ބިރުދައްކަނީ މުއައްސަސާތައް، ގޭންގުތަކެއް ނޫން: ހިޝާން

ޖެނުއަރީ 23، 2020: ނުކުޅެދުންތެރިކަން ހުންނަ ކުދިންނާ މީހުންނަށް އެހީތެރިވަމުން އަންނަ ދަރުމަވެރިޔާ އަހުމަދު ހިޝާން ސަންއަށް އިންޓަވިއު ދެނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަރުގެ އިންޒާރު ދެމުންދަނީ ގޭންގުތަކުން ނޫން ކަމަށާއި އެއީ ބައެއް މުއައްސަސާތަކުގައި ތިބޭ ބަޔަކު ކުރާ ކަމެއް ކަމަށް ކުރީގެ ޑިސްއެބިލިޓީ އެމްބެސެޑަރު އަހްމަދު ހިޝާން ވިދާޅުވެއްޖެ އެވެ.

"ސަން"އަށް މައުލޫމާތު ދެއްވަމުން ހިޝާން ވިދާޅުވީ މި މަހުގެ 20 ވަނަ ދުވަހު އޭނާ މަގުމަތީގައި ހުއްޓައި، ބަޔަކު އޭނާއަށް މަރުގެ އިންޒާރު ދިން ކަމަށާއި ނަމަވެސް އެއީ މީހުން ހީކުރާ ފަދައިން ގޭންގްތަކަށް ނިސްބަތްވާ ބަޔަކު ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

"އަޅުގަނޑަށް އެނގޭ މާލޭގައި މިއުޅޭ ގުރޫޕުތަކުން އަޅުގަނޑަށް ހަމަލާ ނުދޭނެކަން. އެއީ އަޅުގަނޑަށް ލިބުނު މި އިންޒާރާއި ގުޅިގެން ގުރޫޕުތަކުން ކަންބޮޑުވުން ފާޅުކޮށް، އެތައް ބައިވަރު މެސެޖުތަކެއް ފޮނުވައި، އަޅުގަނޑާ ބައްދަލުކޮށް ހެދި. އެތައް ބައިވަރު ޒުވާނުން،" ހިޝާން ވިދާޅުވި އެވެ.

މަގުމަތީގައި އާންމުކޮށް އުޅޭ އުޅުމުގައި ގުރޫޕުތަކުގައި އުޅޭ ޒުވާނުން ވެސް އެނގޭ ކަމަށާއި އެހެންކަމުން މަރުގެ އިންޒާރު ދިނީ ގުރޫޕަކަށް ނިސްބަތްވާ ބަޔަކު ނޫން ކަން ޔަގީންވާ ކަމަށް ހިޝާން ވިދާޅުވި އެވެ.

"ބައެއް މީހުންނަށް ހީވެދާނެ ބޯދިގުކޮށްފައި ހުންނަ މީހުން މާ ގޯސްވާނޭ. އެކަމަކު އަޅުގަނޑަށް މިއަދު މި ފެނުނީ އެ ބުނާ ބޯދިގުކޮށްފައި ތިބޭ މީހުން މާ ރަނގަޅު ކަމަށް. އެމީހުން އައިސް އަޅުގަނޑަށް ރައްކާތެރިކަން ދޭން އެންމެ ފުރަތަމަ ވެސް އިސްނެގީ. މީހަކަށް ބަލާލާފައި ބުނެގެން ނުވާނެ އޭނާ ބޯދިގުކޮށް ހުރީމަ އެއީ ގޯސް މީހެކޭ. އެމީހެއްގެ އަމަލުތަކުން އެމީހަކީ ގޯސް، ރަނގަޅު މީހެއްތޯ މިން ކުރަންވާނީ،" ހިޝާން ވިދާޅުވި އެވެ.

މީގެ އިތުރުން ހިޝާން ވިދާޅުވީ 2013 ވަނަ އަހަރުން ފެށިގެން އެކި ބާވަތްތަކުގެ އިންޒާރު ލިބުނު ކަމަށާއި ނަމަވެސް ކުރިއާ ހިލާފަށް މިފަހަރު ފުލުހުން އަމަލުކޮށްފައިވަނީ ވަރަށް ރަނގަޅަށް ކަމަށެވެ.

ހިޝާން ހާއްސަ އެހީއަށް ބޭނުންވާ ކުދިން ގޮވައިގެން ހުކުރަށް ދަނީ. ހިޝާން ބުނީ އެކުދިން ގޮވައިގެން ހުކުރަށް ދިޔަ ދުވަހެއްގައި ވެސް ބަޔަކު އައިސް މަރުގެ އިންޒާރު ދިން ކަމަށް-- ސަން ފޮޓޯ

އެގޮތުން ކުރިން މައްސަލަ ހުށަހެޅުމުން ދެން އެހިސާބުން އެ ނިމުނީ ކަމަށާއި ނަމަވެސް މިފަހަރު ދިމާވި މައްސަލައާއި ގުޅިގެން ފުލުހުންނާއި ސަރުކާރުގެ އިސް ބޭފުޅުން ގަވާއިދުން އޭނާއަށް ގުޅުއްވައި، ހާލު ބައްލަވާ ކަމަށް ހިޝާން ވިދާޅުވި އެވެ.

މިފަހުން އިންޒާރުތައް އަންނަން ފެށީ ކޮން ސަބަބަކާ ހުރެތޯ ސުވާލު ކުރުމުން ހިޝާން ލަފާ ކުރެއްވީ އެއީ މީގެ ކުރިން ހާއްސަ އެހީއަށް ބޭނުންވާ ދެ މީހަކާ ދެކޮޅަށް ކޯޓަށް ވައްދާފައި އޮތް މައްސަލައެއް އެމީހުންނަށް އެއްކޮޅަށް ނިމުމުން، އެމީހުންގެ މައްޗަށް ދައުވާކުރި މީހުން ހިތްހަމަ ނުޖެހިގެން ކުރިކަމެއް ކަމަށެވެ.

އެ މައްސަލައަކީ އެ ދެމީހުންނަށް އޮޅުވާލައިގެން ބަޔަކު އެމީހުންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ކަމަށާއި ނަމަވެސް އެ މައްސަލައިގައި ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ އެ ދެމައިންގެ މައްޗަށް ދައުވާކުރި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަސްލު މި ހުރިހާ ކަމެއް ފެށުމަކީ ކުރީގެ ޕީޖީ ބިޝާމް. ކުރީގެ ޕީޖީއަށް ތާއީދުކުރާ މީހުންގެ ކަންތައްތައް މިއުޅެނީ. ހަގީގަތުގައި ފަނޑިޔާރުގޭގެ އިންސާފު އެ އާއިލާއަށް ލިބުނީމަ އެ ހުކުމް ކުރަން ބޭނުންވި ބަޔަކު ހިތްހަމައެއް ނުޖެހޭނެތާ،" ހިޝާން ވިދާޅުވި އެވެ.

ކުރީގެ ޕީޖީ ބިޝާމްއަށް ސަޕޯޓުކުރާ ބަޔަކު އަދިވެސް ޕީޖީ އޮފީހުގައި އުޅޭ ކަމަށް ހިޝާން ތުހުމަތު ކުރެއްވިއިރު، ހިޝާން ކުރައްވާ މަސައްކަތުގެ ސަބަބުން ހިޝާންގެ އާއިލާގެ ބައެއް މެމްބަރުންނަށް ވެސް މުއައްސަސާތަކުން ހުރަސް އަޅަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް-- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެގޮތުން އެމްއެންޑީއެފްގައި އުޅޭ ހިޝާންގެ އާއިލާ މެމްބަރަކު އޭނާ ކުރާ މަސައްކަތުގައި ބައިވެރިވެ، އޭނާއާ އެއްކޮށް އުޅޭތީ ޕްރޮމޯޝަނެއް ނުލިބޭތާ އަށް އަހަރުވެފައިވާ ކަމަށް ހިޝާން ވިދާޅުވި އެވެ.

ހިޝާން ވިދާޅުވީ ސޯޝަލް މީޑިއާގައި ފޭކު އެކައުންޓްތަކެއް ހަދައިގެން ވެސް ބަޔަކު އޭނާއަށް އިންޒާރު ދީ، ބިރުދައްކަމުން އަންނަ ކަމަށެވެ.

މިފަދަ އިންޒާރުތަކާ ހުރެ ނަފްސާނީ ގޮތުން ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި އުޅެން ޖެހިފައިވާ ކަމަށާއި ނަމަވެސް، އޭނާ ކުރަމުންގެންދާ މަސައްކަތް ހުއްޓާ ނުލައްވާނެ ކަމަށް ހިޝާން ވިދާޅުވި އެވެ.

ހިޝާން ކުރެއްވި ތުހުމަތުތަކާ ގުޅިގެން "ސަން" އިން ސުވާލު ކުރުމުން ކުރީގެ ޕީޖީ ބިޝާމް ވިދާޅުވީ އެ މައުލޫމަތު ޕީޖީ އޮފީހުން ސާފުކުރެވޭނެ ކަމަށެވެ.

comment ކޮމެންޓް