ހެކިން ހާޒިރު ނުކުރަން ނިންމި ނިންމުން އެމެރިކާގެ ތާރީޚުގައި ހުތުރު ގޮތަކަށް ލިޔެވޭނެ: އެމެރިކާގެ އިދިކޮޅު

ހެކިން ހާޒިރު ނުކުރާ ގޮތަށް ސެެނެޓްގެ ތަޅުމުގައި ފާސްކުރުމަށް ފަހު ސެނެޓްގެ ރިޕަބްލިކަން ލީޑަރު މިޗް މެކޮނަލް

ވޮޝިންޓަން (2 ޖަނަވަރީ 2020) : އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކާ އެކު އޭނާ މަގާމުން ދުރުކުރުމަށް ސެނެޓްގައި މިހާރު ކުރިއަށް ގެންދާ ޝަރީއަތަށް ހެކިން ހާޒިރު ކުރަން ނުފެންނަ ކަމަށް ފާސް ކުރުމުން އިދިކޮޅު ޑިމޮކްރެޓުން އެކަމަށް ނުރުހުން ފާޅުކޮށްފި އެވެ.

ސެނެޓްގެ ޑިމޮކްރެޓިކް ލީޑަރު ޗެކް ޗޫމާ މިދާޅުވީ މިއީ ޓްރަމްޕްގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކަކީ ހަގީގީ ތުހުމަތުތަކެއް ކަމަށް ޝަރީއަތުން ސާބިތުވެދާނެތީ ޓްރަމްޕް ހިމާޔަތްކުރުމުގެ ގޮތުން ސެނެޓުގެ ރިޕަބްލިކަން މެންބަރުން ނިންމެވި ޒިންމާދާރުކަން ނެތް ނިންމުކެވެ. އެމެރިކާގެ ތާރީޚުގައި ހުތުރުކޮށް މިކަން ލިޔެވޭނެ ކަމަށާއި މިއީ ޕާޓީ ރޫހުގައި ކުށްވެރިއަކު ސަލާމަތް ކުރުމުގެ އަމަލެއްކަަމަށް އޭނާ ވިދާޅުވި އެވެ.

ޓްރަމްޕްގެ މައްޗަށް ދެ ތުހުމަތެއް ސާބިތުވާ ކަމަށް ހައުސް އޮފް ރެޕްރެޒެންޓެޓިވް އިން ކުރި ތަހްގީގްތަކުން ވަނީ ހާމަވެފަ އެވެ. އެއީ ވެރިކަމުގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުން ކުރެއްވުމާއި ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ މަސައްކަތްތަކަށް ހުރަސްއެޅުއްވި ކަމުގެ ތުހުމަތެވެ. ސެނެޓުން ކުރަނީ މިދެ ތުހުމަތު ޓްރަމްޕްގެ މައްޗަށް ސާބިތުވެފައި ވަނީ ރަނގަނޅަށް ތޯ ބެލުމުގެ މަސައްކަތެވެ. އިތުރު ހެކިންގެ އެހީ ނުހޯދައި މިކަން ޝަރީއަތަށް ސާބިތު ކުރެވޭނެ ގޮތެއް ނޯންނާނެ އެވެ. އަދި މައްސަލަ ޝަރީއަތަށް ސާބިތު ނުވެއްޖެ ނަމަ ޓްރަމްޕް މަގާމުން ދުރުކުރެވޭނެ ގޮތެއް ނޯންނާނެ އެވެ. އެހެންކަމުން ޓްރަމްޕް މަގާމުން ދުރުކުރުމުގެ ޝަރީއަތް ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަހުގެ ދުވަހުގެ ތެރޭގައި އޭނާ ސަލާމަތްވާ ގޮތަށް ނިމިގެންދާނެ އެވެ. އެއީ ޓްރަމްޕް ކުށްވެރިވާކަން ހެއްކަކާނުލައި ޝަރީޢަތަށް ސާބިތު ވާނެގޮތެއް ނޯންނާނެތީ އެވެ.

ޓްރަމްޕް ވެރިކަމުގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުން ކުރެއްވި މައްސަލައަކީ ޓްރަމްޕްގެ ސިޔާސީ ވާދަވެރިއެއް ކަމަށްވާ އެމެރިކާގެ ކުރީގެ ނައިބް ރައީސް ޖޯ ބައިޑަންގެ މައްސަލައެއް ތަހުގީގް ކުރުމަށް ޔުކްރޭންގެ ރައީސް ވްލަޑިމީރު ޒިލިންސްކީ އަށް ފިއްތުންތައް ކުރިމަތިކުރިކުރުވައި އެކަން ނުކޮށްފިނަމަ ޔުކްރޭނަށް ދޭ އަސްކަރީ އެހީ ނުދޭނެކަމުގެ އިންޒާރު ޓްރަމްޕް ދެއްވި މައްސަލަ އެވެ. ޓްރަމްޕް މިއިންޒާރު ދެއްވިކަން އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުސްތަޝާރު ޖޯން ބޯލްޓަން ލިޔުއްވި ފޮތުންވަނީ ސާބިތުވެފަ އެވެ. އަދި ހައުސް އިން ކުރި ތަހްގީގްތަކުން ވެސް ވަނީ ސާބިތުވެފަ އެވެ.

އެހެންކަމުން ސެނެޓްގެ އިދިކޮޅު ޑިމޮކްރެޓިކް މެންބަރުން މަސައްކަތް ކުރެއްވީ ބޯލްޓަން ހެކިވެރިއެއްގެ ގޮތުގައި ޝަރީއަތުގެ މަޖިލީހަށް ހާޒިރު ކުރުމަށެވެ. ބޯލްޓަން ހައުސް އަށް ހެކިބަސް ދެއްވާފައިނުވާތީ އިތުރު ހެއްކެތްގެ ގޮތުގައި ބޯލްޓަން ބޭނުންކުރެވިދާނެތީ އެވެ. ނަމަވެސް ސެނެޓްގެ އަޣްލަބިއްޔަތު އޮންނަނީ ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއަށް ކަމަށް ވާއިރު ރިޕަބްލިކަން މެންބަރުންގެ އަޣްލަބިއްޔަތުން ސެނެޓްގެ ތަޅުމުގައި ނިންމެވީ އިތުރު އެއްވެސް ހެއްކަކު ޝަރީއަތަށް ހާޒިރު ނުކޮށް ޝަރީއަތް ކުރިޔަށް ގެންދިޔުމަށެވެ. މިގޮތަށް ނިންމީ އިތުރު ހެއްކަކު ޙާޒިރުކޮށްފި ނަމަ ޓްރަމްޕްގެ މައްޗަށް ކުށްސާބިތުވެދާނެތީ ކަމަށްވަނީ ބެލެވިފަ އެވެ.

އެމެރިކާގެ ދުއިސައްތަ އެއްހާ އަހަރުގެ ތާރީޚުގައި މަގާމުން ދުރުކުރުމުގެ މައްސަލަ ކުރިމަތިވެފައި ވަނީ 1868ގައި އެމެރިކާގެ ރައީސަކަށް ހުންނެވި އެންޑްރޫ ޖޯންސަން އާއި 1998ގައި ރައީސަކަށް ހުންނެވި ބިލް ކްލިންޓަނެވެ. އެ ދެ ބޭފުޅުން ވެސް ސެނެޓްގައި ދިފާއު ކުރެއްވީ އެދެބޭފުޅުން ނިސްބަތްވާ ޕާޓީގެ މެންބަރުންނެވެ. އެހެންކަމުން އެދެބޭފުޅުން ވެސް ވަނީ ސަލާމަތްވެވަޑައިގެންފަ އެވެ. ތިން ވަނަ ބޭފުޅަކީ ރިޗަޑް ނިކްސަންއެވެ. ނަވާރަސަތޭކަ ހަތްދިހަ ހަތަރު ވަނަ އަހަރުގައި ނިކްސަން މަގާމުން ދުރުކުރުމުގެ މައްސަލަ ހައުސް އޮފް ރެޕްރެޒެންޓެޓިވް އަށް ވެއްދުމުން އޭނާ އަމިއްލައަށް މަގާމުން އިސްތިއުފާދެއްވީ އެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް