ތިންވަނަ އިންޓަރ ސްކޫލު ސައިކްލިން ޗެމްޕިއަންޝިޕް އަންނަ މަހު

ދިރާގު ހެޑް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ތިންވަނަ އިންޓަރ ސްކޫލު ބައިކް ޗެމްޕިއަންޝިޕް އާ ގުޅޭގޮތުން މައުލޫމާތު ދެނީ --- ސަން ފޮޓޯ

ދިރާގާއި ބައިކް މޯލްޑިވްސް ގުޅިގެން ސްކޫލު ކުދިންނަށް އަމާޒުކޮށްގެން ބާއްވާ "މަމެން އިންޓަރ ސްކޫލު ސައިކްލިން ޗެމްޕިއަންޝިޕް" އަންނަ މަހު 14ގައި ބޭއްވުމަށް ނިންމައިފި އެވެ.

މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ދިރާގު އެސިސްޓެންޓް މެނޭޖަރ ބަރޭންޑު، ނާޔާ ޝަރީފް ވިދާޅުވީ ސްކޫލުތަކަށް އަމާޒުކޮށްގެން ބާއްވާ ތިންވަނަ އިންޓަރ ސްކޫލު އެ މުބާރާތް ކުރިއަށްދާނީ ހުޅުމާލޭ ސައިކްލިން ޓްރެކުގައި ކަމަށެވެ.

މާޗު މަހުގެ 14 ގެ ހެނދުނުން ފެށިގެން އެ ދުވަހުގެ އިރު އޮއްސެންދެއް އިވެންޓު ކުރިއަށްދާނެ ނާޔާ ވިދާޅުވިއެވެ.

ނާޔާއަށްފަހުގައި ވާހަކަފުޅުދައްކަވަމުން ބައިކް މޯލްޑިވްސްގެ ފައުންޑަރު ޒުލޭހާ ހަސަން ދީދީ ވިދާޅުވީ އެންމެ ފަހުން ބޭއްވި ދެވަނަ އިންޓަރ ސްކޫލު ސައިކްލިން ޗެމްޕިއަންޝިޕްގައި 20 ސްކޫލަކުން 600 ދަރިވަރުން ވަނީ ބައިވެރިވެފައި ކަމަށެވެ.

މިއަހަރުގެ މުބާރާތް ކުރިއަށްދާނީ މުޅި ރާއްޖޭގެ ސްކޫލުތަކަށްވެސް ހުޅުވާލައިގެން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ބައިކް މޯލްޑިވްސްއާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން އޭނާ ވިދާޅުވީ ބައިކް މޯލްޑިވްސް ވަނީ ޔޫނިއަން ސައިކަލިސްޓް އިންޓަނޭޝަނަލް (ޔޫސީއައި)ގައި ހިމެނިފައި ކަމަށެވެ. އަދި މިހާރު އުއްމީދު ކުރަމުން ގެންދަނީ ބައިކް މޯލްޑިވްސް އަށް ބައިކް އެސޯސިއޭޝަން މޯލްޑިވްސް އެސޯސިއޭޝަންގެ ސްޓޭޓަސް ލިބުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެ ބައްދަލުވުމުގައި ބައިކް މޯލްޑިވްސްގެ ސެކްރެޓަރީ ޖެނެރަލް އަސްމާ ވިދާޅުވީ މިއަހަރުގެ މުބާރާތުގައި ދަރިވަރުންނަށް ތިން އިވެންޓެއްގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

މިއަހަރު މުބާރާތް ކުރިއަށް ގެންދާނީ 11 އަހަރުން ދަށުގެ ކެޓަގަރީ އާއި 13 އަހަރުން ދަށުގެ ކެޓަރީ އާއި 15 އަހަރުން ދަށުގެ ކެޓަގަރީ އަދި 17 އަހަރުން ދަށުގެ ކެޓަރީއިންނެވެ. އަސްމާ ވިދާޅުވީ 11 އަހަރުން ދަށުގެ ކެޓަގަރީއަށް މިއަހަރުވެސް "ފަން ރައިޑް" މުބާރާތް އޮންނާނެ ކަމަށެވެ.

comment ކޮމެންޓް