ކުޑަކުއްޖާ ރޭޕްކުރި މައްސަލައިގައި ދައުލަތުގެ އިދާރާތައް އިހުމާލުވޭ: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވަވައިދެއްވަނީ -- ފޮޓޯ/މަޖިލިސް

ގއ. ކަނޑުހުޅޫދޫ އިން އުމުރުން ދެ އަހަރުވެސް ނުވާ ކުޑަ ކުއްޖަކަށް، އިތުބާރު ކުރެވޭ މަގާމެއްގައި ތިބި ބަޔަކު ޖިންސީ ގޯނާކުރި މައްސަލައިގައި ދައުލަތުގެ ބައެއް އިދާރާތަކުގެ އިހުމާލު އެބަ އޮތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ކުޑަކުއްޖާއަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އެކުއްޖާގެ ކާފަ އާއި މުނިކާފަ ވަނީ ހައްޔަރުކޮށްފައެވެ. އަދި ކުއްޖާއާމެދު އިހުމާލުވި ކަމުގެ ތުހުމަތުގައި އެކުއްޖާގެ ބައްޕަ ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސް ވިދާޅުވީ އެކުއްޖާއަށް އެންމެ އިތުބާރު ކުރެވޭ މަގާމުގައި ތިބި ބަޔަކު، ލާއިންސާނީ ގޮތެއްގައި ޖިންސީ ގޯނާކުރުމަށް މަގުފަހިކުރި އެންމެ ބޮޑު ސަބަބަކީ ތުހުމަތުކުރެވޭ ބައެއް މީހުންނާ، އަދުލު އިންސާފު އަރައި ހަމަނުކުރުން ކަމަށެވެ.

"އަދި ދައުލަތުގެ ބައެއް އިދާރާތަކުން އިހުމާލުވުން." ރައީސް ވިދާޅުވި އެވެ.

އެކުއްޖާގެ މައްސަލައިގައި ޖެންޑާ މިނިސްޓްރީ އާއި ފުލުހުންގެ އިހުމާލު އޮތްކަމަށް ބުނެ ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

ކުޑަކުއްޖާގެ މުނިކާފަގެ މައްޗަށް ތުހުމަތުކުރެވޭ ޖިންސީ ފުރައްސާރައިގެ މައްސަލައެއް މިހާރުވެސް ކޯޓުގައި އޮތް އިރު، އޭނާ މިނިވަންކޮށްފައި ހުރުމުމުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުން އަންނަނީ އަމާޒުވަމުންނެވެ. އަދި އެފަދަ މީހަކު ދިރިއުޅޭ މާހައުލެއްގައި ކުޑަ ކުއްޖަކު ހުރިކަން ޖެންޑާ މިނިސްޓްރީއަށް ނޭނގޭތީ ވެސް ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

މުނިކާފަގެ މައްސަލައެއް ކޯޓުގައި އޮތްކަން ޖެންޑާ މިނިސްޓްރީއަށް އެނގިފައި ނުވާއިރު، ފުލުހުން ބުނީ އޭނާ ދޫކޮށްލާފައި ހުރީ އުމުރަށް ބަލާފައި ކަމަށެވެ.

މިއަދު ރައީސް ވަނީ ކުޑަކުދިންނަށް ގޯނާކުރުމުގެ މައްސަލަތައް ނުނިމި ދިގުލައިގެންދާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން، ދައުވާކުރަން ފޮނުވި މައްސަލަތަކުގެ ތެރެއިން، 2012 ވަނަ އަހަރުން ފެށިގެން ކޯޓަށް ހުށަހަޅާފައި ހުރި މައްސަލަވެސް ނުނިމި ހުރިކަން ރައީސް މިއަދު ފާހަގަކުރެއްވި އެވެ.

"ޝަރުއީ ކޯޓުތަކާއި ދައުލަތުގެ ބައެއް މުއައްސަސާތަކުގެ އިހުމާލުގެ ސަބަބުން، މިފަދަ މައްސަލަތައް ނުނިމި ދިގުލައިގެންދާ ކޮންމެ ހިނދުކޮޅަކީ، ކުޑަކުދިންގެ ހައްގުތަކަށް އަރައިގަނެ، އެކުދިންނަށް ގޯނާކުރާ ފަރާތްތަކަށް ލިބޭ ހިތްވަރެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް މިމަހުގެ 20 ވަނަ ދުވަހު އަމަލުކުރަން ފެށުމުން، ޖިންސީ ގޯނާތަކާއި އިހުމާލުވުމުގެ މައްސަލަތަކުން ކުދިން ރައްކާތެރިކުރުމުގެ މަސައްކަތް، މިހާރަށްވުރެ ހަރުދަނާ ކުރެވޭނެ ކަމަށެވެ.

"މިދެންނެވި ގާނޫނު އަޅުގަނޑުމެން މި ފާސްކުރީ، ކުރީގެ ސަރުކާރުތަކުން މި ގާނޫނު ފާސްކުރުމުގެ ވާހަކަ ދައްކާތާ، ދިގު އަށާވީސް އަހަރަށް ފަހުގައިކަން އަޅުގަނޑު މިއަދު ފާހަގަކޮށްލަން،" ރައީސް ވިދާޅުވިއެވެ.

މިހާރު ތަސްދީގުކޮށްފައިވާ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި ބުނެފައި ވަނީ ދަރިންގެ އުފަންދުވަހުގެ ސެޓްފިކެޓް ނުހައްދައި، ވެކްސިން ނުޖަހައި އަދި ދަރިން ސްކޫލަށް ނުފޮނުވައި ގެންގުޅުމަކީ މައިންބަފައިންނަށް އޮތް އިހްތިޔާރެއް ނޫން ކަމަށެވެ.

އެހެންކަމުން އެފަދަ ކުދިން ތިބިތޯ ބަލައި، އެކުދިންނަށް ވެކްސިން ދީ، ސްކޫލަށް ފޮނުވުމުގެ ކަންތައް ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް