ގްރީސްގެ އާ ސަފީރު ރައީސަށް ފަތްކޮޅު އަރުވައިފި

ގްރީސް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އެރުވުން -- ފޮޓޯ/ރައީސް އޮފީސް

ގްރީސް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ޑިއޮނީސިއޯސް ކީމްއެޓޮސް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް މިއަދު އަރުވައިފިއެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ގްރީސްގެ އާ ސަފީރާ ބައްދަލުކުރައްވައި ރައީސް ވަނީ ސަފީރަށް ތަހުނިޔާ ވިދާޅުވެފައެވެ.

އަދި އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދެ ގައުމުގެ ދޭދޭ ގުޅުން އިތުރަށް ބަދަހިވާނެކަމަށް އުންމީދުކުރައްވާ ކަމުގައި ރައީސް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ގްރީސްގެ އާ ސަފީރު ދެއްކެވި ވާހަކައިގައި ގްރީސް ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމަކީ ލިބިވަޑައިގެންނެވި ފަހުރެއްކަމަށާއި، އޭނާގެ ސަފީރުކަމުގެ ދައުރުގައި ރާއްޖެއާ ގްރީސްގެ ގުޅުން ދެގައުމަށްވެސް ފައިދާވާ އެކި ދާއިރާތަކުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވިއެވެ.

މިގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރޭގައި، މޫސުމަށް އަންނަ ބަދަލުތަކާއި، ގުދުރަތީ ވެށްޓާއި ތަރިކަ ރައްކާތެރިކުރުން ފަދަ ދާއިރާތައް ހިމެނޭކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ ގްރީސްގެ އާ ސަފީރު ދެއްކެވި ވާހަކަފުޅުގައި ދިވެހި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ފުރިހަމަކަމާއިމެދު ދިވެހި ސަރުކާރަށް ތައުރީފުކުރައްވާފައިވާ ކަމަށެވެ.

ރާއްޖޭގެ އިގްތިސޯދުގެ މައި ނާރަކީ ފަތުރުވެރިކަން ކަމުގައި ފާހަގަކުރައްވާ، ރައީސް ވަނީ ގްރީސް އިން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ.

އަދި ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކަށް ރާއްޖެއިން ބޭރުކުރާ މަހުގެ ބާވަތްތަކަށް މިހާރު ނަގަމުންދާ ޓެކްސް ކުޑަކުރުމަށް އެހީތެރިކަން ބޭނުންވާކަމުގައި ރައީސް ވިދާޅުވިއެވެ.

ސަފީރު ވަނީ ދެ ގައުމުގެ ދޭތެރޭގައިވާ ގުޅުން އެކި ދާއިރާތަކުން އިތުރަށް ބަދަހިކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވާނެ ކަމަށާއި، ގްރީސް ސަރުކާރުން ރާއްޖެއަށް ބޭނުންވާ އެންމެހާ އެހީތެރިކަމަކާއި އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ރައީސަށް އަރުވައިފައެވެ.

comment ކޮމެންޓް