝިއާގެ ދައުލަތުން ހިންގާ އާރުއައިއޭ ނޮވޮސްޓީ ނޫސް އޭޖެންސީން ރިޕޯޓުކޮށްފި އެވެ.

އިންޑިއާއިން ވަނީ ރަޝިއާގެ މިސައިލް ޑިފެންސް ސިސްޓަމެއް ގަތުމަށްޓަކައި އެގައުމާ އެކު 2018 ވަނަ އަހަރު ފަސް ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ހަދާފަ އެވެ.

"ކޮންޓުރެކްޓުގައިވާ ޝެޑިއުލްއާ އެއްގޮތަށް މިދަނީ އަމަލު ކުރަމުން. އަދި ފުރަތަމަ ޝިޕްމެންޓު އަންނަ އަހަރުގެ ފަހުކޮޅު ފޮނުވާނެ،" ރަޝިއާގެ ފެޑެރަލް ސާވިސް ފޯ މިލިޓަރީ ޓެކްނިކަލް ކޯޕަރޭޝަން (އެފްއެސްއެމްޓީސީ)އިން ބުނި ކަމަށް އާރުއައިއޭގައިވެ އެވެ.

މޮސްކޯ ޓައިމްސްގައިވާ ގޮތުން އިންޑިއާއަށް ފޮނުވާ ޑިފެންސް ސިސްޓަމްގެ މިސައިލްތައް ފޮނުވުން 2025ގައި ނިމޭނެ ކަމަށް ރަޝިއާގެ ޑިޕްލޮމެޓަކު ވަނީ ކުރިން ވިދާޅުވެފަ އެވެ.

އެސް-400 މިސައިލް ޑިފެންސް ސިސްޓަމަކީ މަތިންދާބޯޓުތަކާއި، ޑްރޯންތަކާއި މިސައިލްތަކުން ދިފާއުވުމަށް ބޭނުންކުރާ ނިޒާމެކެވެ. އަދި 400 ކިލޯ މީޓަރު ދުރުގައި އޮންނަ އަމާޒުތަކަށްވެސް އެ ނިޒާމުން ހަމަލާ ދެވޭނެ އެވެ.

އިންޑިއާއިން އެ މިސައިލް ސިސްޓަމް ގަނެފައި ވަނީ ރަޝިއާއާ އެކު ދިފާއީ އަދި ޖާސޫސީ ދާއިރާއިން ވިޔަފާރި ކުރާ ގައުމުތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެމެރިކާއިން ދީފައި ވަނިކޮށެވެ. މީގެ ކުރިން އެމެރިކާއިން ވަނީ ޗައިނާއިން އެސް-400 ސިސްޓަމެއް ގަތުމުން އެގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފަ އެވެ. އަދި ތުރުކީންވެސް އެ ސިސްޓަމް ގަތުމާ ގުޅިގެން އެގައުމާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ބުނި ނަމަވެސް އަދި އެމެރިކާއިން އެ ފިޔަވަޅު އަޅާފައި ނުވެ އެވެ.

ދުނިޔޭގެ ސަލާމަތާއި ހަމަނުޖެހުންތަކާ ގުޅުން ހުރި ދިރާސާތައް ހަދާ ސްޓޮކްހޯމް ޕީސް ރިސާޗް އިންސްޓިޓިއުޓުން ބުނާ ގޮތުގައި އިންޑިއާއަށް އަސްކަރީ އާލާތްތައް އެންމެ ގިނައިން ފޯރުކޮށްދޭ ގައުމަކީ ރަޝިއާ އެވެ. އެގޮތުން ފާއިތުވި ފަސް އަހަރު ތެރޭ އިންޑިއާއަށް އެތެރެކޮށްފައިވާ ހަތިޔާރުގެ ތެރެއިން 62 ޕަސެންޓު ހަތިޔާރު ސަޕްލައި ކުރީ ރަޝިއާއިންނެވެ.

comment ކޮމެންޓް