އައިޖީއެމްއެޗުގައި މި އަަހަރު ކިޑްނީ ބަދަލުކުރުމުގެ ހިދުމަތް ފަށަނީ

ރައީސުލްޖުމްހޫރިއްޔާ މި އަހަރުގެ މާޗު މަހު އައިޖީއެމްއެޗްގައި ގާއިމުކުރި ސެންޓަރު ފޯ މެންޓަލް ހެލްތު ހުޅުވައިދެއްވަނީ -- ފޮޓޯ/ ރައީސް އޮފީސް

އައިޖީއެމްއެޗްގައި މިއަަހަރު ކިޑްނީ ބަދަލުކުރުމުގެ ހިދުމަތް ފަށަން މަސައްކަތް ކުރަމުންދާކަމަށް ސަރުކާރުން ބުނެފި އެެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ހާއްސަ ބަލިބައްޔަށް ފަރުވާ ދިނުމުގެ ހިދުމަތް ތަރައްގީކުރުމަށް، މި އަހަރުގެ ތެރޭގައި މުހިންމު މަޝްރޫއުތަކެއް ރޭވިފައި އެބަހުރި ކަމަށެެވެ.

"އޭގެ ތެރެއިން އެއް ކަމަކީ، އިންޑިއާ ސަރުކާރުގެ އެހީގައި ހުޅުމާލޭގައި މި އަހަރު އަޅަން ފަށާ، ކެންސަރު ހޮސްޕިޓަލް. އޭގެ އިތުރުން އައިޖީއެމްއެޗްގައި ކިޑްނީ ބަދަލު ކުރުމުގެ ހިދުމަތް، މިއަހަރުގެ ތެރޭގައި ފެށުމަށް މިއަންނަނީ މަސައްކަތް ކުރަމުން." ރައީސް ސޯލިހް ވިދާޅުވި އެެވެ.

ރައީސް އިތުރަށް ވިދާޅުވީ މި އަހަރަކީ އާންމު ސިއްހަތުގެ އަހަރެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ކަމަށެެވެ. އަދި ގައިން ގަޔަށް ނާރާ ބަލިތަކުން އާންމު ރައްޔިތުން ސަލާމަތްކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރުމަށް ސަރުކާރުން ނިންމާފަިއވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ކޮމިއުނިޓީ ހެލްތު ވޯކަރުންގެ ވިއުގައެއް ގާއިމްކޮށް، އެ ހިދުމަތްތައް ފުރިހަމައަށް ހިންގަން ފެށުމަކީ މިއަހަރު ކުރެވޭނެ މުހިންމު ކަމެއް." ރައީސް ވިދާޅުވި އެވެ.

ބޭސްފަރުވާއަށް ޓަކައި މާލެ އަންނަން، ނުވަތަ ރާއްޖެއިން ބޭރަށް ދިޔުމަށް، ރައްޔިތުން އުފުލަން ޖެހޭ ތަކުލީފުތައް ކުޑަކޮށްދިނުމުގެ ގޮތުން، ފަސް ސަރަޙައްދެއްގައި ޓާޝަރީ ހޮސްޕިޓަލް ތަރައްގީކުރުމުގެ މަސައްކަތް މިދިޔަ އަހަރު ފެށުނުކަން ރައީސްް ފާހަގަކުރެއްވި އެވެ.

އެ ހޮސްޕިޓަލްތަކުގެ ތެރޭގައި ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި، ލ. ގަން ރީޖަނަލް ހޮސްޕިޓަލާއި، ގދ. ތިނަދޫ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ހިމެެނެ އެވެ.

comment ކޮމެންޓް