އިރާގުގައި ހުންނަ އެމެރިކާގެ އެމްބަސީއަށް ރޮކެޓު ހަމަލާތަކެއް ދީފި

އިރާގުގައި ހުންނަ އެމެރިކާގެ އެމްބަސީއަށް ހަމަލާ ދިނީ އެގައުމުގައި ސިލްސިލާ މުޒާހަރާތައް ކުރިއަށްގެންދާ ދަނޑިވަޅެއްގައި -- ފޮޓޯ: ރޮއިޓާސް

ބަޣުދާދު (ޖެނުއަރީ 27): އިރާގުގެ ވެރިރަށް ބަޣުދާދުގައި ހުންނަ އެމެރިކާގެ އެމްބަސީއަށް އަމާޒުކޮށް އިއްޔެ ރޮކެޓު ހަމަލާތަކެއް ދީފި އެވެ.

ޔޫއެސް ޖޮއިންޓް އޮޕަރޭޝަންސް ކޮމާންޑްއިން ނެރުނު ބަޔާނެއްގައިވާ ގޮތުން އެ ރޮކެޓުތައް ވެއްޓުނީ އެމްބަސީ ކައިރީ އޮންނަ ކޯރަކާ ދިމާލަށެވެ. ނަމަވެސް އިރާގުގެ ސަލާމަތީ ފައުޖުތަކާ ގުޅުން ހުރި މީހަކާ ހަވާލާދީ އޭފްއެފްޕީން ވަނީ ތިން ރޮކެޓެއް ސީދާ އެމްބަސީއަށް އެރި ކަމަށް ރިޕޯޓުކޮށްފަ އެވެ. އަދި އެއް ރޮކެޓު ވެއްޓުނީ އެމްބަސީގެ ކެފެޓީރިއާއަށް ކަމަށާއި އެހާދިސާގައި އެކަކަށް އަނިޔާވި ކަމަށް ބުނެފަ އެވެ.

އެއީ މި މަސް ތެރޭ އެ އެމްބަސީއަށް އަމާޒުކޮށް ރޮކެޓު ހަމަލާތައް ދިން ތިން ވަނަ ފަހަރެވެ. ނަމަވެސް އެއީ އެމްބަސީއަށް ހަމަލާއެއް އެރި ފުރަތަމަ ފަހަރެވެ. އަދި މިދިޔަ މަހު ބަޣުދާދުގައި މުޒާހަރާ ކުރި ބަޔަކު އެ އެމްބަސީގައި ރޯކޮށްފައިވެ އެވެ. އޭގެ ފަހުން އެ އެމްބަސީގެ ބޮޑުބައި ބަންދުކޮށް، އެތަނުގެ ގިނަ މަސައްކަތްތައް ވަނީ ހުއްޓާލާފައި ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

އިރާގުގެ ބޮޑުވަޒީރު އާދިލް އަބްދުލް މަހުދީ ވަނީ އެހަމަލާ ކުށްވެރި ކުރައްވާ، އޭގެ ސަބަބުން ގައުމު "ހަނގުރާމައިގެ މައިދާނަކަށް" ބަދަލުވެދާނެ ކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. އަދި އެމެރިކާއިން ވަނީ އިރާގުން އެގައުމުގެ އެމްބަސީ ރައްކާތެރި ކުރުމަށް ގޮވާލާފަ އެވެ.

އެ ހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން ނަގާފައި ނުވެ އެވެ.

އެމެރިކާގެ އެމްބަސީއަށް އެހަމަލާތައް ދިނީ އިރާގުގައި ސަރުކާރާ ދެކޮޅަށް ސިލްސިލާ މުޒާހަރާތައް ކުރިއަށްގެންދަނިކޮށެވެ. މީގެ ތިން މަސް ކުރިން އެގައުމުގެ އެކި ކަންކޮޅުތަކުގައި އެ މުޒާހަރާތައް ފެށީ ކޮރަޕްޝަން އާންމުވެފައިވުމާއި ސަރުކާރުން ރައްޔިތުންނަށްދޭ އާންމު ހިދުމަތްތަކުގެ ފެންވަރު އާދަޔާ ހިލާފަށް ދަށްވުމާއި ވަޒީފާގެ ފުރުސަތުތައް ނެތުމާއި ރައްޔިތުންގެ އަތްމަތި ދަތިވެ ފަގީރުކަން އާންމުވުމުގެ ސަބަބުންނެވެ. އަދި އެ މުޒާހަރާގެ ބައިވެރިން ވަނީ އީރާނުން އިރާގުގެ ދާހިލީ ކަންތައްތަކަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ ނުރުހުން ފާޅުކޮށްފަ އެވެ.

އެމެރިކާއިން ވަނީ މިމަހުގެ ތިނެއްގައި އިރާގުގައި ދިން ހަމަލާއެއްގައި އީރާނުގެ އިސް ޖެނެރަލެއް ކަމަށްވާ ގާސިމް ސުލައިމާނީ އަވަހާރަކޮށްލާފަ އެވެ. އޭގެ ސަބަބުން އިރާގުގެ ޕާލަމެންޓުން ވަނީ އެމެރިކާ ސިފައިން އެގައުމުން ބޭލުމަށް ގޮވާލާ ގަރާރެއް ފާސްކޮށްފަ އެވެ. އެ ގަރާރަށް ފަހު އިރާގު ސަރުކާރާ ގުޅިފައިވާ ހަތިޔާރުއެޅި ޖަމާއަތްތަކުންނާއި އިރާގުގެ ބައެއް ސިޔާސީ ޕާޓީތަކުން ވަނީ އެމެރިކާ ސިފައިން އިރާގުން ނުފައިބާ ނަމަ އިރާގުގައި އެމެރިކާއާ ދެކޮޅަށް އަސްކަރީ ހަރަކާތްތަކެއް ކުރިޔަށް ގެންދާނެކަމުގެ އިންޒާރު ދީފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް