ފައިނު އަތިރިމަތިން ވެއްޓުނު ގަސްތައް ސަލާމަތްކުރުމުގެ މަސައްކަތް ފަށައިފި

ފައިނު އަތިރިމަތިން ވެއްޓުނު ގަސްތައް ސަލާމަތްކުރުމުގެ މަސައްކަތް ކުރަނީ-- ފޮޓޯ: ވައްޑެ

ރ. ފައިނު ވަރަށް ބޮޑަށް ގިރާލައި ގޮނޑުދޮށުން ވެއްޓުނު ގަސްތައް ސަލާމަތްކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ފައިނު ކައުންސިލްގެ ރައީސް އިބްރާހިމް ނާސިރު "ސަން" އަށް މިއަދު ވިދާޅުވީ އެރަށުގެ އަތިރިމަތި ގިރާލައިގެން ވެއްޓުނު ގަސްތައް ސަލާމަތްކުރުމަށް ވަގުތީ ގޮތުން ކުރަން ޖެހޭ މަސައްކަތް މިހާރު ފަށައިފައިވާ ކަމަށެވެ.

"ވެއްޓުނު ގަސްތަކުގެ ސަރަހައްދުގެ ވަށައިގެން 15- 20 ފޫޓަށް ވެލި އަޅައި ބީޗް ހެދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން." ފައިނު ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ފައިނު އާދަޔާ ހިލާފަށް ގިރަންފެށީ އެރަށުގައި ކުރިން ބަނދަރު ހަދަން ހެދި ޕްލޭނާ ހިލާފަށް ބަނދަރު ހެދުމުން ކަމަށް އެރަށުގެ މީހުން ގަބޫލު ކުރެ އެވެ.

ކައުންސިލްގެ ރައީސް، ނާސިރު މީގެ ކުރިން "ސަން"އަށް ވިދާޅުވެފައިވާ ގޮތުގައި، އެ ރަށް އާދަޔާ ހިލާފަށް ގިރުމުގެ ސަބަބުން ގޮނޑުދޮށުގައި ހުރި، 200 އަހަރަށްވުރެ ގިނަ ދުވަސްވީ ގަސްތައް ވެސް ވަނީ ވެއްޓިފަ އެެވެ. އެ ރަށު ކައުންސިލުން ބުނެފައިވާ ގޮތުގައި ރަށް ގިރުމުގެ ސަބަބުން އެ ރަށުގެ މަލަމަތީގެ ރީތިކަން އެކީހެން ވަނީ ގެއްލިފަ އެވެ. ރަށުގެ އުތުރު ފަރާތުގައި ހުރި ބިޔަ ގަސްތައް ވެއްޓިފައިވާއިރު ގިރަމުންދާ ވެލިތައް އަރަނީ ހުޅަނގުފަރާތު ތުނޑިއަށް ކަމަށް ނާސިރު ވިދާޅުވެފައިވެ އެވެ.

ފައިނު ހިމެނޭ ދާއިރާ، އުނގޫފާރު ދާއިރާގެ މަޖިލިސް މެންބަރު އަދި އެ ރަށަށް ވެސް ނިސްބަތްވާ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) މިއަދި ވިދާޅުވެފައި ވަނީ، ކުޑަރަށަކަށްވީތީ ތަފާތުނުކޮށް މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ފިޔަވަޅު އެޅުއްވީތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ރ. ފައިނުގެ އިތުރުން ބ. ދަރަވަންދޫ އާއި ރާއްޖޭގެ އެހެން ބައެއް ރަށްރަށަށް ވެސް މި އިރުވައިގައި އާދަޔާ ހިލާފަށް ބޮޑަށް ރަށްގިރުމުގެ މައްސަލައާ ވަނީ ކުރިމަތިވެފަ އެވެ.

ތިމާވެށީގެ ތަޖުރިބާކާރުން ލަފާކުރައްވާ ގޮތުގައި، މީހުން އުޅޭ ރަށްރަށް އާދަޔާ ހިލާފަށް ގިރަނީ، ރަށުގެ ވަށައިގެން ގުދުރަތީ ގޮތުން ވެލި ދައުރުވާ ގޮތް ރަނގަޅަށް ދިރާސާނުކޮށް ބަނދަރާއި ޖެޓީ ހަދަމުން އަންނާތީ އެވެ. އަދި ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން، ރަށުގެ ވަށައިގެން ދައުރުވާ ވެލި މަދުވެ ތޮބީއަތް ބަދަލުވުމަކީ ވެސް އޭގެ ސަބަބެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. މީގެ އިތުރުން ގޮނޑުދޮށުން ވެލިނެގުމާއި މޫސުމީ އެހެނިހެން ބަދަލުތަކަކީ ވެސް ސަބަބެކެވެ.

އެ މައްސަލައާ ގުޅިގެން މަޖިލީހުގެ އެންވަޔަރުމަންޓް އެންޑް ކްލައިމަޓް ޗޭންޖް ކޮމިޓީގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ، ރަށްތައް ނިހާރު ގިރަމުން އަންނަލެއް ބޮޑުކަމުން އެކަމުގައި ސަރުކާރަށް ވެސް ކޮށްދެވޭނެ މާބޮޑު ކަމެއް ނޯންނާނެ ކަމަށެވެ. އަދި ރަށުގެ ތޮބީއަތަށް ބަދަލު އައުމަކީ ބަހަނާއަކަށް ހަދައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުގެންގޮސް ހުއްޓާނުލެވޭނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް