މާލޭ ފަތާ ޓްރެކް ސަރަހައްދުގައި ހަދަމުން އަންނަ ކުޅިބަލަން ތިބޭ ޕްލެޓްފޯމް ނިމެންދެން އެ ސަރަހައްދު ބަންދުކުރަން ނިންމައިފި އެވެ.
ސްވިމިން އެސޯސިއޭޝަނުން ބުނީ، ފަތާ ޓްރެކް ސަރަހައްދުގައި ހަދާ ކުޅިބަލާ ޕްލެޓްފޯމްގެ މަސައްކަތް ކުރާއިރު އެ ސަރަހައްދުގައި ހެވީ ވެހިކަލްތައް ބޭނުން ކުރަމުންދާ ކަމަށެވެ. އަދި އެ ސަރަހައްދުގެ އެއްގަމު ތޮށީގައި ޖަހާފައިވާ ބޮޑެތި ހިލަތައް ވެސް ބަރު އުޅަނދުތައް ބޭނުންކޮށްގެން ނަގަމުން އަންނަ ކަމަށް ވެސް އެ އެސޯސިއޭޝަނުން ބުންޏެވެ. އެހެންކަމުން ފަތަން ދާ ފަރާތްތަކާއި އެހެން ވެސް އާންމު ރައްޔިތުންގެ ސަލާމަތަށް ޓަކައި އިއްޔެއިން ފެށިގެން، އެ މަސައްކަތް ނިމެންދެން ފަތާ ޓްރެކް ސަރަހައްދު ބަންދު ކުރަން ނިންމީ ކަމަށް ވެސް ބުންޏެވެ.
މި މުއްދަތުގައި އެތަނަށް މޫދަށް އެރުމާއި އެހެން ވެސް ގޮތަކުން އާންމުން އެ ސަރަހައްދު ބޭނުން ނުކުރުމަށް ސުވިމިން އެސޯސިއޭޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ފަތާ ޓްރެކް، ސަރަހައްދު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަނީ މާޒިޔާ ކޮންސްޓްރަކްޝަނުންނެވެ. އެ މަސައްކަތްތައް ފަށައިގެންފައި ވަނީ، މި މަހުގެ މެދު ތެރޭގަ އެވެ.
ސްވިމިން އެސޯސިއޭޝަންގެ ބަޔާނުގައި އިތުރަށް ބުނީ، މި މުއްދަތުގައި އެ ސަރަހައްދު ބޭނުންކޮށްގެން އާންމު ފަރާތްތަކަށް ލިބޭ އެއްވެސް ގެއްލުމަކަށް ސްވިމިން އެސޯސިއޭޝަނަށް ވެސް އަދި އެ މަސައްކަތް ކުރާ މާޒިޔާއަށް ވެސް ޒިންމާ ނުނެގޭނެ ކަމަށެވެ.
މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ފަތާ ޓްރެކް ސަރަހައްދު ތަރައްގީ ކުރަން މާޒިޔާއާ ހަވާލުކުރި މަޝްރޫއުގެ ދަށުން، އެ ސަރަހައްދުގައި ހެދުން ބަދަލުކުރާ ކޮޓަރިއަކާއި ފާހާނާ ބަރިއަކާއި މީހުންނަށް އިށީނދެވޭނެހެން ހިޔާ ކުރެވިފައިވާ ސިޑި ބަރިއެއް ހަދާނެ އެވެ.
އެ މަޝްރޫއުގެ މަސައްކަތް ނުނިމި ލަސްވީ، އެ މަޝްރޫއު ފެށުމަސް އީޕީއޭގެ ހުއްދަތައް ނުލިބިގެން ކަމަށް ޔޫތް މިނިސްޓްރީއިން ވަނީ ބުނެފަ އެވެ. އެ މަސައްކަތް ނިންމަން އެގްރިމަންޓްގައި އޮތީ މަސައްކަތް ފަށާ ދުވަހުން ފެށިގެން 120 ދުވަހެވެ.