ހިޝާންގެ އެވޯޑް އަތުލާނީ އޭނާގެ މައްޗަށް ކުށެއް ސާބިތުވެއްޖެނަމަ: އިނާމު ކޮމިޓީ

ގައުމީ އިނާމު ކޮމެޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: ހިޝާންގެ އެވޯޑް އަތުލާނީ އޭނާގެ މައްޗަށް ކުށެއް ސާބިތުވުމުން ކަމަށް ވިދާޅުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހާއްސަ އެހީތެރިކަން ބޭނުންވާ ކުދިންނާއި މީހުންނަށް އެހީވުމުގައި މަޝްހޫރުކަން ލިބި ސަރުކާރުން ހާއްސަ އިނާމު ދީފައިވާ ކުރީގެ އޮނަރަރީ ޑިސްއެބިލިޓީ އެމްބެސެޑަރު އަހްމަދު ހިޝާންއަށް ލިބިފައިވާ ގައުމީ އިނާމު އަތުލެވޭނީ އޭނާގެ މައްޗަށް ކުށެއް ސާބިތުވުމުން ކަމަށް ގައުމީ އިނާމާ ބެހޭ ކޮމިޓީން ބުނެފިއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި އަދިވެސް އެހެނިހެން ސީރިޔަސް ތުހުމަތުތަކެއް ކުރެވޭ ހިޝާނަށް އިޖުތިމާއީ ހިދުމަތުގެ ދާއިރާއިން ހާއްސަ އެހީއަށް ބޭނުންވާ ކުދިންށާއި މީހުންނަށް ހިދުމަތް ކުރުމާއި ފުދުންތެރިބަޔަކަށް ހެދުމުގެ މަސައްކަތް ކުރުމުގެ ރޮނގުން ހިތްވަރުދިނުމުގެ ގައުމީ އިނާމު ދީފައި ވަނީ 2014 ވަނަ އަހަރު އެވެ. އޭނާގެ އަށް މިހާރު ކުރަމުންދާ ތުހުމަތުތަކާއެކު އާންމުން ދަނީ އޭނާގެ އެވޯޑު އަތުލުމަށް ސަރުކާރަށް ގޮވާލަމުންނެވެ.

އެކަމާ ގުޅިގެން އިނާމާ ބެހޭ ކޮމިޓީން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޓީގެ ޗެއާޕާސަން ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތްތެރި ވެރިޔާ، އަނީސާ އަހްމަދު ވިދާޅުވީ، ހިސާނަށް 2014 ވަނަ އަހަރު އެ އެވޯޑު ދިން އިރު އޭނާގެ ކުށުގެ ރިކޯޑު ސާފު ކަމަށާއި އެފަދަ އެއްވެސް ކަހަލަ މައްސަލައެއް އެއްވެސް މުއައްސަސާކަށްވެސް ހުށަހެޅިފައި ނުވާ ކަމަށެވެ.

"ހިޝަނަށް އިނާމް ލިބިވަޑައިގެންނަވީ، އޭނާގެ އެއްވެސް ކުށުގެ ރިކޯޑް ނެތް ކަމަށް ފުލުހުންގެ ފަރާތުންވެސް ކޯޓުންވެސް އަޅުގަނޑުމެންނަށް މައުލޫމާތު ދެއްވީމަ. ކޮމިޓީން އަބަދުވެސް ބަލަން އިނާމު ދިނުމުގެ ކުރިން އެއްވެސް ބޭފުޅެއްގެ ކުށުގެ ރިކޯޑެއް އޮތްތޯ ނޫންތޯ. ލިޔުމުން މައުލޫމާތު ހޯދުމަށްފަހު، ކުށުގެ ރިކޯޑް ނެތީމަ އިނާމު އަރުވަނީ،" އަނީސާ ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އަނީސާ ވާހަކަ ދައްކަވަނީ: ހިޝާނަށް އެެވޯޑު ދިން އިރު އެނާގެ ކުށުގެ ރިކޯޑު ސާފުކަމަށް ވިދާޅުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަނީސާ ވިދާޅުވީ، ކޮމިޓީން އިނާމު ދިނުމަށް ނިންމަނީ ވަރަށް ހަރުދަނާ އުސޫލެއްގެ ތެރެއިން ވަރަށް ބޮޑަށް ބެލެވިގެން، ވަރަށް ގިނަ ކަންކަމަށް ބެލުމަށްފަހު ކަމަށާއި އިނާމް ދެއްވާއިރު، އެއްވެސް އިރެއްގައި ކުށުގެ ރިކޯޑު އޮތް މީހެއް ނަމަވެސް އިނާމު ނުލިބޭނެ ކަމަށެވެ. އަދި އިނާމް ދެއްވާއިރު ޝޯޓްލިސްޓް ކުރާ މީހުންގެ ދާއިރާތަކުގެ ބޭފުޅުން ލަފާވެސް ހޯއްދަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ދަންނަވާލަން ބޭނުންވާ ވާހަކަ އަކީ، ކޮމިޓީން އިންމު ދިނުމުގައި އުސޫލު ނުވަތަ މިންގަނޑު ގޯސްވެެގެން ނޫނޭ އަށް އިނާމް ލިބިފައި އޮތީ. އޭރު ހިޝާނާ ގުޅޭ ގޮތުން އެއްވެސް ކަހަލަ ރިކޯޑެއް ނެތް ކަމަށް ކޮމިޓީން ބަލާ، އެކަން ކަށަވަރުކޮށްފައި، ހިޝަނަށް އިނާމު ދިނުމަށް ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވީ،" އަނީސާ ވިދާޅުވިއެވެ.

ކޮމިޓީން އިނާމު ދިނުމަށްފަހު، އިނާމު އަނބުރާ އަތުލުމުގެ އުސޫލާ ގުޅޭ ގޮތުން އަނީސާ ވިދާޅުވީ، އެފަދަ ހާލަތެއް މެދުވެރިވިއްޖެ ނަމަ އެ އިނާމު އަތުލުމަށް ކޮމިޓީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފަާ އެރުވިދާނެ ކަމަށެވެ.

"ގެޒެޓްކުރެވިފައިވާ އުސޫލުގައި އެބަ ބުނޭ ގައުމީ އިނާމު ލިބިފައިވާ ފަރާތަކުން ގައުމީ އިނާމެއް ނިގުޅައިގަންނަންޖެހޭ ކަމެއް ފާހަގަ ކުރެވިއްޖެ ނަމަ، ނުވަތަ އެފަދަ މައްސަލައެއް ގައުމީ އިނާމަށް އިނާމާ ބެހޭ ކޮމިޓީއަށް ހުށަހެޅިއްޖެ ނަމަ، އެކަމެއް ބަލާ އަދި އެކަމަކީ ގައުމީ އިނާމެއް ނިގުޅައިގަންނަން ޖެހޭ ކަމެއް ކަމަށް ގައުމީ އިނާމު ކޮމިޓީއަށް ފެނިއްޖެ ނަމަ، ތަފްސީލު ސަބަބައެކު އެކަން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމުގެ ބާރު ކޮމިޓީއަށް ލިބިގެންވޭ،" އިނާމު ދިނުމުގެ އުސޫލާ ހަވާލާދީ އަނީސާ ވިދާޅުވިއެވެ

އެހެން ކަމުން އޭނާގެ އެވޯޑު އަތުލުމަށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމަށް ކޮމިޓީން ނުވިސްނަވަންތޯ "ސަން" އިން ސުވާލު ކުރުމުން އަނީސާ ވިދާޅުވީ، މީހަކަށް ތުހުމަތުތަކެއް ކުރެވުނުނަމަވެސް އެކަމެއް ޝަރީއަތުން ސާބިތުނުވާ ހިދެއްގައި އެ މީހަކީ ކުށެއް ނުކުރާ މީހެއްކަމުގައި ބެލުމުގެ ހައްގު ގާނޫނު އަސާސީން ދީފައިވާ ކަމަށެވެ. އެ މައްސަލަ ޖިނާއީ ތަހުގީގެއް ގޮތުގައި ފުލުހުން ބަލަމުން އަންނަ އިރު ކޮމިޓީއަށް އެ މައްސަލަ ބެލުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް އަނީސާ ވިދާޅުވިއެވެ.

"[ފުލުހުންގެ ތަހުގީގަށްފަހު] ޝަރީއަތުން އޭނާގެ މައްޗަށް ކުށެއް ސާބިތުވެއްޖެ ނަމަ އަޅުގަނޑުމެން ކޮމިޓީން އެކަމާ ވިސްނާ ރައީސުލްޖުމްހުރިއްޔާއަށް އަރުވަން ޖެހޭ މައުލޫމާތެއް އަރުވާނަން،" އޭނާގެ އެވޯޑު އަތުލުމަށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމަށް ކޮމިޓީން ނުވިސްވަންތޯ ސުވާލު ކުރުމުން އަނީސާ ވިދާލުވިއެވެ.

ގައުމީ އިނާމުގެ އިތުރުން 2014 ވަނަ އަހަރު ހިޝާނަށް ވަނީ އޮނަރަރީ ޑިސްއެބިލިޓީ އެމްބެސެޑަރު ކަމުގެ މަގާމު ވެސް ދީފަ އެވެ. އޭގެ ފަހުން މިދިޔަ ޑިސެމްބަރު މަހު، މި ސަރުކާރުން ވެސް ވަނީ އޭނާއަށް އެ މަގާމު ދީފަ އެވެ.

އޭގެއިތުރުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ޑިސްއެބިލިޓީ އެމްބެސެޑަރުކަން ވެސް ހިޝާނަށް ވަނީ ދީފަ އެވެ.ނަމަވެސް އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއެކު އޮނަރަރީ ޑިސްއެބިލިޓީ އެމްބަސަޑަރު ކަމުން ހިޝާން މިހާރު ވަނީ ދުރުކޮށްފަ އެވެ.

comment ކޮމެންޓް