އެއާއޭޝިއާއިން ރިޝްވަތު ނެގިކަމުގެ ތުހުމަތުތައް ދޮގުކޮށްފި

އެއާ އޭޝިއާއިން ވަނީ އެއާ ބަސްއިން ދިން ރިޝްވަތު ގަބޫލު ކުރި ކަމަށް ބުނާ ތުހުމަތުތައް ދޮގުކޮށްފަ --- ފޮޓޯ: ގެޓީ

ކުއަލަލަމްޕޫރު (ފެބްރުއަރީ 3): މަތިންދާބޯޓު އުފައްދާ ޔޫރަޕްގެ ކުންފުނި އެއާބަސްއިން ދިން އެތައް މިލިއަން ޑޮލަރުގެ ރިޝްވަތު އެއާ އޭޝިއާއިން ގަބޫލު ކުރި ކަމަށް ބުނާ ތުހުމަތުތައް އެ އެއާލައިނުން ދޮގުކޮށްފި އެވެ.

މެލޭޝިއާގެ ބަޖެޓު އެއާލައިން އެއާ އޭޝިއާގެ މައްޗަށް އެތުހުމަތުތައް ފެންމަތިވީ، އެއާބަސްއިން ރިޝްވަތު ދިން ކަމުގެ މައްސަލައެއްގައި އެކުންފުނިން ހަތަރު ބިލިއަން ޑޮލަރުގެ ޖޫރިމަނާ ދައްކަން އެއްބަސްވި ފަހުންނެވެ. އެއާ ބަސްއިން އެކުންފުނީގެ ބޯޓުތައް ގަތުމަށް އެއާލައިންތަކަށް ރިޝްވަތު ދިން މައްސަލަ ތަހުގީގުކޮށްފައި ވަނީ ފްރާންސް، އިނގިރޭސިވިލާތް އަދި އެމެރިކާގެ ކަމާ ބެހޭ އިދާރާތަކުންނެވެ.

އެއާ އޭޝިއާގެ މައްޗަށް ކޮށްފައި ވަނީ އެއާ ބަސްގެ 180 މަތިންދާބޯތު ގަތުމަށް އެއާ ބަސްއިން އެ އެއާލައިނަށް ދިން 50 މިލިއަން ޑޮލަރުގެ ރިޝްވަތު ގަބޫލު ކުރި ކަމުގެ ތުހުމަތެވެ. ނަމަވެސް އެއާ އޭޝިއާއިން ވަނީ އެ ތުހުމަތުތައް ދޮގުކޮށް، މިހާރު އެމައްސަލަ ބަލަމުންދާ މެލޭޝިއާގެ އެންޓި ކޮރަޕްޝަން ކޮމިޝަނަށް އެއްބާރުލުން ދޭނެ ކަމަށް ބުނެފަ އެވެ. މެލޭޝިއާއިން އެ މައްސަލަ ބަލަމުންދަނީ އިނގިރޭސިވިލާތުގެ ސީރިއަސް ފްރޯޑް އޮފީސްއާ ގުޅިގެންނެވެ.

އޭޝިއާގެ އެންމެ ބޮޑު ބަޖެޓު އެއާލައިން ކަމަށްވާ އެއާ އޭޝިއާގެ ކޮރަޕްޝަނުގެ ތަހުގީގެއް ފަށާފައި ވަނީ ޗައިނާގައި ފެތުރެން ފެށި ނޮވެލް ކޮރޯނާވައިރަހުގެ ސަބަބުން އެ އެއާލައިންގެ ދަތުރުތައް މަދުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. އެގޮތުން އިއްޔެ އެ އެއާލައިނުން ވަނީ ފިލިޕީންސް އާއި ޗައިނާ އާއި ދެމެދު ކުރާ ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލާފަ އެވެ. އެއީ ކޮރޯނާވައިރަސް ޖެހުނު ޗައިނާ މީހަކު ފިލިޕީންސްގައި މަރުވި ފަހުންނެވެ.

ކޮރޯނާވައިރަހަށް މިހާރު 17،300އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާ އިރު އެ ވައިރަހުގެ ސަބަބުން 362 މީހަކު ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް